މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހިއްސާ އަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ "ފަހިވޯޓް" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި 44 ހިއްސާދާރުން ވަނީ ބައިވެރިވެފަ އެވެ.

އެމްޓީސީސީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ ހިއްސާގެ ފައިދާއަށް، މޫނުމަތީ އަގު ފަސް ރުފިޔާގެ ހިއްސާއަކަށް ދެ ރުފިޔާ ބަހަން ވަނީ ފާސްކޮށްފަ އެވެ.

ހިއްސާއަކަށް ދެ ރުފިޔާ ބަހަން ނިންމާފައިވާ އިރު، ޓެކްސް ކެނޑުމަށް ފަހު، މިދިޔަ އަހަރު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބުނީ 53 މިލިއަން ރުފިޔާ އެވެ. މިއީ 2018 ވަނަ އަހަރު ލިބުނު 34،2 މިލިއަން ރުފިޔާއަށްވުރެ 55.57 އިންސައްތައިގެ އިތުރު އަދެދެކެވެ.

މި ޖަލްސާގައި ސަރުކާރުގެ ފަރާތުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުން ވަނީ އައްޔަންކޮށްފައެވެ. ސަރުކާރުގެ ފަރާތުން އެމްޓީސީސީގެ ބޯޑަށް އައްޔަންކޮށްފައިވަނީ ޗެއާމަން މުހައްމަދު ފަހީމް، ސީއީއޯ އާދަމް އާޒިމް، އެގްޒެކެޓިވް ޑިރެކްޓަރު ޝާހިދު ހުސައިން މޫސާ، ސިނާން އަލީ އަދި އަލްއުސްތާޒް މުހައްމަދު ފަރީދު އެވެ. އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަންކޮށްފައިވަނީ ނަސްރަތު މުހައްމަދު (ހެޕީނައިޓް، ގއ. ވިލިނގިލި) އެވެ.

މީގެ އިތުރުން ކުންފުނީގެ މިދިޔަ އަހަރުގެ އޮޑިޓް ކޮށްފައިވާ ބެލެންސް ޝީޓާއި ފައިދާ އާއި ގެއްލުމުގެ ހިސާބާއި ޑިރެކްޓަރުންގެ ރިޕޯޓް އަދި 2018 ވަނަ އަހަރުގެ އާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފަ އެވެ. އަދި މިއަހަރަށް ކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސް ވޯޓާހައުސް ކޫޕާސް ވަނީ އައްޔަން ކޮށްފައެވެ.