ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމާއި، އެފަދަ ކަންކަމާ ގުޅޭ ޚަބަރާއި މަޢުލޫމާތު މުވާސަލާތުކުރުމުގައި ބައިނަލްއަޤުވާމީ ގޮތުން ގެންގުޅޭ އުޞޫލުތަކަށް ދިވެހި މީޑިއާ އަހުލުވެރިކޮށް، ބާރުވެރިކުރުވުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން ވެބިނާއެއް ބައްވައިފިއެވެ.

މި ވެބިނާގައި ހޯމް މިނިސްޓްރީންނާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް، މޯލްޑިވްސް ޕޮލިސް ސާވިސް، ޔޫއެންއޯޑީސީ، އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިން ޑިވޮލޮޕްމެންޓް އަދި ލެކްޗަރަރއިންގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން ބޭފުޅުން ބައިވެރިވެ، ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާދިއުން ފަދަ ކަންކަމާއި ގުޅޭ ހަބަރުތައް ކަވަރުކުރުމުގައި މީޑިއާއިން ސަމާލުކަން ދޭންވީ މުހިއްމު ކަންކަން ފާހަގަކޮށްފައިވެއެވެ.

މި ވެބިނާއާއި ގުޅޭގޮތުން ހޯމް މިނިސްޓްރީން ބުނީ މީޑިއާއަކީ ހައްސާސް މަޢުލޫމާތު ޢާއްމުންނަށް ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރު އަދާކުރާ ބާރަށްވާއިރު، ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމާ ގުޅޭ ހައްސާސް މައްސަލަތައް ރިޕޯޓުކުރުމުގައި ބައެއްފަހަރު މީހުންގެ ތެރޭގައި އިތުރު ބިރުވެރިކަމާއި ހަމަނުޖެހުން އުފެދޭގޮތް މެދުވެރިވާ ކަމަށެވެ.

އަދި ރިޕޯޓްކުރެވޭ ގޮތުން ހަރުކަށި ފިކުރުތަކާއި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މެސެޖަށް އިތުރު ބާރު ލިބޭ ގޮތްވެސް މެދުވެރިވާކަށާއި، އެހެންކަމުން މިފަދަ ޚަބަރާއި މަޢުމޫލާތު ރިޕޯޓުކުރުމުގައި ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކަށް ޢާއްމުންގެ މެދުގައި މަޝްހޫރުކަމާއި ބާރުވެރިކަން ނުލިބޭފަދަ ގޮތަކަށް ރިޕޯޓުކުރުމަށް އިސްކަންދިނުން ވަރަށް މުހިންމު ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން މިފަދަ ހަރުކަށި ފިކުރާގުޅޭ މަޢުލޫމާތާއި ޚަބަރު ފެތުރުމުގައި ގެންގުޅެންޖެހޭ މުވާސަލާތީ އުކުޅުތައް ދެނެގަތުމާއި މިމަޢުޟޫޢަށް އަހުލުވެރިވުމަކީ، ޤައުމީ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް މީޑިއާގެ މައްޗަށް އޮންނަ މަސްއޫލިއްޔަތެއްކަން ފާހަގަކޮށް ހޯމް މިނިސްޓްރީން ބުނީ ނޫސްވެރިކަމުގެ ސުލޫކާއި އުޞޫލުތަކަށް އަހައްމިއްޔަތުކަން ދިނުމާއެކު، ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމާ ގުޅުންހުރި ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި އުސޫލުތަކަށް ސަމާލުކަންދީގެން ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ޘަޤާފަތެއް ޤާއިމުކުރުމަކީ މިވެބިނާގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

މިވެބިނާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ނަޒީރު ވިދާޅުވީ، ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމަކީ މިއަދު މިރާއްޖޭގައި ވަކިވަކި އައިސޮލޭޓެޑް މައްސަލަ ތަކަށްވުރެ ބޮޑަށް، ހިސާބުތަކުން ފެންނަގޮތުގައި ޤައުމީ ބޮޑު މައްސަލައެއް ކަމަށެވެ.

ވޭތުވެދިޔަ މާޒީގައި ކަން ހިނގާފައިވާ ގޮތުން ދައުލަތުގެ މުއައްސަސާތަކަށް އެކަށީގެންވާ ގޮތުގައި މި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ފުރުސަތު ނުލިބުނު ކަމުގައިވިޔަސް، ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ހަރުދަނާ ސިޔާސަތެއްގެ ތެރެއިން ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމުގެ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދަން މަސައްކަތް ކުރައްވާކަމަށް ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ ސަރުކާރުގެ ސްޓްރެޓެޖިކް އެކަޝަން ޕްލޭންގައި މިކަމާ ގުޅޭ ސިޔާސަތުތައް ހިމަނާފައިވާނެ ކަމަށާއި. މި ވެބިނަރއަކީ އެސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި މީޑިއާ ބާރުވެރިކުރުމަށް ރާވާ ހިންގާ މިފަދަ ފުރަތަމަ ހަރަކާތް ކަމަށް ވިދާޅުވިއެވެ.

މިއަދު ހެނދުނުން ހަވީރުގެ ނިޔަލަށް ކުރިއަށްގެންދިޔަ މިވެބިނާގައި ބައިވެރިވި ނޫސްވެރިންނާއި، ސަރުކާރުގެ އެހެން އިދާރާތަކުގެ ބޭބޭފުޅުންނަށް ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާދިއުމާ ގުޅޭ އެތައް މައުލޫމާތުތަކެއް ދީފައިވާއިރު، ވެބިނާގެ ބައިވެރިންގެ ހުރި ސުވާލުތަކަށްވެސް ޕެނަލިސްޓުންގެ ފަރާތުން ޖަވާބުދީފައިވެއެވެ.

މި ވެބިނާރގައި ވީމީޑިއާގެ ފަރާތުން ބައިވެރިވެފައިވަނީ ވީޑިއޯ ޖާނަލިސްޓު ޠޯހިރާ އަޒްހާރެވެ.