ވައްކަން ފޮރުވަން އުޅޭ ކަމުގެ ބަދުނާމު އެޅޭކަށް އެމްޑީޕީ ބޭނުން ނުވާ ކަމަށް އެޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

މެމްބަރު ހަސަން މިފަދައިން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ އާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

މެމްބަރު ހަސަން ކުރެއްވި ޓްވީޓެއްގައި ވަނީ އެމްއެމްޕީއާރްސީ ފައިސާގެ ބައިކުޅަ ބައި ލިބުނު މިނިސްޓަރުންނާއި މަޖިލިސް މެންބަރުންނާއި އެނޫންވެސް މީހުންގެ ނަންތައް އާއްމުކޮށް، ޝަރީއަތްކޮށް އިންސާފު ގާއިމްވާން ޖެހޭ ކަމަށެވެ. އެކަން ނުކުރާހާ ހިނދަކު ވައްކަން ފޮރުވަން އުޅޭ ކަމުގެ އިލްޒާމް އެޅޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެ ބަދުނާމު އެޅޭކަން ގައިމުވެސް އެމްޑީޕީ ބޭނުމެއް ނޫން ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

މެމްބަރު ހަސަން މިފަދައިން ވިދާޅުވި އިރު ދައުލަތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ އާއި ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ހަތް ދައުވާ އަށް އިއުތިރާފުވެ އަދީބު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ނުލިބޭ ސިޔާސީ އެއްވެސް ޕާޓީއެއް ނެތް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ދައުލަތުގެ އެކި މުއައްސަސާތަކުގެ އޭރުގެ ވެރިންނަށާއި، މަޖިލީހުގެ ގިނަ މެންބަރުންތަކަކަށާއި، ޝަރުއީ ކޯޓުތަކުގައި ބައެއް ފަނޑިޔާރުންނަށާއި، ކުރީގެ ބައެއް ރައީސުންނާއި، ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް އެ ފައިސާ ބަހާފައިވާނެ ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާބޮޑު އިންސާފެއް ނުވިސްނޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެގޮތުން ރައީސް ނަޝީދު ލިޔުއްވާފައިވާ ލިޔުމެއްގައި ވަނީ ރައީސް ޔާމީންގެ އަމަލުފުޅުތަކާއި ޚިޔާލުފުޅުތަކަށް އަދި އުސޫލްތަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާބޮޑު އިންސާފެއް އެމަނިކުފާނަށް ނުވިސްނޭ ކަމަށެވެ.

އެމްޑީޕީއިން ބުނީ ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތަށް ބަލާނެ ކަމަށާއި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް އެ ލިޔުމުގައިވެއެވެ.