ކޮރަޕްޝަންގެ ތުހުމަތުތަކުގައި ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ޝަހްބާޒް ޝަރީފް ހައްޔަރު ކޮށްފިއެވެ.

ޝާހްބާޒް ޝަރީފަކީ އިދިކޮޅު ލީޑަރުންގެ އިތުރުން، ޕާކިސްތާނުގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ޕާކިސްތާން މުސްލިމް ލީގު-ނަވާޒް ޕާޓީގެ ރައީސްވެސް މެއެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބަލާ ޕާކިސްތާނުގެ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއިން ޝަހްބާޒް ޝަރީފް މިއަދު ހައްޔަރުކޮށްފައިވަނީ، އޭނާގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ތުހުމަތުގެ މައްސަލާގައި އޭނާ ހުށަހެޅި ބެއިލް އެޕްލިކޭޝަނާ ލާހޫރުގެ ހައިކޯޓުން ދެކޮޅުހެދިތާ މާ ގިނައިރެއް ނުވަނީހެވެ.

ޕާކިސްތާނު ކަމާބެހޭ ފަރާތްތަކުން ޝަހްބާޒް ޝަރީފް ހައްޔަރު ކޮށްފައިވަނީ ލާހޫރު ހައިކޯޓުގެ ގޯތިތެރެއިން ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

ޝަހްބާޒް ޝަރީފް ކޯޓަށް ހުށަހެޅި ބެއިލް އެޕްލިކޭޝަންގެ އަޑުއެހުންތައް މިއަދު ފެށުމުގެ ކުރީން ފެށިގެން ޝަހުބާޒުގެ ސަޕޯޓަރުންނާއި، މުސްލިމް ލީގު ޕާޓީގެ ސަޕޯޓަރުން ކޯޓު ކައިރިއަށް އެއްވެ ގެންދިޔައީ އަޑު އުފުލަމުންނެވެ.

އެމީހުން ގެންދިޔައީ، ޕާކިސްތާނު ސަރުކާރަށާއި، ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯއާ ދެކޮޅަށް ނުރުހުން ފާޅުކޮށް އަޑުތައް އުފުލަމުންނެވެ.

ޝާހްބާޒް ޝަރީފަކީ، ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު އިމްރާން ޚާން، ކޮރަޕްޝަނާ ދެކޮޅަށް ހިންގަވާ ވަރުގަދަ ކެމްޕެއިންގެ ދަށުން މިހާތަނަށް ހައްޔަރުކުރެވުނު އިސް އޮފިޝަލުންގެ ލިސްޓަށް އިތުރުވި ބޭފުޅެކެވެ.

މީގެކުރިންވެސް އެތައް ބޭފުޅުންނެއް ހައްޔަރުކޮށް އެތައް ޝަރީއަތެއް ހިނގަމުންވެސް އެބަދެއެވެ.

ޝަހްބާޒް ޝަރީފްވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރާ ކަންކަމާ ދެކޮޅު ހައްދަވާފައެވެ. ޝަހްބާޒް ވިދާޅުވީ، ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯއިން ތަހްގީގު ކުރަމުންދާ މައްސަލަތަކުގައި ހިމެނޭ މުދާތަކަކީ އޭނާގެ އާއިލާ މެމްބަރުންގެ ނަމުގައި ހުރި މުދާތަކެއް ކަމަށާއި، އެ މުދަލާއި އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

"އެ ހުރިހާ ދޮގު ތުހުމަތުތަކާ ޝަހްބާޒް ކުރިމަތިލައްވާނެ. ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯގެ ބަންދުގައި ޝަހްބާޒް މީގެކުރިންވެސް ވަނީ 70 ދުވަސް ހޭދަކުރައްވާފައި. މިޒާތުގެ އުކުޅުތަކަށް އަހަރެމެން ބިރުގަންނާނެ ކަމަށް އިމްރާން ޚާން ގަބޫލުފުޅު ކުރައްވައިގެން ނުވާނެ"
ޕީއެމްއެލް-އެންގެ ތަރުޖަމާނު މަރިޔަމް

މަރިޔަމްވަނީ، ޝަހްބާޒް ހައްޔަރުކުރި މައްސަލާގައި ސަރުކާރު ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

ޝަހްބާޒްއަކީ، ޕާކިސްތާނުގައި ކުރިން ތިން ދައުރެއްގެމަތިން ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފްގެ އެއްބަނޑު އެއްބަފާ ހަގު ކޮއްކޯފުޅެވެ.

ނަވާޒް ޝަރީފް ވެރިކަން ކުރެއްވި ތިން ދައުރުގައިވެސް މަގާމުން ވަނީ ދުރުކުރެވިފައެވެ. އެއްފަހަރު މަގާމުން ދުރުކުރީ އަސްކަރީންނެވެ. އަނެއް ދެފަހަރު މަގާމު ގެއްލިވަޑައިގެންނެވީ ކޮރަޕްޝަންގެ މައްސަލަތަކުގައެވެ.

ނަވާޒް ޝަރީފްގެ ޕާޓީ، ޕާކިސްތާން މުސްލިމް ލީގު-ނަވާޒް ޕާޓީގެ ރައީސް ޝަހްބާޒް ޝަރީފް މަނީ ލޯންޑަރިންގެ މައްސަލަތަކެއްގެ ތުހުމަތުގައި ހައްޔަރު މިކުރެވުނީ، ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން އިމްރާން ޚާން ދުރުކުރުމަށް އިދިކޮޅު ހުރިހާ ޕާޓީތަކެއް ގުޅިގެން އިއްތިހާދެއް ހަދައި އަދި އެ އިއްތިދާނުގެ އޮންލައިން ކޮންފަރެންސެއް މިދިޔަ ހަފްތާގައި ބާއްވާފައި ވަނިކޮށެވެ.