• ހޮސްޕިޓަލްތަކުގައި 84 މީހުން، އައިިސީޔޫގަ 3، ވެންޓިލޭޓަރުގައި 2
  • 20 ރަށާއި، 24 ރިސޯޓުގައި އެކްޓިވް ކޭސްތައް
  • ގދ. ހޯނޑެއްދޫ، ހދ. ކުޅުދުއްފުށި، ހދ. ނޮޅިވަރަމް މޮނިޓަރިންގައި

ރާއްޖެއިން އިތުރު 31 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އަލަށް ޕޮޒިޓިވް ވެފައިވަނީ 31 މީހުން ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި، ބޭރު ގައުމުތަކަށް ނިސްބަތްވާ 6 މީހުންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 26 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. އަނެއް 5 މީހުން ނިސްބަތްވަނީ ރަށްތަކަށެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 10،045 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 81 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ބައްޔަށް ޕޮޒިޓިވްވެ، ރާއްޖެއިން ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދުވަނީ 8،754 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 1،250 މީހުން ކަމަށެވެ. މީގެތެރެއިން 84 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ގެންދަނީ ފަރުވާދެމުންނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންގެންދާ މީހުންގެ ތެރެއިން އައިސީޔޫގައި ފަރުވާދެނީ 3 މީހަކަށް ކަމަށެވެ. 2 މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ގދ. ހޯނޑެއްދޫއާއި، ހދ. ކުޅުދުއްފުށްޓައި އަދި ހދ. ނޮޅިރަމްވެސް މިވަގުތު އޮތީ މޮނިޓަރިންގައި ކަމަށެވެ.

ރާއްޖޭގެ ރަށްތަކުގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްތައް ރިޕޯޓްކޮށްފައިވަނީ 20 ރަށާއި، 24 ރިސޯޓުންނެވެ.

24 ރިސޯޓުން 12 ފަތުރުވެރިންނާއި، 30 ސްޓާފުން އެކްޓިވް ކޭސަސްގެ ގޮތުގައި އެބަތިބި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.