ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ކުންފުންޏާއެކު ވިޔަފާރިތަކަށް ދިރުން ގެނެސްދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރ ކުރެއްވި ޓްވީޓުގައި ވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ކުންފުންޏާއެކު އައްޑޫ ސިޓީގެ ގަން އެއާޕޯޓާއި އެހެނިހެން އެއާޕޯޓުތަކަށް ވެސް ވިޔަފާރީގެ ދިރުން ގެނެސްދޭނެ ކަމަށެވެ.

ރައީސް ސޯލިހުގެ މި ނިންމެވުމަށް ޑރ. މައުސޫމް ވަނީ ތައުރީފުވެސް ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަލަށް އުފެއްދެވި ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދަވާ ސަރަހައްދީ އެއަރޕޯޓްތައް ވިޔަފާރީގެ އުސޫލުން ހިންގުމަށާއި، ސަރުކާރުން ރީޖަނަލް އެއަރޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދަވާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމަށްޓަކައި އުފެއްދެވި ކުންފުންޏެކެވެ.

ރާއްޖޭގައި މިހާރު ހިންގަމުން އަންނަ އިންޓަރނޭޝަނަލް އެއަރޕޯޓުތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރަށް ވިލާ އިންޓަނޭޝަނަލް އެއާޕޯޓު އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓެވެ. މީގެ އިތުރަށް ޑޮމެސްޓިކް އެއަރޕޯޓުގެ ގޮތުގައި ބ. ދަރަވަންދޫ، ރ. އިފުރު، ތ. ތިމަރަފުށި، ދ. ކުޑަހުވަދޫ، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ، ލ. ކައްދޫ، ހދ. ކުޅުދުއްފުށި އަދި ފުވައްމުލަކު އެއަރޕޯޓު ހިމެނެއެވެ.