ރަށް ކައިރި ސަރަހައްދުން ވަދު މަސްވެރިކަންކުރާ މަސްވެރިން، ފަތިސްނަމާދުކޮށްގެން އެމީހުންގެ ދޯނިތަކާއި ޑިންގީތަކުގައި ފުރައިފިއެވެ. ރޭނުމާއި ސިމެންތި ޖެހުންފަދަ މަސައްކަތްތައް ރަށުތެރެއިން ހޯދައިގެން ކުރާ މީހުން އިރު އެރުމާއެކީ މިސްރާބުޖެހީ ސައިހޮޓާތަކަށެވެ. މަސައްކަތެއް ކޮށްލާނެ މީހަކު ހޯދަން ބޭނުންވާ މީހުންވެސް އެއްވީ އެތަންތަނަށެވެ. އޮފީސްތަކަށް ދާ މީހުން އެގަޑީގައި ތިބީ ކަސްރަތުކުރާށެވެ. ހަށިގަނޑުގައި ވަރުޖައްސާލާ، ގައިގެ ރިހުންތަކަށް ލުޔެއް ހޯދަން، އުމުރުން ދުވަސްވީ މީހުން އެރުނީ މޫދަށެވެ. ގޭގޭގައި އަންހެނުން ބުރަކޮށް އުޅެނީ ކުދިން ސްކޫލަށް ގެންދަން ތައްޔާރުކުރާށެވެ.

މިއީ، ކޮވިޑް-19ގެ ކޭހެއް ނުފެންނަ ރަށެއްގެ އާއްމު ހާލަތެވެ. މިރަށުގައި މިއޮތް އުފާވެރިކަމާއި ހިތްފަސޭހަކަން ތަސައްވުރުކޮށްލާށެވެ.

މިހާތަނަށް އެއްވެސް ފަރުވާއެއް، ވެކްސިނެއް ހޯދިފައިނުވާ ކޮވިޑް-19 މުޅި ދުނިޔޭގައި އަދިވެސް ހަލުވިކަމާއެކު ފެތުރެމުންދާއިރު، މިރަށުގެ މީހުންނަށް ހިތްފަސޭހަކަންމަތީ އަދިވެސް މި ތިބެވުނީ އެމީހުންގެ ހުރި ހެޔޮ ސިފަތަކަކާއި އުސޫލުތަކެއްގެ ސަބަބުންނެވެ.

ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް މާލޭގައި ތިބި އެރަށުގެ މީހުން، ފުރިހަމައަށް ތަބާވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކަށެވެ. ދަތުރުވަރެއްގައި މާލެއަށް ގޮސްތިބި މީހުންނާއި މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރަށަށް އަންނަން ޖެހުނު މީހުން އައީ ފުރަބަންދު ހޯމް ކަރަންޓީނުގެ އުސޫލުތައް ފުރިހަމައަށް ތަންފީޒުކޮށްގެންނެވެ. ކެތްތެރިކަމުގެ ލާމަސީލު މިސާލެއް އެމީހުން ދެއްކިއެވެ. ހިތާމައަކީ، ހުރިހާ ރަށެއްގެ އެންމެން މިގޮތަށް ކަންކަން ނުކުރާތީއެވެ. ކެތްތެރިކަން ކުޑަވެ، ގައިޑްލައިންތަކާ ހިލާފުވާތީއެވެ.

ހޯމް ކަރަންޓީނުގައި ހުރެފައި އެ މުއްދަތު ހަމަވެގެން ސާމްޕަލް ދިން އެކަކު އޭގެ ނަތީޖާ ނުލިބެނީސް ގެއިން ނުކުތް މައްސަލައެއް ރަށެއްގައި ފެންމަތިވިއެވެ. އެވަގުތުން ފެށިގެން އެރަށަށް އަރައި ފޭބުން ޖެހުނީ މަނާކުރާށެވެ. ދުނިޔޭގެ ގިނަ ސަރަހައްދުތަކުގައި ނެތް މިނިވަންކަމުގައި ތިބި އެ އާބާދީގެ އާއްމު ހާލަތު އެހިސާބުން ގެއްލުނީއެވެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެމީހުން އުޅެން ޖެހުނީ ހާއްސަ ހާލަތެއްގައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންއެއްގައި، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މަދުން ނަމަވެސް އެގޮތަށް ކަންތައް ހިނގާ ކަމަށާއި އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.

"މަދުން ނަމަވެސް ފުރަބަންދު ކަރަންޓީނުގައި ތިބޭ މީހުން ނުވަތަ ކޮންޓެކްޓް ވެގެން ފާހަގަވާ މީހުންވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ މިހާރަކަށް އައިސް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންގެ އެންގުންތަކާ ގައިޑްލައިންތަކާ ހިލާފުވާކަން. މިގޮތަށް އުސޫލުތަކާ ހިލާފުވާ ފަރާތްތަކުގެ ސަބަބުން ތިމާގެ ރަށަށް، މާނައަކީ ތިމާގެ އާއިލާ އާއި ގާތް ރަށްޓެހިންނާ އަވަށްޓެރިންނާ އަދި ރަށުގެ އެހެން މީހުން ވެސް ނުރައްކަލަށް އެބަ ހުށަހެޅޭ،"
ޑރ. ނަޒްލާ ރަފީގު

ޑރ. ނަޒްލާ އެވިދާޅުވީ، ރަށްރަށް މޮނިޓަރިން ހާލަތަށް ގެނައުމުން ކުރިމަތިވާނެ ދަތިތަކުގެ ވާހަކަ އެކަންޏެއް ނޫނެވެ. ރަށެއްގައި ކޮވިޑް ފެތުރިއްޖެނަމަ އެއަށް ވުރެ މާ ބޮޑު ނުރައްކަލެއް އެބަ އޮތެވެ. އެއީ، ރަށެއްގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އެބަލި ޖެހި، ހާލު ސީރިއަސްވުން ނުވަތަ އެންމެ ހިތާމަވެރި ގޮތް މެދުވެރިވުމުގެ ނުރައްކަލެވެ. ފެންނަން އޮތް އަނެއް ހަގީގަތަކީ، ކޮވިޑް-19ގެ ނުރައްކާ ބޮޑީ ހަމައެކަނި މިކެޓަގަރީގެ މީހުންނަށް ނޫން ކަމެވެ. ކިތަންމެ ޒުވާން، ގައިބާރު ހުރި މީހަކަށްވެސް އެއީ ހަމަ ނުރައްކާތެރި ބައްޔެކެވެ. އަލާމާތްތަކަށް ސަމާލު ނުވެވި، އެ ހާލަތުގައި ދޭންޖެހޭ ފަރުވާ ނުދެވިއްޖެނަމަ ޒުވާނަކަށް ވެސް ދެރަގޮތެއް ދިމާވެދާނެއެވެ.

ނަމަވެސް ކޮވިޑުން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގެ ސަބަބުން ތަހައްމަލުކުރަން ޖެހުނު ހިތްދަތި ހާލަތަކީވެސް، ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ވިސްނަންޖެހޭ ކަމެކެވެ. އޭނާ އެވިދާޅުވީ ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ފުރަތަމަ ފެނުމާއެކު އެބަލި ކޮންޓްރޯލް ކުރަން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ވާހަކައެވެ. އޭރު މާލޭގައި ތިބި އެންމެން ޖެހުނީ ގެއިން ނުނިކުމެ ތިބޭށެވެ. މާލެއަށް ދަތުރުކުރަންޖެހޭ މީހުންނާއި މާލޭން އެހެން ތަންތަނަށް ދަތުރުކުރަން ޖެހޭ މީހުންވެސް ތިބީ ތާށިވެފައެވެ. މިހާރު އޮތް ވަރަށް ފިޔަވަޅުތަކަށް ލުއިދިނީ އެގޮތުގައި ތިން މަސްދުވަސް ހޭދަވުމަށް ފަހުގައެވެ.

ރަށްރަށުގައި މިހާރު އޮތް އާއްމު ހާލަތު ދަމަހައްޓަން ކޮންމެ މީހަކުވެސް ސަމާލުކަން ދޭންޖެހޭ މުހިއްމު އެއް ކަމަކީ ރަށަށް ބަލި ގެންދާ މީހަކަށް ނުވުމެވެ. ރަށުގައި ސިއްހީ ގޮތުން އޮތް އަމާންކަން ނަގާލުން ވާނީ ވަރަށް ބޮޑު އިހުމާލަކަށެވެ. އެގޮތަށް ކަންތައް ކުރެވިގެން، އޭގެ ސަބަބުން ރަށަށް ބަލި ފެތުރިއްޖެނަމަ، އަމިއްލަ ނަފުސަށް ކުރެވޭނެ އިހުސާސް ވިސްނާލަން ޖެހެއެވެ. ގައިޑްލައިންތަކާ ހިލާފަށް، ރައްކާތެރި ނޫން ގޮތުގައި ރަށަށްގޮސް، އޭގެ ސަބަބުން ރަށަށް ކޮމިއުނިޓީ ސްޕްރެޑެއް ފެތުރިއްޖެނަމަ ކުރެވޭނެ އިހުސާސް ތަސައްވުރު ކޮށްލަން ޖެހެއެވެ. އެ ހާލަތުގައި، ރަށުން ހާލުބޮޑުވާ ކޮންމެ ބަލިމީހެއްގެ ބަލިހާލުގެ ޒިންމާ ބޭއިހްތިޔާރުގައި ވެސް އެޅުވޭނީ އަމިއްލަ ބޮލުގައެވެ. އޭގެތެރެއިން މީހަކު އެބަލީގައި ދުނިޔެ ދޫކޮށްފިނަމަ، އެއީ އުމުރަށްވެސް ނުފިލާނެ ހިތާމައެކެވެ.

ރަށްރަށަށް ކޮވިޑް ފެތުރިއްޖެނަމަ އޭގެ ގެއްލުން އޮތީ ބަލިޖެހޭ މީހުންނަށް ނުވަތަ އެރަށްތަކުގެ މީހުންނަށް އެކަންޏެއްވެސް ނޫނެވެ. އެއީ މުޅި ރާއްޖެއަށްވެސް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. ކޮވިޑްގެ ކުރިންވެސް، ދެންވެސް ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަދި ލިބޭނެ އިންޑަސްޓްރީއަކީ ޓޫރިޒަމެވެ. އެއީ އެންމެ ގިނަ ބަޔަކަށް ވަޒީފާ ލިބޭ އިންޑަސްޓްރީއެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުނެވެ. ރާއްޖޭގެ ޓޫރިޒަމްގެ 48 އަހަރުވީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް އެ އިންޑަސްޓްރީ އެ ހިސާބުން ހުއްޓުނީއެވެ. އޭގެ ގެއްލުން އެންމެން މިދަނީ ތަހައްމަލުކުރަމުންނެވެ.

ރާއްޖޭގައި ކޮންމެވެސް ވަރަކަށް ބަލި ކޮންޓްރޯލް ކުރެވުމާއެކު ބޯޑަރުތައް އަލުން ހުޅުވައިލީ ޓޫރިޒަމް އިންޑަސްޓްރީ އަލުން ހިނގައިގަނޭތޯ، އެކަމުގެ އުއްމީދުގައެވެ. ރިސޯޓްތައް ހުޅުވީ ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އޭގެ ތެރެއިން ބައެއް ފިޔަވަޅުތަކަކީ ޗުއްޓީ ހޭދަކޮށްލަން އަންނަ ޓޫރިސްޓުންނަށް ވެސް ބޮޑު ދައްޗަކަށްވާ ކަހަލަ ފިޔަވަޅުތަކެވެ. އެކަމަކު، މި ހުރިހާ ކަމެއްގެ އަމާޒަކީ ބަލި ފެތުރިފައިވާ ހާލަތުގައިވެސް ޓޫރިޒަމް ކުރިއަށް ގެންދިއުމެވެ.

ޓޫރިސްޓުންގެ ސަލާމަތަށް އެފަދަ ފިޔަވަޅުތައް އަޅާފައިވިޔަސް ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ، ޓޫރިޒަމަށް އެހާ ބޮޑު ދިރުމެއް ލިބިދާނެ ގޮތަކަށް ނޫންކަން، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ގަބޫލުކުރައްވައެވެ. ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދުތައް މަދުކުރުން ޓޫރިޒަމްގެ ކުރިއެރުމަށް، ވަރަށް މުހިންމު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެންމެ ހިތްހަމަޖެހޭނީ މިހާރުގެ އަދަދުތައް، އާބާދީގެ ކޮންމެ ލައްކައަކަށް ވިއްސަށް ވުރެވެސް ދަށަށް ގެންދެވިގެންނެވެ.

"ޓޫރިޒަމްގެ ކުރިއެރުމަށް ބަލާ ކަމަށް ވަންޏާ އޭރުން ފުދޭ ވަރެއް ކަމަށް ބުނެވޭނީ،"
ޑރ. އަބްދުﷲ މައުސޫމް

ރަށަށް ވައިރަސް އުފުލައި، ކޮވިޑް ކޭސްތައް އޮތް ރަށްތަކުގެ އަދަދު އިތުރު ނުކުރުމުގެ މުހިއްމުކަން މިގޮތުންވެސް ބޮޑެވެ.

ރަށަށް ކޮވިޑް ގެންދާ މީހަކަށް ނުވުމަށް ކުރެވޭނީ ކޮން ކަމެއް؟

ރަށަށް ކޮވިޑް ގެންދާ މީހަކަށް ނުވުމަށްޓަކައި ކުރަންވީ ކަމަކީ، ފުރަތަމަ ދުވަހުން ފެށިގެން އުސޫލުތަކަށް ތަބާވުމެވެ. ކޮވިޑުން ރައްކާތެރިވާން ސިއްހީ މާހިރުންދޭ ލަފަޔަކީ މިހާރު އާ މައުލޫމާތެއް ނޫނެވެ. އެކަމުގައި ކުރަން އޮތީ އެންމެންވެސް މިހާރު އެކަންކަމަށް ވަރަށް ބޮޑަށް ހޭނިފައިވާ ކަންތައްތަކެވެ.

އެއް ކަމަކީ، މާލެ ނުވަތަ ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑް އޮތް އެހެން ތަނެއްގައި ހުރި ނަމަވެސް ބޭކާރު ގޮތުގައި ބޭރަށް ނުނުކުތުމާއި ބައްދަލުކުރާ މީހުންގެ އަދަދު ވީހާވެސް މަދުކުރުމެވެ. ކޮންމެހެން ދާންޖެހޭ ހާލަތެއްގައި ގެއިން ބޭރަށްދާ ނަމަވެސް މާސްކު އެޅުމާއި ރައްކާތެރި ގޮތުގައި މާސްކު އެޅުމަކީވެސް ކުރަންޖެހޭ ކަންތައްތަކެވެ. ގިނަގިނައިން އަތް ދޮވުމާއި ތަންތަނުގައި އަތް ނުކޭއްތުމަކީ މިހާރު ފަރިތަ ކަންތައްތަކެވެ.

ކޮވިޑަށް ޓެސްޓްކުރުމަށްޓަކައި ސާމްޕަލެއް ދޭން ޖެހިއްޖެ ހާލަތެއްގައި އެކަމަށް އިއުތިރާޒް ނުކުރުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ. ކޮވިޑް ފެތުރިފައިވާ ރަށެއްގައި ހުރި މީހެއްގެ ހައިސިއްޔަތުން އެއީ އަމިއްލަ ނަފުސަށްވެސް އޮތް ރަނގަޅެކެވެ. އެއީ އަމިއްލަ ނަފުސުގެ ހާލަތު ހުރި ގޮތް ވަޒަންކޮށްލަން ލިބޭ ފުރުސަތެކެވެ. އަލާމާތެއް ހުރިނަމަ އެޗްޕީއޭއަށް އަންގައި، ސިއްހީ އެހީތެރިކަން ލިބިގަތުމަކީވެސް ހަމަ އެހާ މުހިއްމު ކަމެކެވެ.

ރަށަށް ކޮވިޑް ގެންދާ މީހަކަށް ވުމާއި ނުވުން މިކަންކަމާ ގުޅެނީ ކިހިނެއްތޯ މިހާ ހިސާބުން ސުވާލު އުފެދިދާނެއެވެ. ޖަވާބު ވަރަށް ކުރެވެ. ވައިރަސް ގެންދާ މީހަކަށް ނުވެ ސަލާމަތް ވެވޭނީ ވައިރަހުން ސަލާމަތްވެ ހުރެގެންނެވެ. ރަށަށް ފުރަން އޮންނަ ވަގުތާ ހަމައަށްވެސް މާލޭގައި އެއްވެސް ބެލުމެއްނެތި އުޅޭނަމަ ހަށިގަނޑުން އެހުޅުވައިލެވުނީ ފުރުސަތެކެވެ. ވައިރަހަށް ފުރުސަތު އެދެވުނީ މާލެއިން ރަށަށްދާ އުޅަނދަކަށް ތިމާގެ ހަށިގަނޑު ހެދުމަށެވެ.

ހޯމް ކަރަންޓީނަށްދާ މީހާއަކީ މާލޭގައި އެއްވެސް ބެލުމެއްނެތި އުޅުނު މީހަކަށްވެފައި، އޭނާގެ ހަށިގަނޑަށް ވައިރަސް އެރިކަން ނޭނގި ހުރެއްޖެނަމަ އޭނާ އެދަނީ ރަށަށް ވައިރަސް ހިފައިގެންނެވެ. އަލާމާތްތައް ހުރެފައި އެކަން ނާންގައި، ޓެސްޓްވެސް ނުކޮށް ރަށަށްދާ މީހާއަކީ ވެސް ވައިރަސް ހިފައިގެންދާ މީހެކެވެ.

އެޑިޓަރުގެ ނޯޓު:

މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.