ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުގައި ހުރި ހުސް މަގާމުތަކަށް މުވައްޒަފުން ނެގުމާއި އިދާރާތަކަށް އައު މަގާމު އުފައްދައިދިނުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގާފައި އޮތް އެންގުން އުވާލައިފިއެވެ.

ސިވިލްސާވިސް ކޮމިޝަނުން ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްސަ ގާނޫނުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހޯދަންޖެހޭ ހުއްދައާއި މާލިއްޔަތާ ބެހޭ ސަރކިއުލަރގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސުން ހޯދަންޖެހޭ ހުއްދަ ހޯދުމަށް ފަހު، ކައުންސިލްގެ އިދާރާތަކުގެ މަގާމުތަކަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް" އާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށް އަންގާ ކަމަށެވެ.

ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުގައިވާ ހުސް މަގާމުތަކަށް މުވައްޒަފުން ނެގުން ވަގުތީ ގޮތުން މަޑުޖައްސާލާފައި ވަނީ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހުގައެވެ.

ކައުންސިލްގެ އިދާރާތަކުގެ މަގާމުތަކަށް މުވައްޒަފުން ނެގުމަށް ސިވިލް ސަރވިސް ކޮމިޝަނުން ހުއްދަ އަލުން ދީފައިވާ އިރު 31 ކައުންސިލަކަށް މުވައްޒަފުން ނެގުމުގެ ހުއްދައާއި ރައްޔިތުންގެ ފައިސާއިން ޚަރަދު ކުރުމުގެ ހުއްދަ 26 ކައުންސިލަކަށް އިދާރީގޮތުން ދޫކޮށްފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީންވެސް ވަނީ މީގެ ކުރިން ބުނެފައެވެ.

އެގޮތުން ޖުލަ އިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ކުރި މަސައްކަތްތަކުގެ ތެރޭގައި، 31 ކައުންސިލަކަށް މުވައްޒަފުން ނެގުމުގެ ހުއްދައާއި، ރައްޔިތުންގެ ފައިސާއިން ޚަރަދުކުރުމުގެ ހުއްދަ 26 ކައުންސިލަކަށް އިދާރީގޮތުން ދޫކުރުމަށް ނިއްމާފައިވާ ކަމަށާއި ބިދޭސީންގެ ދަފުތަރު އެކުލަވާލުމާއި ގުޅޭގޮތުން ތައްޔާރު ކުރަމުންދާ ޕޯޓަލްއާއި ގުޅޭގޮތުން މަލޭ ސިޓީ ކައުންސިލުގެ ބޭފުޅުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ ބޭފުޅުންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އެލްޖީއޭއިން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭއަށް އިގްތިސާދީ ގޮތުން ދިމާވެފައިވާ ހާލަތުން އަރައިގަނެ ބޭރުގެ އެހީއާއިއެކު ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީ މާރުކޭޓަށް ނެރެދެވިދާނެ ތަފާތު އެކި އުފެއްދުންތަކުގެ މައުލޫމާތު ރާއްޖޭގެ ހުރިހާ ކައުންސިލަރުންނަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންނަށް ހިއްސާކުރުމަށް 5 ބެޗަކަށް ބަހާލައިގެން އޮންލައިން ސެޝަންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެލްޖީއޭއިން މައުލޫމާތު ދެއެވެ.