އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން ދޫކޮށްފައިވާ ލޯނުތައް ފަސްކުރަން އެދުމަށް ހުޅުވާލެވިފައިވާ ފުރުސަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

އެސްޑީއެފްސީން މީގެކުރިން ވަނީ ލޯނު ދެއްކުން ފަސްކޮށްދިނުމުގެ އެންމެ ފަހު ތާރީހެއްގެ ގޮތުގައި މިމަހުގެ 25 ވަނަ ދުވަސް ކަނޑައަޅާފައެވެ. އެސްޑީއެފްސީއިން ބުނީ މިމުއްދަތު ފާއިތުވިއިރު އެކިއެކި ސަބަބުތަކާއިހުރެ ގިނަ ކަސްޓަމަރުންނަށް ލޯނު ފަސްކުރުމަށް އެދި ހުށަހެޅިފައިނުވާތީ ކަސްޓަމަރުންނަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ލޯނު ފަސްކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު މިހާރުވަނީ 8 އޮކްޓޯބަރުގެ ނިޔަލަށް ވަނީ އިތުރުކޮށްފައި ކަމަށް އެސްޑީއެފްސީން މައުލޫމާތުދެއެވެ.

މި މުއްދަތުގެ ކުރިން، ލޯނު ދެއްކުން ފަސްކުރަން ބޭނުންފުޅުވާ ކަސްޓަމަރުން އެސްޑީއެފްސީގެ އޮންލައިން ޕޯޓަލްއިން އެކަމަށް އެދިވަޑައިގަންނަވަން ޖެހޭނެކަމަށް އެސްޑީއެފްސީއިން ވަނީ ހާމަކޮށްފައެވެ. އެގޮތަށް ލޯނު ދެއްކުން ސެޕްޓެމްބަރު 2020 އިން ފެށިގެން އިތުރު 4 މަސްދުވަހަށް ފަސްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި މުއްދަތުގައި 4 އިންސައްތައިގެ އިންޓްރެސްޓް ނެގޭނެ ކަމަށާއި ނަމަވެސް އިންޓްރެސްޓް ކޮމްޕައުންޑް ނުވާނޭކަމަށް އެސްޑީއެފްސީއިން ބުނެއެވެ.

އަދި މި މުއްދަތުގައިވެސް ލޯނަށް ފައިސާދައްކަން ބޭނުންފުޅުވާ ބޭފުޅުންނަށް އެ ފުރުސަތުވެސް ހުޅުވާލެވިފައިވާކަމަށް އެ ކޯޕަރޭޝަން އިން ބުނެއެވެ.

2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި، ފައިނޭންސިން ވިޔަފާރި ކުރުމަށް ބޭނުންވާ ފައިނޭންސިން ބިޒްނަސް ލައިސަންސް ދޫކޮށްފައިވާއިރު، އެސްއެމްއީ ބޭންކް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. އެއާއެކު ކުދިއަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ލޯނުތައް ވަނީ ދޫކުރަން ފަށާފައެވެ.

އެސްޑީއެފްސީއަކީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން މި ސަރުކާރުން ގާއިމްކުރި ކުންފުންޏެކެވެ.