ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ގިނަ ތަންތަނުން އަަމަލުކުރަމުންދާ ކަމަށް އެ އެޖެންސީ އިން ބުނެފިއެވެ.

އާންމު ހިދުމަތްދޭ ތަންތަނުން އުސޫލުތަކަށް އަމަލުކުރަމުން ގެންދޭތޯ ބެލުމަށް މިހާރު ކުރިޔަށްގެންދާ މާސް އިންސްޕެކްޝަންގައި، މިމަހުގެ 20 ވަނަ ދުވަހު މާލޭގައި ފެށި އިންސްޕެކްޝަން ބުރުގައި މިހާތަނަށް ޖުމްލަ 259 ތަނެއް ބަލާފައިވާ ކަމަށް އެޗްއީއޯސީން ބުނެއެެވެ.

އެ ސެންޓަރުން ބުނީ، 259 ތަނުގެ ތެރެއިން، 254 ތަނަކުން ގައިޑްލައިންތަކަށް އަމަލުކުރާ ކަމަށް ފާހަގަވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 206 ފިހާރައާއި، 39 ކެފޭ، 6 ސެލޫން އަދި 3 މާރުކޭޓެވެ.

އުސޫލުތަކަށް އަމަލުކުރަމުން ނުދާތީ 5 ތަނެއް ބަންދުކުރި އިރު، ކަންކަން އިސްލާހު ކުރުމުން އޭގެ ތެރެއިން ފިހާރައަކާއި ކެފޭއެއް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.

އެޗްއީއޯސީން ބުނީ އިންސްޕެކްޝަންގެ ތެރެއިން ޕަބްލިކް ޓްރާންސްޕޯޓާއި، ބައެއް އޮފީސްތައް ވެސް އިންސްޕެކްޓު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ގުލިގެން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައި އޮތް ލޮކްޑައުންއަށް ދިން ލުއިތަކުގެ ތެރޭގައި އާއްމު ހިދުމަތްދޭ ތަންތަނަށް ހިދުމަތްދިނުމުގެ ހުއްދަ ވަނީ ދީފައެވެ. މި ހުއްދަތައް ދީފައިވަނީ މި ތަންތަނުން އަމަލުކުރަންޖެހޭ ވަކި ގައިޑްލައިންއެއް އެކުލަވާލުމަށްފަހުއެވެ.

ގައިޑްލައިންތަކާ އެއްގޮތަށް އާއްމު ހިދުމަތްދޭ ތަންތަނުން އަމަލުކުރޭތޯ ބެލުމަށް އިންސްޕެކްޝަންތައް ކުރިއަށްގެންދާއިރު، އެތަނެއް ގައިޑްލައިންއާއި ހިލާފުކަން ފާހަގަކުރެވޭ ފުރަތަމަ ފަހަރު ތަން ބަންދުކުރުމަށްފަހު ގައިޑްލައިންއާ އެއްގޮތްކުރުމަށް ވަކި މުއްދަތެއް ދެއެވެ.

ދެވަނަ ފަހަރު އަދި ތިންވަނަ ފަހަރު އެތަނެއް ބަންދުކުރުމަށްފަހު ޖޫރިމަނާކުރެއެވެ. އަދި އެތަނެއް ގައިޑްލައިންއާއި އެއްގޮތް ކުރުމަށްފަހު އަލުން ހުޅުވޭނެ ވަކި މުއްދަތެއް ދެއެވެ.