ކޮވިޑްގެ ބަދަލުވަމުންދާ ހާލަތްތަކާއެކު ރާއްޖެއަށްވެސް އޭގެ ދެވަނަ ރާޅެއް މިވަނީ ބިންދާލައިފައެވެ. މިހާރު އެ ރާޅުގެބާނިތަކުގެ ތެރެއިން ނުކުމެ، ކޮންމެވެސް ވަރަކަށް ހައްލެއް ލިބެމުން އައިސް، ޕޮޒިޓިވްވާ މީހުން މަދުވަމުން އައި ނަމަވެސް، އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކުން އަތް ދޫކޮށްލެވޭކަށް ނެތެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާސްކް އަޅައިގެން ބޭރުގައި އުޅުން މަޖުބޫރުކޮށްފައި އެއޮތީވެސް އެހެންވެއެވެ. ނުރައްކަލަކަށް ބަދަލެއް ނާދެއެވެ.

ކޮވިޑް ހުއްޓުވުމާގުޅޭ ގައުމީ ކެމްޕޭންގައި އާއްމުންގެ ހޭލުންތެރިކަން އިތުރުކުރަން ވާހަކަ ދައްކަވަމުން ޕަބްލިކް ހެލްތު އެކްސްޕާޓް، ޑރ. ޝީނާ މޫސާ ދާދިފަހުން ވިދާޅުވީ މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ފެތުރިފައި އޮތް ކޮވިޑް-19 އިން އަރައިގަނެވޭނީ އެޗްޕީއޭގެ އެންގުންތަކަށް ފުރިހަމައަށް ބޯލަނބައިގެން ކަމަށެވެ. ކޭސްތައް އިތުރުވާން ފެށުމާއެކު މާސްކް މަޖޫބޫރުކުރުމުން، އެ އަޅައިގެން ބޭރަށް ނުކުންނަން ހަނދާން ހުއްޓަސް، އަތްދޮވުން ފަދަ މުހިއްމު ފިޔަވަޅުތަކަށް ފަރުވާކުޑަކުރެވޭކަން ޕޮޒިޓިވްވާ މީހުންގެ އަދަދުން ފެންނަ ކަމަށް ވިދާޅުވިއެވެ.

"މާސްކަކީ އަބަދު އަތްލައި އުޅޭ އެއްޗެއް. މާސްކް ތިރިކުރަން ނުވަތަ ރަނގަޅުކޮށްފައި އުޅޭއިރު ހޭންޑް ހައިޖިން މަތިން މިހާރު އެބަ ހަނދާން ނެތޭކަން ފާހަގަކުރެވޭ،"
ޑރ. ޝީނާ މޫސާ

ޑރ. ޝީނާ މޫސާ ފާހަގަކުރެއްވި ފަދައިން، މުޖުތަމައުގައި "ނިއު ނޯމަލް" އުސޫލުގެ ތެރެއިން ގިނަ ބަޔަކު އަންނަނީ މާސްކް އަޅައިގެން އުޅޭއިރު ސަމާލުވާންޖެހޭ ކަންތައްތައް ހަނދާން ނެތެމުންނެވެ. މާސްކް އަޅައިގެން ބޭރުގައި ސަމާލުނުވެ އުޅެފިނަމަ ބަލި ހިފައިގެން ގެއަށްދާ މީހަކަށް ތިމާ ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މާސްކް އެޅުމުގެ ބޭނުމަކީ ކޮވިޑް-19 އިން ރައްކާތެރިވުމެވެ. އެކަމަކު، މާސްކް އެޅުން އޭގެ ބޭނުން ނުހިފޭ ގޮތަކަށް އަޅައިގެން ހުރެފިނަމަ އޭގެން ކުރަންޖެހޭ މަންފާ ނުކުރާނެއެވެ. ލިބެންޖެހޭ ރައްކާތެރިކަމެއް ނުލިބޭނެއެވެ.

ތަފާސްހިސާބުތަކުން ފެންނަން އޮތް ބޮޑު ހަގީގަތަކީ ގެއިން ބޭރަށް ނުނިކުންނަ މީހުންނަށް ވައިރަސްޖެހޭ ނިސްބަތް ހީކުރާ ވަރަށްވުރެން ގިނަކަމެވެ. ޔަގީނުންވެސް އަދި މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެނގެން އޮތް ހަގީގަތަކީ، މިއީ އޭގެ ޒާތުގައި ވައިގެ ތެރޭގައި ދައުރުވާ އެއްޗެއް ނޫން ކަމެވެ. ވައިރަސް ގޭގެއާ ހަމައަށްދަނީ ކޮންމެވެސް މީހެއް މެދުވެރިކޮށެވެ. އެހެންވުމުން، ގެއަށް ވައިރަސް ނުވަނުމުގެ ހުރިހާ ޒިންމާއެއް އޮތީ އެ ގެއެއްގައި ދިރިއުޅޭ ވަކިވަކި ފަރުދުންގެ އަތްމަތީގައެވެ.

އާއްމުން އެއްތަނަކަށް ޖަމާވާފަދަ ކަންކަން ނުކުރުމާއި ޕާކުތަކާއި ރެސްޓޯރަންޓްތަކަށް ދިޔަޔަސް ގިނައިރުތަކެއް ވަންދެން ނުތިބުމާއި ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަމަށް ވިސްނަން ޖެހެއެވެ. ކޮފީއަށް ދިއުން ފަދަ ކަންކަމުގައި ހޭދަކުރާ ވަގުތު މަދުކޮށް، ވިޔަފާރިތައް ހިންގާ މީހުންވެސް މުވައްޒަފުންނާއި ހިދުމަތް ހޯދާ މީހުން ގިނަ ވަގުތު އެއް ތަނެއްގައި އުޅެން ހިތްވަރު ނުދީ، ވަގުތު މަދުކުރަން ބާރުއެޅުމަކީ ދިރިއުޅުމުގެ އާދަކާދަތަކަށް މިހާރު މިއޮތް "ނިއު ނޯމަލް" އުސޫލުތަކުގެ ތެރެއިން ގެނެވިދާނެ މުހިއްމު ބަދަލެކެވެ.

ޑރ. ޝީނާ ދެކެވަޑައިގަންނަވާ ގޮތުގައި، މާލޭގެ ކާރޫބާރޫބޮޑު މާހައުލުގެ ތެރޭގައިވެސް މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުވެ، ވިސްނަން ޖެހެއެވެ.

"ވަކި ފަރުދެއް ނޫން، އިންސްޓިޓިއުޝަންތަކުން ވެސް މިބަދަލަށް މަސައްކަތް ކުރަންޖެހޭ. ސަރުކާރު އޮފީސްތަކުންވެސް ކުރަންޖެހޭ. ވަރަށް ގިނައިން ކައުންޓަ ސާވިސަސް ދޭއިރު އޮންލައިންކޮށް ދޭގޮތަށް ބަދަލުކުރެވިދާނެ،"
ޑރ. ޝީނާ މޫސާ

ދިރިއުޅުމުގެ ބައެއް ކަންތައްތައް ފުރިހަމަކުރަން ޒަރޫރީ ބޭނުންތަކުގައި އަދިވެސް އޮތީ މާލެއަށް ބަރޯސާވާން ޖެހިފައެވެ. އެހެންކަމުން، ހާއްސަ އުސޫލެއްގެ ދަށުން ރަށްރަށުން މީހުން މާލެ އަންނަން ޖެހެއެވެ. ހަމަ އެގޮތަށް، މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން އިގްތިސާދީ ގޮތުން ދިމާވެފައިވާ ބޮޑެތި ދަތިކަމާހުރެ މާލެ ދޫކޮށް ގިނަބަޔަކު އަންނަނީ ރަށްރަށަށް ވެސް ބަދަލުވަމުންނެވެ.

މާލެ ސަރަހައްދަކީ ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު ސަރަހައްދެވެ. މި ސަރަހައްދުން ރަށަށްދާ މީހުން ކަރަންޓީނުގެ މުއްދަތަކަށް ގޭގައި ހުރެފައި ނުކުންނައިރު، ކޮވިޑް-19 އަށް ޓެސްޓްކޮށްފައި އާންމުންގެ ތެރެއަށް ދޫކޮށްލި ނަމަވެސް ފަހަކަށްއައިސް ފެންނަން އޮތީ، ކަރަންޓީނުގެ މުއްދަތުގައި އުސޫލާ ހިލާފުވެ ބޭރަށް ގޮސް އުޅުމުގެ ސަބަބުން އެކި ރަށްރަށުގައި ކޮވިޑް-19 ފެތުރޭ މައްސަލައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު އަދި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގުގެ ބަހުންނަމަ، ރަށްރަށަށް ފޮނުވާ މީހުން އުސޫލުތަކާ ހިލާފަށް އަމަލުތައް ބަހައްޓާނަމަ، އެ ލިބެނީ ވަރަށް ބޮޑު ގެއްލުމެކެވެ. އެއީ، ވޭތުވެދިޔަ ހަމަސްދުވަހު، ބަލި ކޮންޓްރޯލް ކުރުމުގައި ހޯދި ކުރިއެރުން ގެއްލިގެން ހިނގައިދާނެ ކަމެއްގެ ގޮތުގައި ޑރ. ނަޒްލާ ސިފަކުރެއްވިއެވެ.

"ހަ މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކުރި ބުރަ މަސައްކަތާއި އެ ދުވަސްތަކުގައި ރައްޔިތުން ތަހައްމަލުކުރި ބުރަ އެއްވެސް ބޭނުމެއް ނެތް ގޮތުގައި ދާނީ ބޭކާރުވެގެން. އެހެންވެ އަޅުގަނޑުމެންގެ އިލްތިމާސެއް މިއީ، ހުރިހާ ބޭފުޅުން ވެސް އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން،"
ޑރ. ނަޒްލާ ރަފީގު

ލޮކްޑައުންގައި ނޫނަސް ސަމާލުވާންޖެހޭ ކަންތައް އެބަހުރި؛

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެން ފެށިއިރު މާލެ ސަރަހައްދު ލޮކްޑައުންގައި އޮތްއިރު ބޭރަށް ނުކުމެ އުޅެވޭ އެކި އުސޫލުތައް އެޗްޕީއޭގެ ލަފާގެމަތިން އާއްމުކުރިއެވެ. ހަފްތާއަކު ވަކި ދުވަސްތަކެއްގައި ކޮންމެ ގޭބިސީއަކުން މީހަކު ނުކުންނަ ގޮތަށެވެ. ފަހުން އެ އަދަދު އިތުރުވެސް ކޮށްދިނެވެ. ބޭރަށް ނުކުންނަ މީހާ ހާއްސަކޮށް ފަރުވާތެރިވާން ލަފާވެސް ދިނެވެ. މީގެއިތުރުން، ވިޔަފާރިތަކުން ޑެލިވަރީ ކޮށްދޭން ހަމަޖައްސާފައިވާ މީހުން ގައިދުރުކަން ބަހައްޓައިގެން އަމަލުވެސް ކުރިއެވެ. އަދި ގޭގެއިން ޑެލިވަރީ ކުރާ އެއްޗެހި ގެނެސް ބޭނުންކުރަން ފަށަނީ އެ ދޮވެ ސާފުކޮށްގެންނެވެ.

ދިރިއުޅުމަށްޓަކައި މަސައްކަތްކުރަން ޖެހޭއިރު ބޭރުގައި އުޅެންޖެހޭ ވަގުތު ބިނާވަނީ އެމީހަކު ކުރަންޖެހޭ މަސައްކަތެއްގެ މައްޗަށެވެ. އެކި މީހުންނަށް އޮންނަނީ މަސައްކަތް ކުރުމަށް އެކި ވަގުތެވެ. އެކަމަކު، އެ ހުރިހާ ވަގުތެއްގައިވެސް ވިސްނަން ޖެހޭނީ ކޮވިޑް-19 އިން ރައްކާތެރިވުމަށެވެ. އެއީ ގައިންގަޔަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވާއިރު، ތިމާއަކީ ބަލި ހިފައިގެން ގެއަށްދާ މީހާއަށް ވެއްޖެނަމަ، ބަލީގެ ނުރައްކަލަށް އެ ހުށަހެޅެނީ ގޭގައި ތިބޭ އެންމެނެވެ. އެހެންކަމުން ވީ އެންމެ ފުރިހަމައަކަށް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުން މުހިއްމެވެ. ބަލި ޖެހުނަސް ފަސޭހައިން ރަނގަޅުވާ މީހުން ގިނަޔަސް، ވައިރަހުގެ ނުރައްކާ ބޮޑުވެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ މީހުންވެސް ތިބީމައެވެ.

ކޮވިޑް-19 ހުއްޓުވަން އެކި ގޮތްގޮތަށް އެކި ފިޔަވަޅު އެޅިއްޖެއެވެ. ހަރުކަށި ފިޔަވަޅުތަކެއްގައި ވެސް ދުވަސްތައް ހޭދަކޮށްފީމެވެ. ލުއިތަކެއް ދީފައިވާތީ މިހާރު މިއަންނަނީ އެ ހާލަތަށް ހޭނެމުންނެވެ. މި ބަލި ކޮންޓްރޯލް ކުރުމުގެ އަޒަމުގައި އެންމެންވެސް މަސައްކަތްކޮށްފިނަމަ މީގެ ނަތީޖާ ރަނގަޅުވާނެއެވެ.

ކޮވިޑް-19 އިން އަމިއްލަ ނަފްސާއި އެހެން މީހުން ރައްކާތެރިކުރުމުގައި ކޮންމެ މީހަކަށްވެސް މުހިއްމު ރޯލެއް އަދާކުރެވޭނެއެވެ. އެއީ އެމީހެއްގެ އަމިއްލަ ޒިންމާއާ ގުޅިފައިވާ ކަމެކެވެ. އަދި ރައްކާތެރިވުމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް އެހެން މީހުންނަށްވެސް ނަސޭހަތްތެރިވެގެންނެވެ. އަމިއްލަ ގެއަށް ކޮވިޑް-19 ނުވައްދާ މީހަކަށް ތިމާ ވުމުގެ އަމާޒުގައި މަސައްކަތްކުރާނަމަ، އެއީ މި ބަލިމަޑުކަމުން އަރައިގަނެ އާއްމު ހާލަތަކަށް ގެންދަން ވެވޭވެ އެންމެ ބޮޑު އެއް އެހީއެވެ.

އެޑިޓަރުގެ ނޯޓު:

މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.