ފަތުރުވެރިކަމުން ލިބޭ މަންފާ ދިވެހިންނަށް އެންމެ ބޮޑަށް ލިބިގެންދާނީ މި ސިނާއަތުގެ އިސް މަގާމުތަކުގައި ދިވެހިން ތިބެގެން ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ މައުސޫމް ވިދާޅުވީ މިއަހަރުގެ ފަތުރުވެރިމުގެ ދުވަހުގެ ޝިއާރު ކަމުގައި "ޓުއަރިޒަމް އެންޑް ރޫރަލް ޑިވޮލޮޕްމެންޓް" ނުވަތަ ފަތުރުވެރިކަމާއި ރަށްރަށުގެ ތަރައްގީ ކަނޑައަޅާފައިވާއިރު، މި ޝިއާރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ސިޔާސަތުތަކާއި އަދި އެޖެންޑާ 19ގެ ސިޔާސަތުތަކާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ޝިއާރެެއް ކަމަށް ޑރ. މައުސޫމް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއަރުގައިވާ ފަދައިން ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކޮށް، މި ސިނާއަތުން ލިބެންޖެހޭ ހަގީގީ ނަފާ ލިބޭނީ މި ސިނާއަތުގެ އެންމެ މަތީ މަގާމުތަކުން ދިވެހިންނަށް ފުރުސަތު ފަހިކޮށްދީގެން ކަމަށެވެ. ރަށްރަށުގެ ހޮޓާތަކާއި ގެސްޓްހައުސްތައް ފައިދާއެއް ލިބޭގޮތައް ހިންގައިގަނެވިގެން ކަމަށާއި، މި ސިނާއަތް އިތުރަށް ކުރިއެރުވޭނީ މި ސިނާއަތުގައި އަންހެނުންގެ ބައިވެރިވުންވެސް އިތުރުކޮށްގެން ކަމަށް މިނިސްޓަރ މައުސޫމް ވަނީ ވިދާޅުވެފައެވެ.

ޑރ. މައުސޫމް ވިދާޅުވީ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ މައި ބޯޑަރު ހުޅުވާލެވުމަށް ނިންމި ނިންމެވުމަކީ ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖަހަން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ވަރަށް ހިތްވަރުގަދަ މުހިއްމު ނިންމެވުމެއްކަމަށެވެ.

މިހާ ދަތި އުނދަގޫ ދަނޑިވަޅެއްގައި ފެށި މަސައްކަތުން މިހާރު ވަނީ ސަފާރީތަކާއި ރިސޯޓުތައް ހުޅުވާލެވިފައިކަމަށާއި، އޮކްޓޫބަރު މަހުގެ ތެރޭގައި ގެސްޓްހައުސްތައް ހުޅުވާލުމުގެ މަސައްކަތްވެސް ކުރައްވަމުންގެންދަވާކަމަށް މިނިސްޓަރ މައުސޫމް ވަނީ ވިދާޅުވެފަައެވެ.

މީގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް އިތުރު އެހީއެއް ލިބިގެންދާނެ ކަމަށާއި، އިރާދުކުރެވިއްޔާ 2021 ވަނަ އަހަރާ ކުރިމަތިލާނީ ކުރިއެރުންތަކަކާއެކު ކަމަށް ޑރ. މައުސޫމް ވަނީ ވިދާޅުވެފައެވެ. 2021 ވަނަ އަހަރަކީ ދިވެހިޜާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކާމިޔާބު އަހަރަކަށްވާނެ ކަމަށް އުންމީދުކުރައްވާކަމަށްވެސް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެެ.