ކުވައިތުގެ އަމީރު ޝައިޚް ސަބާހް އަލް އަހްމަދު އަލް ޖާބިރު އައްސަބާހް މިއަދު އަވަހާރަވެއްޖެއެވެ.

ކުވައިތުގެ އަމީރު އަވަހާރަވިއިރު އުމުފުޅަކީ 91 އަހަރެވެ.

ކުވައިތުގެ އަމީރު ޝައިޚް ސަބާހް އަލް އަހްމަދު އަލް ޖާބިރު އައްސަބާހް އަވަހާރަވެއްޖެކަން އިޢްލާން ކުރެއްވީ، ކުވައިތު ސަރުކާރުގެ މިނިސްޓަރ އިންޗާޖް އޮފް ރޯޔަލް އެފެއަރޒް ޝައިޚް އަލީ ޖައްރާހް އައްސަބާހް ނެރުއްވި ބަޔާނެއްގައެވެ.

ކުވައިތުގެ އަމީރު އަވަހާރަވީ އާލާސްކަންފުޅެއް ޖެހިވަޑައިގެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އަމީރު ޝައިޚް ސަބާހް އަލް އަހްމަދު އަލް ޖާބިރު އައްސަބާހްއަށް އާލާސްކަންފުޅެއް ޖެހިވަޑައިގެންފައިވާކަން ކުވައިތުން ހާމަކުރީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް، ޖެހިވަޑައިގެންނެވީ ކޮންކަހަލަ އާލާސްކަންފުޅެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޝައިޚް ސަބާހް އަލް އަހްމަދު އަލް ޖާބިރު އައްސަބާހް މިއަހަރުގެ ތެރޭގައި ބޭސްފަރުވާއަށް އެމެރިކާއަށްވެސް ގެންދެވުނެވެ. ޝައިޚް ސަބާހް އެމެރިކާއަށް ގެންދެވުނީ އެމެރިކާ ވައިގެ ސިފައިންގެ ޚާއްސަ ހޮސްޕިޓަލް މަތިންދާ ބޯޓެއްގައެވެ.

1929 ވަނަ އަހަރު އުފަންވެވަޑައިގެންނެވި އަމީރު ޝައިޚް ސަބާހް އަލް އަހްމަދު އަލް ޖާބިރު އައްސަބާހް ބެލެވިފައިވަނީ ކުވައިތުގެ ޚާރިޖީ ސިޔާސަތު މިޒަމާނުގެ ގޮތަށް ބައްޓަންކުރެއްވި މޭސްތިރީގެ ގޮތުގައެވެ. އެއީ، 1963-2003 އަށް އޭނާ ކުވައިތުގެ ޚާރިޖީ ވަޒީރުކަމުގައި ހުންނަވައިގެންނެވެ.

ޚާރިޖީ ވަޒީރުކަން 40 އަހަރު ކުރެއްވުމަށްފަހު ޝައިޚް ސަބާހް ދެން ވަޑައިގެންނެވީ ބޮޑުވަޒީރު ކަމަށެވެ.

ކުވައިތުގެ އަމީރުގެ މަގާމަށް ޝައިޚް ސަބާހް އިސްކުރެވުނީ 2006 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ.

ޝައިޚް ސަބާހްއަކީ، ސަރަހައްދީ މައްސަލަތައް ސުލްހަވެރިމަގުން ހައްލު ކުރެއްވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައި އެކަމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ގަލްފް ސަރަހައްދާއި އަރަބި ގައުމުތަކާއި އިސްލާމީ ގައުމުތަކުގެ އެންމެންގެ އިހްތިރާމް ލިބިވަޑައިގެން ހުންނެވި ޝައިޚް ސަބާހްއަށް މުޚާތަބު ކުރެވެނީވެސް "ސަރަހައްދުގެ ބުއްދިވެރިޔާ" ގެ ގޮތުގައެވެ.

އަރަބި ބައެއް ގައުމުތަކުން އިސްނަގައިގެން ގަތަރު އެކަހެރިކުރުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި އަސްކަރީ ކުރިމަތިލުމަކަށް ނުގޮސް ސަލާމަތްވެވުނީ ކުވައިތުގެ އަމީރު ކުރެއްވި ބުރަ މަސައްކަތްޕުޅުންނެވެ.

ޝައިޚް ސަބާހް އަލް އަހްމަދު އަލް ޖާބިރު އައްސަބާހްގެ އާއިލާއިން ކުވައިތުގައި ވެރިކަންކުރާތާ 250 އަހަރު ވެއްޖެއެވެ. ޝައިޚް ސަބާހްއަކީ އެ އާއިލާއިން ވެރިކަންކުރެއްވި 15 ވަނަ ލީޑަރެވެ.

ޝައިޚް ސަބާހް ވަރަށް ކުރީން ކުރެއްވި ކައިވެންޏަކަށް ލިބިވަޑައިގެންނެވި ކުދިންގެ ތެރެއިން 2 ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

ޝައިޚް ސަބާހް އަވަހާރަވީ އިތުރު ކައިވެންޏެއް ނުކުރައްވައި ގިނަ ދުވަސްތަކެއް ވުމަށްފަހުގައެވެ.

ޝައިޚް ސަބާހު އުމުރުފުޅުގެ ގިނަ ދުވަސްތައް ހޭދަކުރައްވާފައިވަނީ ދާރުއްސަލްވާ ނަމަކަށްކިޔާ ގނޑުވަރުގައެވެ. އެގަނޑުވަރަކީ ޝައިޚް ސަބާހްގެ އަންހެން ދަރިކަނބަލުންގެ ނަންފުޅަށް ނިސްބަތްވާ ގަނޑުވަރެކެވެ. ސަލްވާވަނީ ކެންސަރުގެ އާލާސްކަންފުޅުގައި 2002 ވަނަ އަހަރު އަވަހާރަވެފައެވެ.