• ހަމަލާތަކުގައި މިހާތަނަށް 95 މަރު
  • އަޒަރބައިޖާންގެ ބިމުން އަރްމީނިއާ ސިފައިން ވަގުތުން ފޭބުމަށް އޯއައިސީން ގޮވާލައިފި

ނަގޯނޯ-ކަރަބާޚް ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލަ ހޫނުވެފައި ވަނިކޮށް އަޒަރބައިޖަނާއި އަރްމީނިއާއާ ދެމެދު މިދިޔަ އާދީއްތަދުވަހު ބަދަލުކުރަންފެށި ހަމަލާތައް ތިންވަނަ ދުވަހަކަށް އެޅިއިއިރު، އަޒަރބައިޖާން ފަޅިން މިހާތަނަށް 95 މީހުން މަރުވެއްޖެ ކަމަށް، ނަގޯނޯ-ކަރަބާޚުން ހާމަކޮށްފިއެވެ.

ދެފަރާތުގެ ސިފައިން ބަދަލުކުރަމުންދާ ހަމަލާތަކުގައި މިހާތަނަށް އާންމުންގެ 11 މީހުން މަރުވެފައިވާ ކަމަށްވެސް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ. މަރުވި އާންމުންގެ ތެރޭގައި ހިމެނެނީ އަޒަރބައިޖާންގެ 10 މީހުންނާއި، އަރްމީނިއާގެ މީހެކެވެ.

އަޒަރބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްވަނީ، އަރްމީނިއާ ސިފައިންގެ ހަމަލާތަކުގައި އާންމުންގެ 10 މީހުން މަރުވެފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.

ނަމަވެސް، ނަގޯނޯ-ކަރަބާޚް ސަރަހައްދުގައި ހަނގުރާމަ ކުރަމުންދާ އަޒަރބައިޖާންގެ ސިފައިންގެ އެއްވެސް މީހަކަށް ކަމެއްވީކަމެއް ރައީސް އިލްހާމް ހާމައެއް ނުކުރައްވައެވެ.

އަރްމީނިއާގެ ޚާރިޖިއްޔާއިންވަނީ، އަޒަރބައިޖާން ސިފައިންގެ ހަމަލާގައި އާންމުންގެ މީހަކު މަރުވެފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް، އަރްމީނިއާ ސިފައިންގެ މީހަކަށް ކަމެއްވީކަމެއް ބުނެފައެއް ނުވެއެވެ.

އަޒަރބައިޖާނަށް ނިސްބަތްވާ ނަގޯނޯ-ކަރަބާޚް ޑިފެންސް ފޯރސްގެ އިތުރު 26 މީހުން މިއަދު މަރުވެ، މިހާތަނަށް މަރުވި މީހުންގެ އަދަދު 84 އަށް އަރާފައިވާ ކަމަށް ނަގޯނޯ-ކަރަބާޚްގެ ޑިފެންސް ފޯރސްއިން ބުނެފައިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މައްސަލަ ޖެހިފައިވާ ނަގޯނޯ-ކަރަބާޚް ސަރަހައްދާ ދުރު ހިސާބުތަކުގެ އަވަށްތަކަށްވެސް ދަނީ ހަމަލާތައް އަމާޒުވަމުންނެވެ.

އެހެން ރަށްތަކަށް އަރްމީނިއާ ސިފައިން ހަމަލާ ދެމުންގެންދާ ކަމަށް ބުނެ އަޒަރބައިޖާނުން އެކަން ކުށްވެރި ކުރަމުން ގެންދާއިރު، އަރްމީނިއާއިން ބުނަނީ އަޒަރބައިޖާންގެ ސިފައިންވެސް އާންމުން ދިރިއުޅޭ އެހެން ހިސާބުތަކަށް ހަމަލާތައް ދެމުންގެންދާ ކަމަށެވެ.

ނަގޯނޯ-ކަރަބާޚްގެ މައްސަލާގައި އަރްމީނިއާއާއި އަޒަރބައިޖާންގެ ސިފައިން އާދީއްތަ ދުވަހުން ފެށިގެން ވަރުގަދައަށް ހަނގުރާމަ ކުރަމުން ގެންދާއިރު، ދެފަރާތް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ގެންދަނީ ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ދުނިޔޭގެ ލީޑަރުން ގެންދަވަނީ ގޮވާލަމުންނެވެ.

މިމައްސަލާގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް، ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުގެ އެދުމަށް އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ސިއްރު ބައްދަލުވުމެއް މިރޭގެ ވަގުތެއްގައި އޮންނާނެ ކަމަށް ޚަބަރު ލިބެއެވެ.

ނަގޯނޯ-ކަރަބާޚް ސަރަހައްދަކީ އަޒަރބައިޖާންގެ ބިމުގެ ބައެއްކަމަށް ބައިނަލްއަގްވާމީ މުޖުތަމައުންވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް، އެ ސަރަހައްދުގައި ގިނައިން ދިރިއުޅެނީ އަރްމީނިއާ ދަރިކޮޅުގެ މީހުންނެވެ.

1990 ގެ އަހަރުތަކުގެ ތެރޭގައި ހިނގި ހަނގުރާމައަށްފަހު ނަގޯނޯ-ކަރަބާޚުންވަނީ އަމިއްލަ މިނިވަންކަން އިޢްލާން ކޮށްފައެވެ. ނަމަވެސް، އެއީ، މިނިވަން ދައުލަތެއް ކަމަށް ދުނިޔޭގެ އެއްވެސް ގައުމަކުން ގަބޫލުކޮށްފައެއް ނުވެއެވެ.

އަނެއްކޮޅުން، އަޒަރބައިޖާންގެ ބިމަށް އަރައިގަނެ، އަރްމީނިއާ ސިފައިން ހިންގަމުންގެންދާ އުދުވާނު، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީންވަނީ ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.

އަޒަރބައިޖަންގެ ބިމުން އެއްވެސް ޝަރުތަކާނުލައި އަރްމީނިއާ ސިފައިން ވަގުތުން ފޭބުމަށްވެސް އޯއައިސީން ނެރުނު ބަޔާނުގައި ގޮވާލާފައި ވެއެވެ.

އަދި މައްސަލައެއް އުޅޭނަމަ އެކަމަށް ސިޔާސީ ހައްލު ހޯދުމަށްވެސް ގޮވަލާފައި ވެއެވެ.

އަރްމީނިއާ ސިފައިން ނަގޯނޯ-ކަރަބާޚް ސަރަހައްދަށް ވަދެގަނެ އަޒަރބައިޖާންގެ ސިފައިންނަށް ދެމުންގެންދާ ހަމަލާތައް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންވެސް ވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. އަދި އަޒަރބައިޖާންގެ ބިމުން ވަގުތުން ސިފައިން ބޭލުމަށް އަރްމީނިއާއަށް ވަނީ ގޮވާލައްވާފައެވެ.