އިންޑިއާއިން ކޮވިޑްބަލި ޖެހުނު މީހުންގެ އަދަދު މިއަދު ހަމިލިއަން ފަހަނައަޅައި ހިނގައްޖެއެވެ.

މިއަދު އެކަނިވެސް އިންޑިއާއިން 82،170 މީހުން އަލަށް ޕޮޒިޓިވް ވެފައިވާ ކަމަށް އިންޑިއާ ސަރުކާރުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

އިންޑިއާގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ރެކޯޑު ކުރެވުނު މީހުންގެ އަދަދު 6.1 މިލިއަނަށް އަރައިގެން ދިޔައިރު، އިންޑިއާގެ ހާލަތު ރަނގަޅުވުމުގެ ކޮޅުމައްޗެއް އަދި ނުފެންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އަދި ކޮވިޑް ބަލީގެ ހާލަތު ދުނިޔޭގައި އެންމެ ގޯސްކޮށް މިވަގުތުއޮތް އެމެރިކާ ފަހަނައަޅައި، ބަލީގެ ހާލަތު އެންމެ ގޯސް ގައުމަށް ކުރިއަށްއޮތް މަދު ހަފްތާތަކެއްގެ ތެރޭގައި އިންޑިއާ ވެގެންދާނެ ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

މިބަލީގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 1،039 މީހުން މަރުވެފައިވާއިރު، މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދުވަނީ 95،542 އަށް އަރާފައެވެ. މިއީ، އިންޑިއާއިން ބަލިޖެހުނު މީހުންގެ 1.6 އިންސައްތައެވެ.

މިދިޔަ އޮގަސްޓްމަހުން ފެށިގެން ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ކޮންމެ ދުވަހަކު އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވާ ގައުމަށް އިންޑިއާ ވެފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކު 80،000، 90،000 މީހުން ޕޮޒިޓިވްވަމުން ގޮސްފައި ވެއެވެ.

ބަލީގެ ހާލަތު ގޯސްވަމުންދާތީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެގައިވެސްވަނީ، ގެއިން ބޭރަށް ނުކުންނައިރު ހުރިހާ އެންމެންވެސް މާސްކްއަޅަން އިލްތިމާސް ކުރައްވާފައެވެ.

ބޮޑުވަޒީރު މޯދީ ވިދާޅުވީ، ކޮރޯނާވައިރަސްއާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބު ކުރުމަށާއި، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތުގައި މާސްކަކީ ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއަކީ ދުނިޔޭގައި އެންމެ ތޮއްޖެހުންބޮޑު ސިޓީތައްވެސް ހިމެނޭ ގައުމެވެ. މިކަމާހެދި، ކޮވިޑްބަލީގެ ހާލަތު އިންޑިއާގައި ވަރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް ކުރިންވެސް އޮތީ ލަފާކުރެވިފައެވެ.

ކޮވިޑްބަލި އެންމެ ފުރަތަމަ ފެތުރޭންފެށީ މުމްބާއީއާއި ވެރިރަށް ނިއުދިއްލީގައި ނަމަވެސް، އިންޑިއާގެ ހުރިހާ ހިސާބަކަށް މިހާރުވަނީ ބަލި ފެތުރިގެން ގޮސްގައެވެ.

ބަލީގެ ހާލަތު ގޯސްވަމުން ދިޔަ ނަމަވެސް، އަލުން ލޮކްޑައުންއަކަށްދާން ސަރުކާރުން ނުވިސްނާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނަނީ، ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންނަށްވުރެ ބަލިން ފަސޭހަވާ މީހުންގެ އަދަދު އިތުރު ކަމަށެވެ.