ސްޓެލްކޯ އެޕް މެދުވެރިކޮށް ކަރަންޓު ބިލް ދައްކައިގެން 10 ކަސްޓަމަރަކަށް -/1،000 ރުފިޔާ ލިބޭ ޕްރޮމޯޝަންއެއް ސްޓެލްކޯއިން ފަށައިފިއެވެ.

ސްޓެލްކޯއިން ބުނީ މި ޕްރޮމޯޝަން ކުރިޔަށްދާނީ އޮކްޓޯބަރު މަހުގެ ނިޔަލަށް އެޕްލިކޭޝަން މެދުވެރިކޮށް ބިލްދައްކާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތަކުން ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ދައްކާ ބިލަކީ އެންމެ ފަހުގެ ބިލަކަށް ވާން ނުޖެހޭ ކަމަށާއި، އޭގެ ކުރީމަހުގެ ބިލްތައް ދެއްކިނަމަވެސް މިޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ މިޕްރޮމޯޝަންގައި ސްޓެލްކޯގެ މިޑްލް މެނޭޖްމަންޓުން މަތީގެ އެއްވެސް ފަރާތަކަށް ބައިވެރިނުވެވޭނެ ކަމަށެވެ. އަދި ޕްރޮމޯޝަންގެ ގުރު ނެގުން ނޮވެމްބަރު މަހުގެ ކުރީކޮޅު އޮންނާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯ އެޕްލިކޭޝަނުން ފަސޭހަ ކަމާއެކު ބިލް ދައްކާލެވި، ބިލަށް އަރާވަރު އަމިއްލައަށް ހިސާބު ކޮށްލެވޭނެއެވެ. އެއް މީޓަރަށްވުރެ ގިނަ މީޓަރު އެޕަށް އެޑްކޮށް ކެޓަގޮރައިޒް ކޮށްލެވި، ފާއިތުވި ހަމަސް ދުވަހުގެ ކަރަންޓް ބޭނުން ކުރެވިފައިހުރި ގޮތްވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެއެވެ.

ސްޓެލްކޯއެޕް، އެޕް ސްޓޯރާއި, ޕްލޭ ސްޓޯރުން ޑައުންލޯޑް ކޮށްލެވޭއިރު، މި އެޕްލިކޭޝަނަކީ ފައިލް ސައިޒް ވަރަށް ކުޑަ އެޕްލިކޭޝަނެކެވެ.

އެޕްލިކޭޝަން ބޭނުން ކުރާ ފަރާތްތަކަށް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ މަހަކުވެސް ބިލް ލިބިގެންދާނެއެވެ. އަދި ބޭނުންނަމަ އެޕްލިކޭޝަން މެދުވެރިކޮށް ބިލް ޑައުންލޯޑްވެސް ކުރެވޭނެއެވެ.