އިންޑިއާގެ ކޮޗިންއިން މުދާ ހިފައިގެން އައި "ކޮޗިން ފެރީ" ކުޅުދުއްފުއްޓަށް ބަނދަރުކޮށްފިއެވެ

ދެ ކޮންޓެއިނާގެ މުދަލާއެކު "ކޮޗިން ފެރީ" ކުޅުދުއްފުއްޓަށް ބަނދަރުކުރީ ރޭގެ ފަތިހުގެ ވަގުތެއްގައި ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.

މި ބޯޓުން 500 ޓަނަށް ވުރެ ގިނަ މުދާ ގެނެސްފައިވާއިރު ކުޅުދުއްފުއްޓަށް އެ ތަކެތި ބާލާނީ އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓުގެ އުޅަނދެއް ބޯޓު ކައިރިއަށް ގޮސްގެން ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ.

ކާގޯ ފެރީން ކުޅުދުއްފުއްޓަށް ވަނީ 500 ޓަނުގެ ސިމެންތިއާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރު ގެނެސްފައެވެ. ކާގޯއާއެކު އައި އެ ފެރީއަކީ އެއް ފަހަރާ 3000 ޓަނުގެ މުދާ އުފުލޭ ފެރީއެއް ކަމަށް މައުލޫމާތުލިބެއެވެ.

ކާގޯ ފެރީގެ ޚިދުމަތާއެކު ކުޅުދުއްފުށްޓަކަށް ވިޔަފާރީގެ ގޮތުން ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް ހާޝިމް ވަނީ މީގެ ކުރިން ވީޓީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ.

ސަރުކާރުން އަލަށް ފެށި ކާގޯ ފެރީގެ ޚިދުމަތާ ގުޅިގެން ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ކޮޗިން ފެރީއަކީ ކަނޑުމަގުން އަޅައިދޭ ބުރިޖެއް ކަމަށާއި އިންޑިއާއާއި ރާއްޖެއާއި ދެމެދު ފަށާ ފެރީ ދަތުރުތަކާއެކު ފަތުރުވެރިކަމުގެ ދާއިރާއަށާއި ވިޔަފާރީގެ ދާއިރާއަށް ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.

އަދި މެގަރ ސުޕަރ ސްޕީޑް ފަސިންޖަރ ފެރީއެއްގެ ޚިދުމަތް ކާމިޔާބުކަމާއެކު ހިންގޭނީ ތިލަދުންމަތީގައި ފަތުރުވެރިިކަމުގެ ޚިދުމަތްދޭ ތަންތަން އިތުރުކޮށްގެންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އުންމީދަކީ 2022 ވަނަ އަހަރުގެ މެދެއްހާ ހިސާބަށްދާއިރު ތިލަދުންމަތީގެ ފަތުރުވެރިިކަމުގެ އެނދުގެ އަދަދު އިތުުރުވެގެންދިޔުން ކަމަށެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށުމަކީ ޒަރޫރީ ތަކެތީގެ ސަޕްލައި މެދުނުކެނޑި ދެމެހެއްޓުމަށްޓަކާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމެކެވެ.