ކުށް ކުރާ މީހުންނާއި އެއްވަރަކަށް ކުށް ކުރުވާ މީހުންވެސް ޒިންމާވާން ޖެހޭ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިފަދައިން ވިދާޅުވީ ޒިކުރާ މިސްކިތުގެ މައްސަލާގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އުފުލުމަށްފަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެންނެވެ.

ޕީޖީ ކުރެއްވި ޓްވީޓުގައި ވަނީ ކުށް ކުރާ މީހުންނާއި، ކުށް ކުރުވާ މީހުންނާ މިދެބައިވެސް ހަމައަކަށް އަޅުވާންޖެހޭ ކަމަށާ އެއްވަރަކަށް ޒިންމާވާންޖެހޭ ކަމަށެވެ. އަދި ކުރީގެ ބައެއް ވިސްނުން މިހާރު މިއުޅެނީ ދޫކޮށްލަން ކަމަށްވެސް ޕީޖީގެ ޓްވީޓުގައިވެއެވެ.

މިކަހަލަ ކަންކަން ކޮށްފަ ސަލާމަތެއް ނުވެވޭނެ. އިރާދަކުރެއްވިއްޔާ، އެންމެން ގުޅިގެން ނަތީޖާ ނެރެވޭނެ."
ޕީޖީ ޝަމީމް

ޒިކުރާ މިސްކިތުގެ މައްސަލައިގައި، އޭސީސީއިން ފޮނުވި މައްސަލައިގައި ދައުވާ ކުރަން ކޯޓަށް ފޮނުވައިފި ކަން ފާހަގަ ކުރައްވާ ޕީޖީ ވިދާޅުވީ އެމައްސަލައިގައި އިތުރު ފިޔަވަޅުތަކެއްވެސް އަޅާފައިވާ ކަމަށެވެ.

މި ކަމާގުޅިގެން ޕީޖީ އޮފީހުން ބުނީ ކުރީގެ މިނިސްޓަރު ޑރ. ޒިޔާދު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުރިއިރު، ޒިކުރާ މިސްކިތްހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން އިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން ގާއިމު ކޮށްފައިވާތީ އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަން އަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސްޖޭ ކޮންސްޓްރަކްޝަން އަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައި ވާތީ، ޑރ. ޒިޔާދުގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

މީގެ އިތުރަށް ޕީޖީން ބުނީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެންޖެހޭ މައުލޫމާތު ނެތްއިރު، އެޕްރޮޕޯސަލްތަކާ ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓްގައި އެސްޖޭ އެ މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ބަޔާންކޮށް އެސްޖޭ ކޮންސްޓްރަކްޝަން އަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާތީ، އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، މުހައްމަދީ އާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ. އެކުށުގެ އަދަބަކީ އެއް އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން ކަމަށް ޕީޖީން މައުލޫމާތުދެއެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގެ މުއާމަލާތާ ގުޅިގެން، އެ މުއާމަލާތުގެ އެކި މަރުހަލާތަކުގައި ހިމެނޭ، ޑަބްލިއު އެންޑް އޭ އޯވާސީސް ޕީޓީއޭ އާއި އެކުންފުނީގެބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފެންނާތީ، އެމައްސަލައިގައި ހިމެނޭ އެބައި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހެޅުއްވުމަށް އޭސީސީއަށް ލަފާދީފައިވާ ކަމަށެވެ.

އަދި، އެ މައްސަލައިގެ ތެރޭގައި، އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައި ނުވާ މައުލޫމާތުތަކެއް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން މައްސަލައިގެ ލިޔުންތަކުން އެނގެން އޮންނާތީ އެކަން ވެފައިވާ ގޮތް އިތުރަށް ތަހުގީގުކޮށް، އެކަމުގައި ޖިނާއީ ޒިންމާ އުފުލަންޖެހޭ ކަމެއް އޮތްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހެޅުއްވުމަށް ވެސް އޭސީސީއަށް ލަފާދީފައިވާ ކަމަށެވެ.

އޭސީސީން ބުނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދާރުއްޒިކުރާ މިސްކިތް (ޒިކުރާ މިސްކިތް) އިމާރާތްކުރުމަށް އެސް.ޖޭ ކޮންސްޓްރަކްޝަނާއިއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ތަހްގީގުކޮށް ނިންމައި، އެމައްސަލައިގައި ދައުވާކުރުމަށްޓަކައި 17 ސެޕްޓެންބަރު 2020ގައި، ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.