ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ކާގޯފެރީގެ ސަބަބުން ކުރާ ފައިދާ ބޮޑުވާނޭ ކަމަށް ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މިފަދައިން ވިދާޅުވީ ކުޅުދުއްފުއްޓަށް އައި ފުރަތަމަ ކާގޯފެރީއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ ކާގޯފެރީގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ބޮޑު ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

އަދި މިފެރީގެ ޚިދުމަތާއި އެކު ކުޅުދުއްފުށި ބަނދަރު ބައިނަލްއަގްވާމީ ޝިޕިން ކުންފުނިތަކުގެ މެޕުގައި ހިމެނިގެން ދާނެ ކަމަށާއި އަތްފޯރާފަށުގައި ތަކެތިވެސް ލިބިގެންދާނެކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

މީގެއިތުރަށް އޭނާ ވިދާޅުވީ އިންޑިއާގެ އެއްބިލިއަން މީހުންގެ ބޮޑު މާކެޓެއް ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، މަސްވެރިކަމުގެ ސިނާއަތަށް ހުޅުވާލެވިއްޖެ ކަމަށެވެ.

އިންޑިއާއިން މުދާ ހިފައިގެން ރާއްޖެ އައި ފުރަތަމަ ފެރީ ބަނދަރުކުރީ ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުއްޓަށް މުދާ ބޭލުމަށްފަހު މިފެރީ މާލެއަށްވެސް ބަނދަރުކުރާގޮތަށް ވަނީ ހަމަޖެހިފައި ކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ.