ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުވޭތުގެ އައު އަމީރު ޝައިޚް ނަވާފް އަލް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙަށް ތަހުނިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

ކުވޭތުގެ އައު އަމީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެ ޤައުމުގެ ކުރީގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ ޢާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.

އަދި، އަމީރުގެ ޙިކުމަތްތެރިކަމާއި ދުރުވިސްނުންފުޅުގެ ސަބަބުން، ‌‏އެ މަނިކުފާނަށް ކުވޭތުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިވަޑައިގެންފައިވާ ޤަދަރާއި އިޙްތިރާމަށް ބަދަލެއް ނައިސް ދެމިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ކުވޭތުގެ އައު އަމީރުގެ ޒަޢާމަތުގައި ރާއްޖެއާއި ކުވޭތުގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިދާނެ ކަމާއިމެދު ޝައްކު ނުކުރައްވާކަމުގައިވެސް ވިދާޅުވެފައި ވެއެވެ.

ކުވައިތުގެ އަމީރު ޝައިޚް ސަބާހް އަލް އަހްމަދު އަލް ޖާބިރު އައްސަބާހް އަވަހާރަވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އަވަހާރަވިއިރު އުމުފުޅަކީ 91 އަހަރެވެ.

ކުވައިތުގެ އަމީރު އަވަހާރަވުމާ ގުޅިގެން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރޭގައިވަނީ، ކުވޭތުގެ ވަލީއަޙުދު ނަވާފް އަލް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙްއަށް ތަޢުޒިޔާގެ މެސެޖެއްވެސް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ކުވޭތުގެ އަމީރު އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ ޢާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަމަށް ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ކުވޭތުގެ އަމީރަކީ ބައިނަލްއަޤްވާމީ މައިދާނުގައި، ޚާއްޞަކޮށް ސަރަޙައްދީ މައްސަލަތައް ޙައްލުކުރުމުގައި ވެސް، އިސް ދައުރެއް އަދާކުރެއްވި ލީޑަރެއްކަން ފާހަގަކުރައްވާފައި ވެއެވެ. އަދި، އެ މަނިކުފާނަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބެހެއްޓެވި ލީޑަރެއްކަމަށާއި ރާއްޖޭގެ ތަރައްޤީއަށް ފޯރުކޮށްދެއްވި އެހީތެރިކަމާއި ރާއްޖެއަށް ދެއްވަމުން ގެންދެވި އެއްބާރުލެއްވުމަށްޓަކައި ދިވެހިން އެބޭފުޅަކަށް ދަރަނިވެރިވެފައިވާ ލީޑަރެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ކުވޭތުގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމުގެ ހިތާމައިގައި، 2020 ސެޕްޓެންބަރު 30 ވާ ބުދަ ދުވަހުން ފެށިގެން 2020 އޮކްޓޫބަރު 2 ވާ ހުކުރު ދުވަހުގެ ނިޔަލަށް (ތިން ދުވަސް) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.