ރާއްޖޭގެ އުތުރުގެ ބަނދަރަކަށް ސީދާ ބޭރުން މުދާ ގެނެސް އެ މުދާ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ފެތުރިގެންދާނެ ގޮތް ފަހިވެގެން ދިޔުމަކީ އެކަމަކާމެދު ފަހުރުވެރިވާން ޖެހޭނެ ކަމެއް ފޮރިން މިނިސްޓްރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އިންޑިއާގެ ކޮޗިންއިން މުދާ ހިފައިގެން ކުޅުދުއްފުއްޓަށް ދިޔަ ފުރަތަމަ ކާގޯ ފެރީއަށް މަރުޙަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ކާގޯފެރީގެ ހިދުމަތަކީ އުތުރުގެ ތަރައްގީގެ ބިންގާ ކަމަށާއި އެގޮތަށް ހުޅުވާލެވޭ ކޮންމެ ފާލަމަކީ އިގްތިސާދަށް އަންނަ ދިރުމެއް ކަމަށެވެ.

ކުރިއަށް އޮތް އަހަރުތަކުގައި މިކަމުގެ ނަތީޖާ ފެނިގެންދާނެކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ، ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ފައިދާވާ ކަންކަން ހާސިލްކޮށްދިނުން ކަމަށެވެ.

އެގޮތުން މިއަދު ފެށިގެން މުދާ ފެރީ ޚިދުމަތަކީ މުޅި ބޮޑުތިލަދުންމަތި ބޮޑުކޮށް ތަރައްގީވެ ކުރިއަރާދިޔުމުގެ ބިންގާ ކަމުގައެވެ.

ކާގޯ ފެރީގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާވެގެން ދާނެކަމަށާއި އަދި މިގޮތަށް ހުޅުވާލެވޭ ކޮންމެ ދޮރަކީ އިގްތިސާދަށް އަންނަ ދިރުމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.