ކުމުންދޫ ކަނޑު އޮޅިންފެށިގެން ހއ. ކެލައާއި ދެމެދުގައި ހުރި ރަށްތައް، ބުރިޖުތަކުން ގުޅާލުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއްކަމަށް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރ ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުއްޓައް ދިމާވެފައިވާ ބޯހިޔާވަހިކަމާ ގުޅޭގޮތުން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ޖަމްޝީދު ވިދާޅުވީ ކުޅުދުއްފުއްޓަކީ ހިއްކައިގެން ރަށް ބޮޑުކުރުމުގެ ފުރުސަތު ނެތް ރަށެއް ކަމަށާއި މިހާރުވެސް ގެއަޅަން ބޭނުންވެ، ގެ ނޭޅި 700 އެއްހައި ހުސް ގޯތި އެބައޮތް ކަމަށެވެ.

ކުޅުދުއްފުށީ ރައްޔިތުންގެ މުސްތަގުބަލު އޮތީ މަތިމައްޗަށް ނެގޭ އިމާރާތްތަކަކަށްވުރެ ބުރިޖް ކުރެވޭ ރަށްތަކަކުން ކަމަށާއި އުންމީދަކީ ބުރިޖް ކުރެވޭނެ ރަށްތަކެއް ލިބުން ކަމަށް ޖަމްޝީދު ވިދާޅުވިއެވެ. އެގޮތުން ކުޅުދުއްފުށިން ކުމުންދޫ ކަނޑު އޮޅިންފެށިގެން ހއ. ކެލައާއި ދެމެދުގައި ހުރި ރަށްތައް، ބުރިޖުތަކުން ގުޅާލުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއްކަމަށް މެމްބަރު ވިދާޅުވިއެވެ.

" އަޅުގަނޑަށް ޔަގީން ރައްޔިތުންނަށް ގޯތި ކަނޑާފަ ދެވޭނީ މިގޮތަށްހެން. އަޅުގަނޑު އުންމީދު ކުރަން މިގޮތަށް ބޯހިޔާވަހިކަން ހޯދުމަށްޓަކައި މި ފުރުސަތުތައް ސަރުކާރުން ފަހިކޮށްދެއްވާނެ ކަމަށް." މެމްބަރު ޖަމްޝީދު

ކުޅުދުއްފުށި އޮތީ ވަރަށް ބޮޑަށް ބޯހިޔާވެހިކަމަށް ބޭނުންވެފައިކަން ފާހަގަކޮށް ޖަމްޝީދު ވިދާޅުވީ ސަރުކާރު ވެރިކަމާ އައުމާއެކު ކުޅުދުއްފުށީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާ ކުރުމަށްޓަކައިވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މަގު ހެދުމުގެ މަޝްރޫޢު ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.