ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ދަށުން "ކޮވިޑް ހުއްޓުވާނީ އަހަރެން - ރައްޔިތުންގެ ކެމްޕެއިން" ގެ ނަމުގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް، ވީޑިއޯ އަދި ފޮޓޯ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މުބާރާތުގައި ބައިވެރިކުރާ ތަކެތި ފޮނުވަން ކުރިން ކަނޑައެޅި ތާރީޚަކީ މިއަދު ނަމަވެސް، މި މުއްދަތު މިހާރުވަނީ މި އޮކްޓޯބަރުމަހުގެ 10 ވާ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އަށް އިތުރު ކޮށްފައެވެ.

އަގުހުރި ފައިސާގެ އިނާމު ހުށަހެޅިފައިވާ މިމުބަރާތުގައި ވީޑިއޯއާއި ފޮޓޯ ތައްޔާރުކޮށް ފޮނުވަން ޖެހޭނީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭނާ ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުވާނެ ހިޔާލެއް، މެސެޖެއް ދެވޭ ވީޑިއޯއާއި ފޮޓޯއެވެ.

ވީޑިއޯ މުބާރާތް؛

ވީޑިއޯ މުބާރާތުގައި ބައިވެރިކުރާ ވީޑިއޯއެއްގެ ދިގުމިން 30 ސިކުންތަށް ވުރެ ދިގުވެގެން ނުވާނެ ކަމަށާއި، ވީޑިއޯގައި އޯޑިއޯ ވޮއިސް، ބެކްމިއުޒިކް ހިމަނާނަމަ، ހިމަނަންވާނީ ސާފުކޮށް އަޑުއަހަން ފަސޭހަ ވާނެ ގޮތަކަށް ކަމަށާއި އަދި ހުރިހާ ވީޑިއޯއެއް ހުންނަން ވާނީ، mp4 ފޯމެޓްގައި ކަމަށް "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުން ބުނެފައި ވެއެވެ.

ފޮޓޯ މުބާރާތް؛

ފޮޓޯ މުބާރާތުގައި ހިމަނާ ފޮޓޯތަކުގައި، ތީމްއާ ގުޅޭގޮތުން ދޭ މެސެޖް، އަސަރު ސާފުވާން ވާނެ ކަމަށާއި، ފޮޓޯތައް ހުންނަންވާނީ، JPG, JPEG or PNG ފޯމެޓްގައި ކަމަށް ބުނެފައި ވެއެވެ.

ވީޑިއޯ އަދި ފޮޓޯ މުބާރާތުންކުރެ ކޮންމެ މުބާރާތަކުން 1،2،3 ހޮވުމަށް ހަމަޖެހިފައިވާ ކަމަށާއި، ވަނަވަނައަށް ދާނީ މުބާރާތް ނިމޭއިރު، އެންމެ ގިނަ ލައިކް އަދި ޝެއާ ލިބިފައި ހުންނަ ވީޑިއޯ އަދި ފޮޓޯއެވެ.

1 ވަނަ ވީޑިއޯއަށް 15،000 ރުފިޔާ، 2 ވަނަ ވީޑިއޯއަށް 10،000 ރުފިޔާ، އަދި 3 ވަނަ ވީޑިއޯއަށް 7،000 ރުފިޔާގެ ފައިސާގެ އިނާމްވަނީ ހުށަހަޅާގައެވެ.

އަދި 1 ވަނައަށް ހޮވޭ ފޮޓޯއަށް 10،000 ރުފިޔާ، 2 ވަނަ ފޮޓޯއަށް 5،000 ރުފިޔާ އަދި 3 ވަނަ ފޮޓޯއަށް 3،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައި ވެއެވެ.

ވީޑިއޯ އަދި ފޮޓޯ މުބާރާތުގައި ބައިވެރިކުރާ ތަކެތި ފޮނުވަންޖެހެނީ 7231002 ޓެލެގްރާމް ނަންބަރަށެވެ.

މުބާރާތުގައި ބައިވެރިކުރާ ތަކެތި، މި އޮކްޓޯބަރުމަހުގެ 12 ވަނަ ދުވަހު "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ފޭސްކްބް ޕޭޖުގައި ޕޯސްޓްކޮށް ޝެއާ ކުރުމަށާއި ލައިކްސް ހޯދުމަށް އާންމުކޮށް ހުޅުވާލުމަށްވަނީ ހަމަޖައްސާފައެވެ.

މި މުބާރާތުގެ ދަށުން ޕޯސްޓުކުރާ ވީޑިއޯ އަދި ފޮޓޯ ޝެއާކޮށް ލައިކް ހޯދުމަށް ހުޅުވާލާ ފުރުސަތު ބަންދުވާނީ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖަހާއިރު ކަމަށާއި، މުބާރާތުގެ ނަތީޖާ ފާޅުކުރާނެ ދުވަހާއި ވަގުތު އެދުވަހު އިއުލާން ކުރެވޭނެ ކަމަށްވެސް ގައުމީ ކެމްޕެއިނުން ބުނެފައި ވެއެވެ.