ރާއްޖޭގައި އަމަލުކުރަމުންއަންނަ ވަޒީފާއާބެހޭ ގާނޫނަކީ ފުރިހަމަ ގާނޫނެއްނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު ފާއިޒު މިފަދައިން ވިދާޅުވެފައި މިވަނީ ގާނޫނާ ހިލާފަށް ދައުލަތުގެ ވަޒީފާތަކުން ވަކިކޮށްފައިވާ މީހުންނަށް ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ނަގައިދެވެނީ އެެއް އަހަރު ދުވަހަށްވާ މުސާރަ އާއި އިނާޔަތްތައް ކަމަށް ކަނޑައަޅަން ސުޕްރީމްކޯޓްގައި ދައުލަތުން ވަކާލާތު ކުރުމުން ބައެއް ވަކީލުން ކަންބޮޑުވުން ފާޅުކުރައްވާފައިވާ ވަގުތެއްގައެވެ.

ފާއިޒު ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖޭގައި އަމަލު ކުރަމުން އަންނަ ވަޒީފާއާބެހޭ ގާނޫނަކީ ފުރިހަމަ ގާނޫނެއް ނޫން ކަމަށާއި އެ ގާނޫނުގައިވާ އުނިކަންތައްތަކެއްގެ ސަބަބުން ބަދަލުގެ ނަމުގައި ނުހައްގު މުއްސަދިކަން ބަޔަކަށް ލިބިދީފައިވާލެއް މަދެއް ނޫން ކަމަށެވެ.

"އަދުލުވެރި ބަދަލު" ގެ މަފްހޫމަކީ ވަޒީފާ ގެއްލުނު މުއްދަތު ކަލްކިޔުލޭޓު ކޮށް ކަނޑައަޅާ އަދަދަކަށްވުރެ ފުޅާ މަފްހޫމެއް ކަމަށް ފާއިޒު ވިދާޅުވިއެވެ.

" ރާއްޖޭގެ ވަޒީފާއާބެހޭ ޓްރެބިއުނަލުން އެމަފްހޫމު ކަނޑައަޅަމުން އަންނަގޮތް ރަނގަޅު ނޫން." ފަނޑިޔާރު ފާއިޒު

ބަދަލުދޭން އެންމެ އެކަށީގެންވާ މުއްދަތަކީ އެއް އަހަރު ދުވަސްކަމަށް ދައުލަތުން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސިފައިންގެއިން ވަކިކޮށްފައިވާ މީހެއް ކަމަށްވާ އަލީ ވަހީދުގެ ވަޒީފާ އިއާދަކޮށް ބަދަލުދޭން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް، ހައި ކޯޓުން ބާތިލުކުރުމުން ސުޕްރީމްކޯޓްގައި އިސްތިއުނާފްކުރުމުން މިހާރު ބަލަމުން އަންނަ މައްސަލާގައެވެ.

މި މައްސަލައާއި ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުން އަންނަ އިރު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި އެކި މީހުންނަށް ބަދަލުގެ ގޮތުގައި އެތައް މިލިޔަން ރުފިޔާއެއް ދީފައިވާ ކަމަށާއި އެގޮތުން ވަޒީފާއިން ގާނޫނާ ހިލާފަށް ވަކިކުރި އެތައް ބަޔަކަށްވެސް ބަދަލުގެ ގޮތުގައި އެތައް ފައިސާއެއް ދީފައިވާ ކަމަށެވެ.