އައްޑޫގައި މަސައްކަތެއް ކުރަން އިންޑިއާއިން ގެނައި މީހުންގެ ތެރެއިން 53 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އިންޑިއާއިން ގެނައި 128 މީހަކު އައްޑޫގައި ތިބީ ކަރަންޓީނުގައި ކަމަށެވެ.

އެމީހުންގެ ސާމްޕަލް ނަގައި ކޮވިޑަށް ޓެސްޓްކުރަން ފަށާފައިވަނީ ރޭގައި ކަމަށާއި، މިހާތަނަށް ޓެސްޓްކުރެވުނު ސާމްޕަލްތަކުން 53 މީހެއްގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ މައުލޫމާތު ހާމަކުރައްވަނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 6:00 އާ ހަމައަށް ލިބޭ ނަތީޖާތަކަށް ބަލައިގެން ކަމުން، އެހާތަނަށް އެމީހުންގެ ތެރެއިން ޕޮޒިޓިވް ކަމަށް ހާމަކޮށްފައިވަނީ 44 މީހުންނެވެ.

ނަމަވެސް، މިއަދު ހަވީރު 6:00 ގެ ފަހުންވެސް އިތުރު 9 މީހެއްގެ ޕޮޒިޓިވް ނަތީޖާ ލިބިފައިވާ ކަމަށް ޑރ. ނޒްލާ ވިދާޅުވިއެވެ.

އެހެންކަމުން، އިންޑިއާއިން އައްޑޫއަށް ގެންދިޔަ މީހުންގެ ތެރެއިން މިހާތަނަށް 53 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.

ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އިންޑިއާއިން ގެންދިޔަ ހުރިހާ އެންމެންވެސް ޓެސްޓްކޮށް މިހާރު ނިމިފައިވާ ކަމަށެވެ.

އަދި ޕޮޒިޓިވްވި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި، އެމީހުންގެ ކިބައިން އެއްވެސް އަލާމާތެއްވެސް ނުފެންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އިންޑިއާއިން ގެނައި ހުރިހާ އެންމެންވެް ތިބީ ކަރަންޓީނުގައި ކަމުން، އެމީހުންގެ ފަރާތުން އިތުރު މީހަކަށް ނުރައްކަލެއް ނެތް ކަމަށްވެސް، އެހްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާއިން އައްޑޫއަށް ގެންދިޔަ 128 މީހުންނަކީ، އިންޑިއާގެ އެހީގައި އައްޑޫގައި ހަދަމުންދާ ޕޮލިސް އެކަޑަމީގެ މަސައްކަތް ނިންމުމަށް ގެނައި މީހުންނެވެ.