މުވާސަލާތީ ހިދުމަތަކީ ގައުމުތަކުގެ ތަރައްގީގެ އެންމެ މުހިންމު އެއް ތަނބަށްވާއިރު، މިއީ މިހާރު އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް އަސާސްކަމަށް ހަމަ ޔަގީނުންވެސްވެފައިވާ ހިދުމަތެކެވެ. މިޒަމާނުގައި މި ހިދުމަތާ ނުލައި އިގުތިޞާދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދުމަކީ މުސްތަހީލު ކަމަކަށްވަނީ ވެފައިއެވެ.

މިއަދަކީ ރާއްޖޭގެ މުވާސަލާތީ ސިނާއަތް ފަށައިދީ، ދިވެހި އިގުތިޞާދަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ބައިވެރިޔާ، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ނުވަތަ ދިރާގަށް ގައުމީ ހިދުމަތުގައި ފަހުރުވެރި 32 އަހަރު ފުރުނު ދުވަހެވެ.

ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ އަދި ދުނިޔޭގެ ނިސްބަތުން މަދު މީސްކޮޅެއް ދިރިއުޅޭ ގައުމެއްކަމުގައި ވުމުން، މުވާޞަލާތީ ޚިދުމަތް ފޯރުކޮށްދިނުމުގައި އަދި ވަކިން ހާއްސަކޮށް މިހިދުމަތް ގާއިމުކުރުމުގައި، އެހެން ޤައުމުތަކާ ހިލާފަށް ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އަދި ހަމަ އެހެންމެ މިކަމަށް ކުރަންޖެހޭ ހޭދަވެސް ނުހަނު ބޮޑުއިރު، މީގެ 32 އަހަރު ކުރިން ދިރާގުން ފެށި އަގުހުރި މަސައްކަތީ މުޅިން އަލަށް ރާއްޖޭގައި މުވާސަލާތީ އިންފްރާސްޓަރަކްޗާތައް ބިނާކޮށް، އެކަމަށް ބޭނުންވާ އިންވެސްޓްމަންޓްތައްކޮށް، މި ކުޑަ ޖަޒީރާ ރާއްޖެ ދުނިޔޭގެ ޗާޓުން ފަވާލާ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ ގުޅުވާދިނުމަށް ކުރި މަސައްކަތެވެ.

ދިރާގުގެ ހިދުމަތް ފޯރުކޮށްދޭތާ މިވީ 32 އަހަރު ތެރޭ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިޞާދީ ތަރައްގީއަށް އިތުރު ހަލުވިކަމެއް ވަނީ ގެނެސްދީފައިއެވެ. އަމިއްލަ ފަރުދުންގެ ބޭނުންތައް ފުއްދުމަށާއި ވިޔަފާރިތަކާއި، ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރައިގެން ދިއުމަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ދިރާގުގެ ސަބަބުން ވަނި ލިބިފައެވެ.

ދިރާގުން ފޯރުކޮށްދޭ މި ހިދުމަތްތަކުގެ ލިސްޓްގައި ހިމެނޭ ކަންތައް ވަރަށް ދިގެވެ. އެގޮތުން، ދިރާގު އުފެދުނުތާ މާ ގިނަ އަހަރުތަކެއް ނުވަނީސް، ރާއްޖޭގެ ރަށްތަކަކަށް، ޓެލެފޯނުގެ ޚިދުމަތް ފޯރުކޮށްދީ، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުވާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގެ ބޮޑު މަޝްރޫއެއް މަދު ވަސީލަތްތަކަކާއެކު ކުރު މުއްދަތެއްގެ ތެރޭގައި ނުހަނު ކާމިޔާބު ކަމާއެކު ދިރާގުން ނިންމާލިއެވެ. އުނދަގޫތަކަކާއެކުވެސް ދިރާގުން ކުރި މިމަސައްކަތަކީ ގައުމުގެ ތަރައްގީއަށް އެޅިގެން ދިޔަ އެންމެ މައި އެއް ބިންގަލައް ވަނީ ވެފައެވެ. އަދި މަސައްކަތް ނިމިގެންދިއުމާއެކު ރާއްޖޭގެ ހުރިހާ ކަންކޮޅެއް މުވާސަލާތީ ވިއުގައަކުން ގުޅި، އެތައް ރޮނގަކުން ކުރިއެރުންތައް ހޯދާނެ މަގު ފަހިވެގެންދިޔައެވެ.

މީގެ އިތުރުން، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ސަބްމެރިން ކޭބަލެއް އަޅައި، އިތުރު 1253 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލްއަކުން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅު އެންމެ ފުރަތަމަ ގުޅުވާލީވެސް ދިރާގުންނެވެ. މި ކޭބަލް އެޅުމާއެކު މުވާސަލާތީ ހިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެ، ކަސްޓަމަރުންނަށް އެތައް ހިދުމަތެއް ދިރާގުން އަންނަނީ ފޯރުކޮށްދެމުންނެވެ.

އެގޮތުން ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ އަދި 4ޖީގެ ހިދުމަތް ފުޅާކޮށްފައެވެ. މީގެ އިތުރުން އެންމެފަހުގެ ޓެކްނޮލޮޖީއާއެކު ފައިބަރ ޓު ދަ ހޯމް އިންޓަނެޓްގެ ހިދުމަތްވެސް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނައިރު، މި ހިދުމަތް މިހާރު ރާއްޖޭގެ އާބާދީގެ 76 ޕަސެންޓަށް ދިރާގުން ފޯރުކޮށްދެއެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި އައިޕީ ޓީވީގެ ހިދުމަތްވެސް ދިރާގުން ފަށާފައިވާއިރު، މާލެއާ އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ އާބާދީގެ 74 ޕަސެންޓަށް ދިރާގު ޓީވީގެ ހިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.

ރާއްޖެއާ ސްރީލަންކާއާ ދެމެދު ސަބްމެރީން ކޭބަލް އަޅަނީ

މުވާސަލާތީ ރޮނގުން މުޅި އޭޝިއާ ސަރަޙައްދަށް ބެލި ނަމަވެސް ރާއްޖެ އަންނަނީ ކުރިއަރާފައިވާ އެހެން ގައުމުތަކާ އެއް ސަފެއްގައި ވާދަކުރަމުންނެވެ. މިކަން ސާބިތުވާ އެއް ހެއްކަކީ މިހާރު މަދު ގައުމެއްގައި ތައާރަފްކޮށްފައިވާ 5ޖީ ފަދަ އެންމެ ޒަމާނީ ހިދުމަތްތައްވެސް ދިރާގުން ރާއްޖެއަށް ފޯރުކޮށްދިނުމެވެ.

ދުނިޔޭގެ ޓެކްނޮލޮޖީ ސިނާޢަތަކީ ހަލުވި ދުވެއްޔެއްގައި ބަދަލުވަމުން އަންނަ ސިނާއަތަކަށްވާއިރު ދިރާގުންވެސް ދަނީ ހަމަ އެ ހަލުވިމިނުގައި ޓެކްނޮލޮޖީ އާއި ދިރިއުޅުމަށް އަންނަ ބަދަލުތަކާ އެއް ބާރުމިނެއްގައި ކުރިއަރަމުންނެވެ. އެގޮތުން، ކޮވިޑް-19ގެ މި ބަލިމަޑުކަމުގައި ވެސް ދިރާގުން ދައްކައިދިން ނަމޫނާ ފާހަގަކޮށްލެވެއެވެ. މުޖުތަމައަށް ގިނަގުނަ އެހީތައް ފޯރުކޮށްދިނުމުގެ އިތުރުން، ސަރުކާރުގެ އިދާރާތަކާއި ކިޔަވާ ކުދިންނާއި އަދި ކަސްޓަމަރުންނަށް ޑޭޓާގެ ލުއި ފަސޭހަތައް ދިޔައީ ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން، އިންޓަނެޓަށް ބާރޯސާވެފައިވާ މިންވަރާ އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނެޓްވޯކް ކޮލިޓީ ދަމަހައްޓަން އިންވެސްޓްމެންޓްތައް އިތުރުކޮށް، ޑޭޓާއަށް އޮތް ޑިމާންޑާ އެއްވަރަށް ކަސްޓަމަރުންގެ ޚިދުމަތުގެ ތަޖުރިބާއަށް ބުރޫނާރާނެހެން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައްވެސް ކޮށްފައެވެ.

އަދި ހަމައެހެންމެ، ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ދިރާގުން ގެންދަނީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ދިރާގުން ދާދިފަހުން ވަނީ އެކުންފުނީގެ ފައިބަރ ބްރޯޑްބޭންޑް ހިދުމަތަށާއި ޕްރީޕެއިޑް ހިދުމަތައް ބޮޑެތި ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ކުޑަ ހަރަދަކުން ބޮޑު ފައިދާއެއް ލިބޭގޮތަށް ޕެކޭޖަށް ބަދަލު ގެނެސްފައެވެ.

މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން ދިރާގަކީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އިޖުތިމާއީ ކަންކަމަށްވެސް ބޮޑު އިސްކަމެއްދޭ ކުންފުންޏެކެވެ. އެގޮތުން، ދިރާގުގެ އިޖުތިމާއީ ޒިންމާ ނުވަތަ "ސީ.އެސް.އާރް" ގެ ދަށުން ކުޑަކުދިންނާއި، ޒުވާނުން ބާރުވެރިކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމާއި އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކާ ދެކޮޅަށް އެންމެ ފުރަތަމަ އަމަލީގޮތުން ފިޔަވަޅުއަޅައި، މުވައްޒަފުންނަށާއި އާންމުންނަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް އެންމެ ފުރަތަމަ ފެށި ކުންފުންޏަކީވެސް ދިރާގެވެ.

ދިރާގަކީ ދިވެހި ސަރުކާރުގެ ބޮޑު ހިއްސާއެއްވާ ދިވެހި ކުންފުންޏަކަށް ވީހިނދު، ދިރާގުގެ މާޒީގައިވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުން މުވާސަލާތީ ތަރައްގީއަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމުގައާއި. ސަރުކާރުގެ ސިޔާސަތު ފުރިހަމަކޮށްދިނުމުގައި ގުޑުމެއްނެތި ދިރާގު ދެމިހުންނާނެކަމީ އެއްވެސް ޝައްކެތްނެތް ކަމެކެވެ.

"އެންރިޗިންގ ލައިވްސް" ނުވަތަ ދިރިއުޅުންމަށް ފާގަތިކަން ގެނެސްދިނުން އެއީ ކުންފުނީގެ ތަސައްވުރަށް ވުމާއެކު، އެ ކުންފުންޏަކީ އަބަދުވެސް ކަސްޓަމަރުންނަށް އަޅާލައި، އިތުބާރުހިފޭ، ފެންވަރު ރަނގަޅު، ފަސޭހަ އަދި މުސްތަޤްބަލާ ރައްޓެހި ޚިދުމަތެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެއްކަމަށް ދިރާގުން އަބަދުވެސް އަންނަނީ ބުނަމުންނެވެ.