މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ބަލިން ރަނގަޅުވެފައިވާ މީހުންގެ ނިސްބަތް ދެމެގަތުމަށް އެންޓިބޮޑީ ޓެސްޓިން މެދުވެރިކޮށް ސާވޭއެއް ފަށަން ނިންމާފައިވާ ކަމަށް ހެލްތް އިމަރޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ހެލްތް އިމަރޖަންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، މުޖުތަމައުގައި ބަލިޖެހި، ރަނގަޅުވެފައިވާ މީހުން ދެނެގަތުމަށް އެންޓިބޮޑީ ޓެސްޓިން މެދުވެރިކޮށް ސާވޭއެއް ހަދަން ނިންމާފައިވާ ކަމަށެވެ.

މި ސާވޭ ކުރިއަށް ގެންދާނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި، ހެލްތް އިމަރޖަންސީ އޮޕަރޭޝަން ސެންޓަރު ގުޅިގެން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އާބާދީގެ ތެރެއިން ގިނަބަޔަކު ޕޮޒިޓިވްވެފައިވާކަން ދެނެގަތުމަށް ގިނަ ބައެއްގެ ސާމްޕަލް ނަގަން ޖެހޭނެ ކަމަށެވެ. މި މަސައްކަތަކީ ފުދޭވަރެއްގެ ބޮޑު މަސައްކަތަކަށް ވާނެކަމަށާއި، މީގެ ސްޓަޑީ ޕްރޮޓޮކޯލް މިހާރު ފާސްވެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިމަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ސާވޭއަށް ބޭނުންވާ ތަކެތި ހޯދުމާއި، އެހެނިހެން ތައްޔާރީތައް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިސާވޭ ކުރިއަށްއޮތް ކުދެތިން ހަފްތާގެ ތެރޭގައި ފެށުމަށް ރާވާފައިވާ ކަމަށާއި، އޮކްޓޫބަރު މަހުގެ ތެރެގައި މިމަސައްކަތް ކުރިއަށްދާނެ ކަމަށް ލަފަކުރެވޭ ކަމަށް ވިދާޅުވިއެވެ.

މިދިޔަ ޖުލައިމަހުގެ ތެރެގައި އޭޑީކޭ ހޮސްޕިޓަލުން ވަނީ ފްރަންޓްލައިންގައި މަސައްކަތްކުރާ 3004 މިހެއްގެ އެންޓިބޮޑީ ޓެސްޓު ހަދައިދީފައެވެ. މި ޓެސްޓުގެ ތެރެއިން ފްރަންޓްލައިންގައި މަސައްކަތްކުރާ 125 މީހެއްގެ ގައިމް އެންޓިބޮޑީ ފެނިފައިވެއެވެ.

މި ޓެސްޓު ހެދުމަށްފަހު އޭޑީކޭ ހޮސްޕިޓަލުން ވަނީ ރާއްޖެއަށް ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށް އެންޓިބޮޑީ ޓެސްޓުހެދުން މުހިއްމު ކަމަށާއި، މީގެ ދިރާސާތައް ހެދުން މުހިއްމުކަން ފާހަގަކޮށްފައެވެ.