ކާމިޔާބު ވެކްސިނެއް އުފެއްދުމުގެ ކުރިން ކޮވިޑް ބަލީގައި ދެމިލިއަން މީހުން މަރުވެދާނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން އިންޒާރު ކޮށްފިއެވެ.

ހަމަ އެއާއެކު، މިބަލިމަޑުކަން ފެތުރުން ހުއްޓުވަން އާރުލާ ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ މަރުވާ މީހުންގެ އަދަދު އެއަށްވުރެންވެސް އިތުރުވެގެން ހިނގައިދާނޭ ކަމަށް ޑަބްލިޔޫއެޗްއޯއިން އިންޒާރުގައި ވެއެވެ.

ޖެނީވާގައި ބޭއްވި ވާޗުއަލް ޕްރެސް ކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން، ޑަބްލިޔޫއެޗްއޯގެ ހެލްތު އިމަޖެންސީ ޕްރޮގްރާމްގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ ޑރ. މައިކަލް ޖޭ ރަޔާން ވިދާޅުވީ، ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ ދެމިލިއަން މީހުން މަރުވުމަކީ ހަމައެކަނި ކުރެވޭ ހީއެއް ނޫން ކަމަށާއި، އެއީ ހަމަ ވެދާނޭ ކަމެއް ކަމަށެވެ.

ކޮވިޑް-19 ބަލިޖައްސާ ކޮރޯނާވައިރަސް ދުނިޔެއިން ފެނުނުތާ 9 މަސް ފުރިގެން ގޮސްފައިވާއިރު، މިބަލީގައި މިހާތަނަށް 988،965 މީހުން މަރުވެފައި ވެއެވެ. 3.5 މިލިއަނަށްވުރެ ގިނަމީހުންނަށް މި ބަލި ޖެހިއްޖެކަމަށް ރެކޯޑުކޮށްފައި ވެއެވެ.

ހަމަ އެއާއެކު، ބަލިޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް 22.5 މިލިއަންމީހުން ބަލިން ފަސޭހަވެފައިވެސް ވެއެވެ.

"އެއް މިލިއަނަކީ ވަރަށް ނުރައްކާތެރި އަދަދެއް. ދެވަނަ މިލިއަނެއްގެ ވާހަކަ އަޅުގަނޑުމެން ދެއްކުމުގެ ކުރިން އެކަމަށް ރިއާޔަތް ކުރަންޖެހޭ. މަރުވާ އަދަދު އިތުރުވިޔަ ނުދިނުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެންމެން ގުޅިގެން އަޅަން އަޅުގަނޑުމެން ތައްޔާރުތޯ؟. އެ ފިޔަވަޅުތައް އަޅުގަނޑުމެން ނާޅައިފިނަމަ، އާދެ، އެ އަދަދަށް ހިނގައިދާނެ ނުވަތަ އެއަށްވުރެ އެތައްގުނަ އިތުރުވެސް ވެދާނެ"
ޑރ. މައިކަލް ޖޭ ރަޔާން

ކޮވިޑް-19 ބަލި ފެތުރުން މަޑުޖެހުމަކަށް އަންނަ ކަމުގެ އެއްވެސް ކޮޅުމައްޗެއް ފެނިފައި ނުވާއިރު، ޑރ. މައިކަލް ޖޭ ރަޔާން ވިދާޅުވީ، އަދިވެސް ގޮތްހުސްނުވާ ކަމަށެވެ. އެ ހާލަތަށް އަދި ނުދާ ކަމަށެވެ.

ކޮވިޑްބަލި ފެތުރުން ހުއްޓުވަން ދުނިޔޭގެ އެކި ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކާއި، ލޮކްޑައުންއަށް ލުއިދޭން ފެށިގެން މި ބަލިމަޑުކަން މިފަހުން ބޮޑަށް ފެތުރިގެންދިއުމުގެ ޒިންމާ ޒުވާނުންގެ ބޮލުގައި ނޭޅުވުމަށްވެސް ޑރ. މައިކަލް ޖޭ ރަޔާން ވިދާޅުވިއެވެ.

ބަލިމަޑުކަން އަލުން ފެތުރިގެން ދިއުމުގައި، ތަންތާނގެ އެތެރޭގައި އެކި އުމުރުފުރާތަކުގެ މީހުންގެ މެދުގައި ބާއްވާ އެކިއެކި ބައްދަލުވުންތައްވެސް މުހިންމު ރޯލެއް ކުޅޭކަމަށް ޑރ. މައިކަލް ޖޭ ރަޔާން ވިދާޅުވިއެވެ.

ކޮވިޑްބަލީގައި ދެމިލިއަން މީހުން މަރުވެދާނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން އިންޒާރު ކޮށްފައިވާއިރު، މިބަލީގެ ހާލަތު ދުނިޔޭގައި އެންމެގޯސްވެފައިވާ އެމެރިކާއިން އެކަނިވެސް މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދު ހަތްމިލިއަން ފަހަނަޅައި ވަނީ ގޮސްފައެވެ.

ބައްޔަށް ވެކްސިނެއް ހޯދުމުގެ މަސައްކަތްވެސް ދުނިޔޭގައި ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ. މިގޮތުން، ދުނިޔޭގައި ބޭހާއި ވެކްސިން އުފައްދާ ބައެއް ކުންފުނިތަކުން އުފެއްދި ވެކްސިންތައް މިހާރު އުޅެނީ ކްލިނިކަލް ޓްރައިލްސްގެ އެންމެފަހު މަރުހަލާގައެވެ.