ކޮރަޕްޝަންގެ މައްސަލާގައި ޖަލުގައި އޮންނަން ޖެހޭނީ ރައީސް ޔާމީން އެކަނި ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މެމްބަރު ރޮޒެއިނާ މިހެން ވިދާޅުވެފައި މިވަނީ ޒިކުރާ މިސްކިތުގެ މައްސަލާގައި ދައުލަތަށް ގެއްލުންވާ ގޮތަށް، އަދި އެ މިސްކިތް ހެދުމަށް ހަވާލުކުރި އެސްޖޭ ކޮންސްޓްރަކްޝަނަށް ފައިދާވާ ގޮތަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރިކަމުގެ ދައުވާ އުފުލާ އެ މައްސަލަ ކްރިމިނަލް ކޯޓަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އިން ފޮނުވާފައިވާ ވަގުތެއްގައެވެ.

ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވަނީ ކޮރަޕްޝަންގެ މައްސަލާގައި ޖަލުގައި އޮންނަން ޖެހޭނީ ރައީސް ޔާމީން އެކަނި ނޫން ކަމަށާއި އެންމެގެ މައްސަލަތައްވެސް އަންނަނީ ބަލަމުން ކަމަށެވެ.

މެމްބަރު ރޮޒެއިނާ މިފަދައިން ޓްވީޓު ކުރައްވާފައިވާއިރު އޭސީސީން ވަނީ މި މައްސަލައިގެ ތަހުގީގު ނިންމާ މައްސަލާގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް މައްސަލަ ފޮނުވާފައެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ޑރ. ޒިޔާދު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުރިއިރު، ޒިކުރާ މިސްކިތްހުރި ބިމުގައި 10 ފަންގިފިލާގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން އިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން ގާއިމު ކޮށްފައިވާތީ އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަނަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.

އަދި އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސްޖޭ ކޮންސްޓްރަކްޝަން އަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައި ވާތީ، ޑރ. ޒިޔާދުގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.