ފަލަސްތީނުގެ އިންތިޚާބުތައް ބޭއްވުމަށް މަގުފަހި ކުރުމުގެގޮތުން ދެކޮޅުވެރިކަން ދޫކޮށް އެއްގަލަކަށް އެރުމަށް، ފަލަސްތީނުގެ އެންމެބޮޑު ދެ ޖަމާއަތް ކަމުގައިވާ ފަތުހު ޖަމާއަތާއި، ހަމާސް ޖަމާއަތުން އެއްބަސްވެއްޖެއެވެ.

ފަތުހު ޖަމާއަތާއި، ހަމާސް އެއްގަލަކަށް އެރުމަށް ނިންމީ، ތުރުކީގެ އިސްތަމްބޫލުގައި ހުންނަ ފަލަސްތީނު ކޮންސިއުލޭޓްގައި މިދިޔަ ހަފްތާގައި ބޭއްވި މަޝްވަރާ ތަކަށް ފަހުގައެވެ.

ފަލަސްތީނުގެ އިންތިޚާބުތައް ބޭއްވުމަށް މަގުފަހިކުރުމަށް ފަތުހު އަދި ހަމާސް އެއްގަލަކަށް އެރުމަށް އެއްބަސްވުމުން، އެ ދެ ޖަމާއަތުގެ ދެމެދުގައި އޮތް ހަސަދަވެރިކަމާއި ދެކޮޅުވެރިކަމަށް ނިމުން އަންނާނެ ކަމުގެ އުންމީދުތައް އާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމާސްއާއި، ފަތުހު އެއްގަލަކަށް އެރުމަށް ނިންމި މިވަގުތަކީ، ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތައް މިލްކުކުރާނޭ ކަމަށް އިސްރާއީލުން އިންޒާރު ދިނުމާއި، އަރަބި ބައެއް ގައުމުތަކާއެކު އިސްރާއީލުން ގުޅުންތައް އުފައްދަމުން ގެންދާ ދަނޑިވަޅެކެވެ.

ފަލަސްތީނުން ތައްޔާރުވަމުންދަނީ ރިޔާސީ އިންތިޚާބާއި، ޕާލަމެންޓް އިންތިޚާބާއި އަދި އެތެރޭގެ ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށެވެ.

އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައަޅާނީ، ހަމާސްއާއި ފަތުހު ހިމެނޭގޮތުން ފަލަސްތީނުގެ ހުރިހާ ޖަމާއަތްތަކާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ފަލަސްތީނުން ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ފަލަސްތީނުގެ ހުރިހާ ޖަމާއަތްތަކާއެކު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ބާއްވާ މަޝްވަރާ ބައްދަލުވުމެއް އަންނަ ހޮނިހިރު ދުވަހު އޮންނާނެއެވެ. އެ ބައްދަލުވުމަށް ރައީސް މަހްމޫދު އައްބާސް 3 ތާރީޚެއް ހުށަހަޅުއްވާނެ ކަމަށްވެސް ފަލަސްތީނުން ލިބެމުންދާ ރިޕޯޓްތައް ބުނެއެވެ.

ޖަމާއަތްތަކާއެކު ބާއްވާ މަޝްވަރާތަކަށްފަހު، ރިޔާސީ އިންތިޚާބާއި، ޕާލަމެންޓް އިންތިޚާބާއި، ކައުންސިލްތަކުގެ އިންތިޚާބުތައް ބާއްވަން އެންމެން އެއްބަސްވާ ތަރީޚްތަކެއް އިޢްލާން ކުރެވޭނީ ރިޔާސީ ގަރާރަކުން ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ފަލަސްތީނުން އިންތިޚާބަށް ތައްޔާރުވަމުންދާއިރު، ފަލަސްތީނުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ވޯޓުލުމުގެ ހައްގު ލިބިގެންވާ 2.2 މިލިއަން މީހުން އެބަތިބި ކަމަށެވެ.

2007 ވަނަ އަހަރުން ފެށިގެން ހަމާސްއިން ޣައްޒާގައި ވެރިކަން ކުރަމުން އަންނައިރު، ފަލަސްތީނުގެ މައި ސަރުކާރު އޮންނަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައެވެ. މައި ސަރުކާރު ހިންގަނީ މަހްމޫދު އައްބާސްގެ ފަތުހު ޖަމާއަތުންނެވެ.

ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ހުއްޓުވައި އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ޑީލް އޮފް ދަ ސެންޗަރީ" ހުއްޓުމަކަށް ގެނެވޭނީ، މުޅި ފަލަސްތީނު އެއްބައިވަންތަވެ، 13 އަހަރުވެފައިވާ ބައިބައިވުންތައް ނިމުމަކަށް ގެނެސް، ޚާއްސަކޮށް ހަމާސްއާއި ފަތުހު އެއްގަލަކަށް އަރައިގެން ކަމަށް އެންމެންވެސް އެއްބަސްވެއެވެ.

ރިޔާސީ އިންތިޚާބާއި، ޕާލަމެންޓް އިންތިޚާބު ބާއްވަން ފަލސްތީނުން މަސައްކަތް ކުރަމުން ގެންދާއިރު، ފަލަސްތީނުގައި އެންމެފަހުން ޕާލަމެންޓް އިންތިޚާބު ބާއްވާފައިވަނީ 2006 ވަނަ އަހަރުއެވެ.

ފަލސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ މަގާމުގެ މުއްދަތު 2013 ވަނަ އަހަރު ހަމަވެފައިވާއިރު، ރައީސްކަމުގައި އަދިވެސް ހުންނެވީ މަހްމޫދު އައްބާސްއެވެ.