ރާއްޖެފަދަ ކުޑަ ގައުމެއްގެ ފަތުރުވެރިކަމުގެ މުސްތަގުބަލް އުޖާލާކުރަން ރަށްފުށު ފަތުރުވެރިކަމުގެ ތަފާތު ބާވަތްތައް ޕްރޮމޯޓްކުރަންޖެހޭކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ތައްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ތައްޔިބު މިހެން ވިދާޅުވީ ފަތުރުވެރިމަމުގެ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ޥާހަކަދައްކަވަމުންނެވެ. ތައްޔިބުގެ ވާހަކަފުޅުގައި ވިދާޅުވީ މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ، ޓުއަރިޒަމް އެންޑް ރޫރަލް ޑިވޮލޮޕްމެންޓް ނުވަތަ ރަށްފުށު ފަތުރުވެރިކަމުގެ ތަފާތު ބާވަތްތައް ތަރައްގީކުރުން ކަމަށްވާއިރު، ރަށްފުށު ފަތުރުވެރިކަމުގައި ހިމެނޭ ގިނަ ޕްރޮޑަކްޓުތައް ޕްރޮމޯޓުކޮށް އެއިން ނަފާ ހޯދުން މިވަގުތު ވަރަށް މުހިއްމު ކަމަށެވެ.

އެގޮތުން އެމްއެމްޕީއާރުސީން ޑެސްޓިނޭޝަން މާކެޓުކުރުމުގެ މަސައްކަތްތައްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން ރާއްޖޭގެ ގެސްޓްހައުސް ސިނާއަތް އިތުރަށް ކުރިއަރުވައި އިޝްތިހާރުކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ތައްޔިބު ވިދާޅުވިއެވެ. އެހެންނަމަވެސް ހިތްހަމަޖެހޭ މިނަވްރާ ގާތަށްވެސް މިމަސައްކަތް އަދި ކުރެވިފައިނުވާ ކަމަށާއި، ރަށްފުށު ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓުކުރުމުގެ ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށް ތައްޔިބު ވަނީ ވިދާޅުވެފައެވެ.

ތައްޔިބު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ދިމާވެފައިވާ މި ހާލަތުން އަރައިގަނެ، ކުޑަ ގައުމެއްގެ ފަތުރުވެރިކަމުގެ މުސްތަގުބަލު އުޖާލާކުރެވެން އޮތް ގޮތަކީވެސް ރަށްފުށު ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓްކޮށްގެންކަމަށެވެ. މި ސިނާއަތުގައި ހުންނަ ހުރިހާ ޕްރޮޑަކްޓުތަކެއް އިޝްތިހާރުކުރަމުންދާ ފަދައިން ގެސްޓްހައުސް ސިނާއަތް އިޝްތިހާރުކުރުމުގެ މަސައްކަތަކީ އިތުރު ހިތްވަރަކައިގެން ކުރަންޖެހޭ މަސައްކަތެއް ކަމުގައި ދެކިވަޑައިގަންނަވާކަމަށް ތައްޔިބު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޮޑަރު ބަންދުކުރުމާއި އެކުވެސް ރާއްޖެ ޕްރޮމޯޓްކުރަން އެމްއެމްޕީއާރުސީން ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާނުލާކަން ތައްޔިބު ފާހަގަކުރެއްވިއެވެ. އަދި ބޯޑަރު ހުޅުވާލުމާއެކުވެސް މި މަސައްކަތް ހުއްޓުމެއްނެތި، ކުރިއަށްވުރެވެސް ބާރު ސްޕީޑެއްގައި ކުރިއަށްގެންދަމުންދާކަން ފާހަގަކުރައްވައި ތައްޔިބު ވިދާޅުވީ އިއްޔެ އިފްތިތާހުކުރި ބޯޑަރ މައިލްސް ޕްރޮގްރާމަކީވެސް މީގެ ބޮޑު މަސައްކަތެއް ކަމަށެވެ.

ތައްޔިބު ވިދާޅުވީ މި ޕްރޮގްރާމްގެ މަގްސަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް، އިޝްތިހާރުކުރުމުގެ އިތުރުން ދެވަނަ ފަހަރަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުންކަމަށެވެ. މި ޕްރޮގްރާމަކީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިލާންޖެހުނު ގޮންޖެހުންތަކުން އަރައިގަތުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއްކަމަށްވެސް ތައްޔިބު ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތުގެ ފޮނި ނަތީޖާ އިރާދުކުރެއްވިއްޔާ ލަހެއްނުވެ ފެނިގެންދާނެ ކަމަށްވެސް ތައްޔިބު ވިދާޅުވިއެވެ.