އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އަތޮޅުތެރޭގެ ގެސްޓްހައުސްތައް ހުޅުވުވުމުގެ ތައްޔާރީތައް ވަމުންދާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވިދާޅުވެއްޖެއެވެ.

ހެލްތް އިމަރޖަންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ވިދާޅުވީ ރާއްޖެގެ ބޯޑަރު ޖުލައި 15 ގައި ހުޅުވާލައި އޮގަސްޓުމަހުގެ 1 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވާލަން މީގެ ކުރިން ނިންމާފައިވީނަމަވެސް އޭރު ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވާން ފެށުމުން ގެސްޓްހައުސްތައް ހުޅުވުން ލަސްކޮށްލީ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު މަޑުމަޑުން ހަމަޔަކަށް އެޅެމުން އަންނާތީ އަންނަ އޮކްޓޯބަރު 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވަން ނިންމާފައިވާކަމަށް އައްސަދު ވަނީ ވިދާޅުވެފައެވެ.

އައްސަދު ވިދާޅުވީ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ގެސްޓްހައުސްތަކަށް ދެވޭނި ރަށު ކައުންސިލްތަކުން ގެސްޓްހައުސް ހިންގުމަށް އެއްވެސް އިއުތިރާޒެއް ނެތްކަމަށް ޓުއަރިޒަމް މިނިސްޓްރީއަށް އެންގުމުން ކަމަށެވެ. އަދި މިހާރު މުޅި ދުނިޔޭގެވެސް ހާލަތަށް ރިއާޔަތްކޮށް، ގެސްޓްހައުސްތަކުން އަމަލުކުރަންޖެހޭ ގައިޑްލައިންއެއް ކަނޑައަޅާފައިވާކަމަށާއި، ގެސްޓައުސްތަކުން މި ގައިޑްލައިންއާއި އެއްގޮތަށް އަމަލުކުރަންޖެހޭނެ ކަމަށް އައްސަދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގެސްޓްހައުސްތަކުންވެސް ބަލަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރައްވައި އައްސަދު ވިދާޅުވި އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތްވާގޮތަށް ގެސްޓްހައުސްތަކުން ވަކި ހާއްސަ އެސްއޯޕީއެއް ޓުއަރިޒަމް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. އެއަށްފަހު ޓުއަރިޒަމް މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެތަން ގައިޑްލައިންއާއި އެއްގޮތްތޯ ބެލުމަށް ކައުންސިލުން އެތަނަކަށް ދާނެ ކަމަށާއި، ގައިޑްލައިންއާއި އެއްގޮތަނަމަ އެތަން ހުޅުވުމުގެ ހުއްދަ ދެވޭނެ ކަމަށް އައްސަދު ވިދާޅުވިއެވެ.

ކައުންސިލުން އިއުތިރާޒެެއް ނެތްކަމަށް އަންގާއިރުވެސް ބަލަންޖެހޭ ބައިވަރު ކަންކަން އެބަހުރި. ފުރަތަމަ ކަމަކަށް އެބަޖެހޭ އެރަށުގެ އާއްމު ރައްޔިތުން މި ގައިޑްލައިންއަށް ހޭލުންތެރިކުރުވަން. އަދި ވަކި ރޫމްތަކެއް އައިސޮލޭޝަން އަދި ކަރަންޓީން ބޭނުމަށް ރަށުގައި ހުންނަންޖެހޭ. މީހުން ދިރިއުޅޭ ގެތަކުގައި ނުވަތަ އިމާރާތްތަކުގައި ގެސްޓްހައުސް އޮޕަރޭޓެއް ނުކުރެވޭނެ. މީގެ އިތުރުން ރަށްރަށުގައި ތިބޭ ކޮވިޑް ޓާސްކްފޯސްތަކުންވެސް އެބަޖެހޭ ވަރަށް ބޮޑަށް އެޗްޕީއޭއާ ކޯޑިނޭޓްކޮށްގެން މިކަން މޮނިޓަރކުރަން. އަދިވެސް ބައެއް ކަންކަން އެބަހުރި. ރަށުގެ ކައުންސިލުން މިކަންކަން ހަމަޖެހިފައި ހުރިކަން ޔަގީންކޮށްފަ މިނިސްޓްރީއަށް އެންގުމުން ޓުއަރިޒަމް މިނިސްޓްރީން އެރަށެއްގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޭނަން.
އައްސަދު ރިޒާ

ކޮވިޑް-19 އާއި ގުޅިގެން ޜާއްޖޭގެ ބޯޑަރު ބަންދުކުރުމުން އެންމެ ބޮޑު ގެއްލުމެއް ވި އެއް ސިނާއަތަކީ ފަތތުރުވެރިކަމުގެ ސިނާއަތެވެ. މީގެ ތެރޭގައި ގެސްޓްހައުސް ސިނާއަތްވެސް ހިމެނޭއިރު، ރާއްޖޭގެ 86 ރަށެއްގައި ގެސްޓްހައުސް ވިޔަފާރި ހިންގަމުންދާއިރު، މި ގެސްޓްހައުސްތަކުގައި 6000 އަށްވުރެ ގިނަ މީހުން މަސައްކަތްކުރަމުން ގޮސްފައިވެއެވެ. އެހެންކަމުން ކޮވިޑް-19 އާއި ގުޅިގެން ގެސްޓްހައުސް ސިނާއަތް ހުއްޓާލުމުން ވަރަށް ގިނަ ބައެއްގެ އާމްދަނީއަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވެއެވެ.

މީގެ އިތުރުން ރާއްޖެ އަންނަ ފަތުރުވެރިންގެ 10 އިންސައްތަ ގެސްޓްހައުސްތަކުން ކަވަރު ކުރާއިރު ގެސްޓްހައުސް ސިނާއަތް ހުއްޓުމަކަށް އައުމުން ދައުލަތުގެ އާމްދަނީއަށްވެސް ވަރަށް ބޮޑު އަސަރެއް ކޮށްފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ތަފާސްހިސާބުން ދައްކާގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ގެސްޓްހައުސްތަކަށް އަންނަ މީހުންގެ އަތުން އެކަނިވެސް ގްރީން ޓެކްސްގެ ގޮތުގައި 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.