ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި ދިިރާގުން ހިލޭ އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދީ، އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު ކްލާސްރޫމްތަކުގައި ގާއިމުކޮށްދީފިއެވެ.

އެގޮތުން ދިރާގުން ވަނީ އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު 4 ކްލާސްރޫމް ގައި ގާއިމުކޮށްދީފިއެވެ. މީގެ ކުރިންވެސް ދިރާގުން އަންނަނީ ފިޔަވަތީގެ ކޮމްޕިއުޓަރ ލެބަށް އިޖުތިމާއީ ޒިންމާގެ ދަށުން ހިލޭ އިންޓަނެޓް ފޯރުކޮށްދެމުންނެވެ.

ދިރާގުން ބުނީ ކޮވިޑް19 ގެ މި ދަނޑިވަޅުގައި އިންޓަނެޓްގެ ބޭނުން އިތުރަށް ޖެހިފައިވާތީ، ލެބްގެ އިތުރުން ކްލާސް ރޫމް ތަކުގައި ކުދިންގެ ސްކޫލް ޕްރޮގްރާމްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ގޮތްތައް ބޭނުންވެފައިވާ ކަމަށެވެ.

99 ދަރިވަރުން ފައުންޑޭޝަން ލެވެލް އިން ފެށިގެން ގްރޭޑް 7 އާ ހަމައަށް މިހާރުވެސް ފިޔަވަތިން އޮންލައިން ކްލާސްތަކުގައި ބައިވެރިވަމުން ދާއިރު، ދިރާގުން ގާއިމު ކޮށްދީފައިވާ އިންޓަނެޓްގެ ނިޒާމު މެދުވެރިކޮށް ދަރިވަރުންނަށް ފިޔަވަތިން ބާއްވާ ޚާއްސަ ހަރަކާތްތަކުގައިވެސް އޮންލައިންކޮށް ބައިވެރިވެވޭނެއެވެ.

މިކަމާ ގުޅިގެން ފިޔަވަތީގެ ސީ. އީ. އޯ ޒީނާ ގާސިމް ވިދާޅުވީ، ކޮވިޑް 19ގެ މި ހާލަތުގައި، އޮންލައިންކޮށް ހުރިހާ މަސައްކަތްތަކެއް ކުރަން މަޖުބޫރުވެފައިވާ މިދަނޑިވަޅުގައި، އެއްވެސް ޚަރަދަކާއިނުލާ އިންޓަނެޓް ޕެކޭޖާއެކު، އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތު ފިޔަވަތީގެ ކުދިންނަށް ފަހިކޮށް ދެމުންދަވާތީ ޝުކުރު އަދާކުރާ ކަމަށެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވޭތުވެދިޔަ އަހަރު ތަކުގައިވެސް ވަނީ ކުޑަކުދިންގެ ހިޔާތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮދީފައި ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.