ކޮވިޑުގެ ސަބަބުން އިގްތިސާދީ ގޮތުން ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އަދި ލިބެމުންދާ އެއް ގައުމަކަށް ދިވެހިރާއްޖެ ވަނީ ވެފައެވެ. އެއީ އެންމެ ސަބަބަކާ ހުރެއެވެ؛ ޓޫރިސްޓުން އައުން ހުއްޓުމުންނެވެ.

ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދުގެ މައި ނާރެވެ. ޓޫރިޒަމް ބަރޯސާވެފައި އޮތީ މީހުން އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރުމުގެ މައްޗަށެވެ. ގުޅިފައިވަނީ، ވަޒަންވެރިވެގެން، ދިރިއުޅޭ ތަން ވަގުތީގޮތުން ދޫކޮށް އެހެން ތަނެއް ބަލާލަން، ހިތްހަމަޖައްސާލަން ކުރާ ދަތުރަކާއެވެ. އެއްތަންވުމުގެ މައްޗަށެވެ. އެހެންވެ، ކޮވިޑުގެ ސަބަބުން އެ ކަންކަމަށް ހުރަސްއެޅުމުން ރާއްޖޭގެ އިގްތިސާދު އަޑިއަޅާލީއެވެ.

ކޮވިޑުގެ ސަބަބުން ވެއްޓިފައިވާ އިގްތިސާދީ އަޑިގަނޑުން އަރައިގަތުމަށް މަސައްކަތް ކުރާއިރު، ދިވެހި ސަރުކާރުގެ އެންމެ ބޮޑު ފޯކަސްއެއް އޮތީ ޓޫރިޒަމް އަލުން ކުރީގެ ހާލަތަށް ރުޖޫއަ ކުރުމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމާއެކު މަޑުމަޑުން ރާއްޖޭގެ އިގްތިސާދަށް ދިރުން އަންނަން ފަށައިފިއެވެ. އެކަމަކު، ޓޫރިޒަމްގެ މެދުފަންތީގެ ވިޔަފާރި ކަމަށްވާ ގެސްޓްހައުސްތައް އަލުން އޮޕަރޭޝަނަށް ގެނެވިފައި ނެތުމުން އަދިވެސް އާއްމު އިގްތިސާދު އޮތީ "ވެންޓިލޭޓަރުގަ" އެވެ. އިގްތިސާދީ ގޮތުން އެތަން ވަރަށް ބޮޑަށް އެބަ ދައްކައެވެ.

އިގްތިސާދީ ދުވެލީގެ އިސްޕީޑް ހަލުވިވުމާއި ގެސްޓްހައުސް ވިޔަފާރި އަލުން ހުޅުވާލުމާ ވަރަށް ބޮޑު ގުޅުމެއް އެބައޮތެވެ. އެ ތަންތަން ހިންގާ ގިނަ މީހުންނަކީ މެދުފަންތީގެ އާއްމު ވިޔަފާރިވެރިންނެވެ. ގެސްޓްހައުސް ތަރައްގީކޮށްފައި ވަނީ ބޮޑެތި އަދަދުތަކުން ލޯނު ނަގައިގެންނެވެ. އެ ތަންތަނާ ގުޅިފައިވާ އެތައް އާއްމު ކުދި ވިޔަފާރިވެރިން އެބަތިއްބެވެ. އެއީ، އެ މުޖުތަމައެއްގެ އެތައް ބަޔަކަށް، ހާއްސަކޮށް ޒުވާނުންނަށް، ވަޒީފާގެ އެތައް ފުރުސަތެއް ހުޅުވިގެންދާ ވިޔަފާރިއެކެވެ. ވަށާޖެހޭ އިގްތިސާދަކަށް، ގެސްޓްހައުސް ހުޅުވުމުން މިއޮތީ ޒާތަކަށް މަޖުބޫރުވެފައެވެ.

ސުވާލަކީ ރިސޯޓްތައް އޮޕަރޭޝަނަށް ގެނައިއިރު ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ނުދިނީ ކީއްވެބާ އެވެ؟ ހަގީގަތަކީ ގެސްޓްހައުސްތައް ހުޅުވާލަން ސަރުކާރުން ކިތަންމެ ބޭނުންވިޔަސް އަދި އެކަމަށް ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކުން ކެނޑިނޭޅި އެދިއެދި ތިއްބަސް، ރިސޯޓްތައް ހުޅުވާލާ ފަސޭހައިން އެކަން ވާން ނެތްކަމެވެ. އެއީ، ރިސޯޓްތައް ހިންގަނީ ރާއްޖެއަށް ހާއްސަ "ވަން އައިލެންޑް، ވަން ރިސޯޓް" ކޮންސެޕްޓަށް ކަމަށްވާތީއެވެ. ރިސޯޓް މުވައްޒަފުން ވެސް ތިބޭނީ އެތަނުގައި ކަމަށްވުމުން އާއްމު މުޖުތަމައާ ކޮންޓެކްޓެއް ނެތި ރިސޯޓްތައް ހިންގޭނެތީއެވެ.

ރިސޯޓްތަކާ ހިލާފަށް، ގެސްޓްހައުސްއަށް އަންނަ މީހާއާ ރަށުގެ ރައްޔިތުންނާ ކޮންޓެކްޓްވާނެއެވެ. އެތަނުގެ މުވައްޒަފުން ދުވަހުގެ މަސައްކަތަށް ފަހު ދާނީ އާއިލާ ކައިރިއަށެވެ. އެހެންވެ އެއީ ބޮޑު ގޮންޖެހުމެކެވެ.

އެ ހަގީގަތް އެގޮތަށް އޮތަސް، އެންމެ ފަހުން ސަރުކާރުން މިވަނީ ގްރޭޓާ މާލެ އޭރިއާ ފިޔަވައި އެހެން ރަށްރަށުގެ ގެސްޓްހައުސްތައް އަންނަމަހުގެ 15 އިން ފެށިގެން ހުޅުވަން ހުއްދަ ދޭން ނިންމާފައެވެ. އެއާއެކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ހާއްސަ އުސޫލެއް ހަދާފައެވެ. އެ އުސޫލު ބުނާގޮތުން، ގެސްޓުހައުސްތައް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ މީހުން ކަރަންޓީން ވާން ޖެހޭނެއެވެ.

އެޗްޕީއޭ އިން ބުނާ ގޮތުގައި، ގެސްޓްހައުސްތަކަކީ މެދުނުކެނޑި ޓޫރިސްޓުންދާ ތަނަކަށް ވާތީ، އެ ތަންތަން މެދުވެރިކޮށް އާއްމު މުޖުތަމައަށް ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑެވެ. މިގޮތަށް ކަރަންޓީނުވާ މީހުން އަމަލުކުރަން ޖެހޭނީ މާލެއިން ރަށްރަށަށް ގޮސް ކަރަންޓީންވާ މީހުން އަމަލު ކުރަންޖެހޭ އުސޫލާ އެއްގޮތަށެވެ. މާނައަކީ، މިސާލަކަށް ކ. މާފުށީގައި ގެސްޓްހައުސް އޮޕަރޭޓްކުރަން ފަށާ ހިސާބުން ފެށިގެން އެރަށުގެ މީހަކު އެހެން ރަށަކަށް ދާނަމަ، އެ ދާ ރަށެއްގައި އެމީހަކު 14 ދުވަސް ވާންދޭން ކަރަންޓީންވާން ޖެހުމެވެ.

މި އުސޫލާއެކު މިވަނީ ވަރަށް ގިނަ ސުވާލުތަކެއް އުފެދިފައެވެ. ގެސްޓްހައުސް ހިންގާ ވިޔަފާރިވެރިން ބުނަނީ ރަށުގެ ހުރިހާ އެންމެން ރަށު ބަންދުވާ ގޮތަށް ގެސްޓްހައުސްތައް ނުހިންގޭނެ ކަމަށެވެ.

ބ. އަތޮޅު ރަށެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރާ މީހަކު ބުނި ގޮތުގައި، އެރަށުގެ ރައްޔިތުންނަކީ ޒަރޫރީ ބޭނުމަށް އެ އަތޮޅުގެ އެހެން ރަށްރަށަށް އާއްމު ގޮތެއްގައި ދާ ބައެކެވެ. އެހެންވެ، ރައްޔިތުންނަށް އެ ދޮރު ބަންދުވާ ގޮތަށް ގެސްޓްހައުސް ނުހިންގޭނެ ކަމަށް އޭނާ ބުންޏެވެ.

"ދަރަވަންދޫ މީހުން ޑޮކްޓަރަށް ދައްކަން އަދި ވިޔަފާރި ކުރަން ދާން މިޖެހެނީ ކައިރި ރަށްރަށަށް. މިހާރު އޮތް ގޮތުން ގެސްޓެއް އަންނައިރަށް އެންމެން ލޮކްޑައުން މިވަނީ. އެހެންވާކަށް ރައްޔިތުންވެސް، ގެސްޓްހައުސް ހުޅުވަން ހުއްދައެއް ނުދޭނެ،"
ގެސްޓްހައުސްއެއްގެ ވެރިއެއް

މިކަމުގައި އޮތީ ކޮން ހައްލެއް ހެއްޔެވެ؟ ގެސްޓްހައުސް ނުހުޅުވާ ވާކަށްވެސް ނެތެވެ. އެތައް ވިޔަފާރިއެއް އޮތީ ބަނގުރޫޓްވުމުގެ މަގުމަތީގައެވެ. އަނެއްކޮޅުން، ރައްޔިތުންގެ ސިއްހަތު ކޮމްޕްރޮމައިޒްވާ ގޮތަށް ވިޔަފާރިކުރަން ހުއްދައެއް ވެސް ނުދެވޭނެއެވެ.

ގެސްޓްހައުސް ވިޔަފާރިވެރީގައި ހަރަކާތްތެރިވާ އެހެން މީހަކު ބުނީ، މިކަމުގައި އޮންނަންވީ މެދުމިނުގެ ހައްލެއް ކަމަށެވެ. އެގޮތުން، އޭނާގެ ހިޔާލަކީ، ހާއްސަ އެސްއޯޕީއެއް ހަދައި ގެސްޓުންނަށް ބޭރަށް ދެވޭނީ ހަމައެކަނި ބީޗަށް ކަމަށް ހެދުމެވެ. އަދި އެގޮތަށް ބޭރަށް ދާއިރު މާސްކް އަޅައިގެން ދިއުމަށް މަޖުބޫރުކޮށް، އެ ކަންކަން ބެލޭނެ ހަރުކަށި އުސޫލެއް ހަދަންވެސް އޭނާ ލަފާދިނެވެ.

"ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް އެތަނުގައި ވަގުތީ ގޮތުން ކައިބޮއެ، ނިދަން ގޮތްތަކެއް ހެދިދާނެ. މިސާލަކަށް 10 ކޮޓަރި ހުންނަ ނަމަ، އޭގެ ތެރެއިން ތިން ކޮޓަރި އެއީ މުވައްޒަފުންގެ އެކޮމަޑޭޝަނަށް ބަދަލުކޮށް ބާކީ ހަތް ކޮޓަރި ހުޅުވަން ހުއްދަ ދެވޭނެ،"

ގެސްޓް ހައުސް ހުޅުވުމަށް ކައުންސިލުން ބަލަންޖެހޭ ކަންތައްތައް:

- ރަށުގައި އައިސޮލޭޝަން ނުވަތަ ކަރަންޓީން ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރިތޯ ބެލުން

- ރަށުގައި ކޮވިޑް ޓާސްކް ފޯހެއް އޮތްކަން ޔަގީންކުރުން

- ޓޫރިސްޓަކު ކޮވިޑް- 19އަށް ޕޮޒިޓިވްވެއްޖެ ހާލަތެއްގައި އޭނާ ފެސިލިޓީ އަށް ގެންދާނެ އުޅަނދެއް ތައްޔާރުވެފައި އޮތްތޯ ބެލުން

- އެ ރަށެއްގެ ހެލްތު ސެންޓަރު ނުވަތަ ހޮސްޕިޓަލް އޮތީ ކޮވިޑް-19އާ ގުޅިގެން ތައްޔާރަށްތޯ ޔަގީންކުރުން

- ހޮސްޕިޓަލުގައި އައިސޮލޭޝަން ކޮޓަރިއެއް ހުރިތޯ ޔަގީން ކުރުން

- ސާމްޕަލް ނެގޭ ވަރަށް ހިއުމަން ރިސޯސަސް ހުރިތޯ ބެލުން.

ގެސްޓްހައުސްތަކުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް:

- ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ހުރި މިންވަރު ހާމަކުރުން

- ގެސްޓްހައުސް ތެރޭގައި ސޯޝަލް ޑިސްޓެންސިން ބެހެއްޓޭނެކަން ޔަގީން ކުރުން

- ބޭނުންވާ ވަރަށް ޕީޕީއީ ކިޓާއި ފަސްޓް އެއިޑް ހުރިކަން ޔަގީން ކުރުން

- ގެސްޓްހައުސްގައި އުޅޭއިރު ސްޓާފުން ވަކި ޔުނިފޯމެއް ލުމާއި މާސްކު އެޅުން

- ހުރިހާ ސްޓާފުން ވެސް "ޓްރޭސް އެކީ" އެޕް ބޭނުން ކުރުމާއި ޓޫރިސްޓުންނަށް އެޕް ބޭނުން ކުރަން ބާރު އެޅުން

ގެސްޓްހައުސް ހިންގާ ރަށެއްގެ ރައްޔިތަކު ބުނީ، ގެސްޓްހައުސް ހުޅުވުމާއެކު ލޮކްޑައުން ކުރާނަމަ ރައްޔިތުންނަށް ވަރަށް އުނދަގޫވާނެ ކަމަށެވެ. އެކަމަކު، ގެސްޓްހައުސްތައް ނުހުޅުވާނަމަ އަނެއްކާވެސް އިތުރު ދުވަސްތަކެއް ހޭދަކޮށްފިނަމަ، އަނެއްކޮޅުން އިގްތިސާދު ފުނޑިދާނެ ކަމުގެ ބިރުވެސް އޭނާ ފާޅުކުރިއެވެ. އެހެންކަމުން، އިގްތިސާދު އެއްކޮށް ފުނޑުފުނޑުވުމުގެ ފުރުސަތު ނުދިނުމަށްޓަކައި އެޗްޕީއޭ އިން ހާއްސަ ހުއްދައެއް ދެވިދާނެ ކަމަށް އޭނާ ގަބޫލުކުރެއެވެ.

"މިހާރުވެސް ކޮވިޑް ކޭހެއް ފެނުމާއެކު ލޮކްޑައުން ކުރަނީ. އެ އުސޫލު ހެދިދާނެ. އެކަމަކު ގެސްޓެއް އަންނަ ހިސާބުން އެ ރަށެއްގެ ބަޔަކަށް ފަސޭހައިން އެހެން ރަށަކަށް ނުދެވޭނަމަ، ރައްޔިތުންނަށް ތަކުލީފު ޖެހެނީ. ރައްޔިތުންނަށް ތަކުލީފެއް ޖެހޭގޮތަށް އެ ރަށެއްގައި ވިޔަފާރިކުރާނަމަ އާއްމު މަސްލަހަތު ގެއްލިދާނެ،"

ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ލިބިފައިވާ އަދި މިހާރުވެސް އެ ދާއިރާގެ މަތީ ފަންތީގެ ވަޒީފާއެއް އަދާކުރާ މީހަކު ފާހަގަކުރި ގޮތުގައި، ބޭސްފަރުވާ އާއި ވިޔަފާރިއަށް މިހާރު ފަސޭހައިން މާލެ ނުދެވޭއިރު، ގިނަމީހުން ސިއްހީ ފަރުވާ އަށްވެސް ދަނީ ރަށްރަށެވެ. އެކަމަކު، ގެސްޓްހައުސް ހުޅުވުމާއެކު އެ ފުރުސަތު ގެއްލޭ ކަމަށް ވާނަމަ، އެއީ ބޮޑު މައްސަލައެއް ކަމަށް އޭނާ ބުންޏެވެ.

"މިހާރުވެސް ބޭހަށް އެދަނީ އެހެން އަތޮޅަކަށް. އެކަމަކު، އެ ރަށުގައި ގެސްޓްހައުސް ހުޅުވާ ތަނުން އެމީހާ އެ ރަށަށްގޮސް ކަރަންޓީންވާން ޖެހެންޏާ ކިހާ ބޮޑު ތަކުލީފެއް. އެހެންވެ ސިއްހީ ކަންކަމާއި އެ ނޫންވެސް ޒަރޫރީ ކަންކަމުގައި ދަތުރުކުރާ މީހުންނަށް ހާއްސަ ހުއްދައެއް ދޭ ގޮތަށްވެސް އުސޫލު ބަދަލުކުރެވިދާނެ."

ދެން އޮތީ މާލެ ސަރަހައްދެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި، މިސަރަހައްދުގެ ގެސްޓްހައުސްތަކަށް ހުއްދަ ދިނުމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމާނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ފަސް ޕަސެންޓަށް ދަށްވުމުންނެވެ. މިހާރު އެ ރޭޓް ހުރިގޮތުން އެއީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ. އެކަމަކު، މާލެއަކީ މިހާރުވެސް ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށަކަށް ވާތީވެ، އިތުރު މާ ބޮޑު ހަރުކަށި ފިޔަވަޅުތަކެއް އަޅާފާނެ ކަމަށް ނުބެލެވެއެވެ.

"މާލެ ސަރަހައްދަށް ބަލާއިރު ގިނައީ ޓްރާންސިޓް ގެސްޓްހައުސްތައް. އެ ތަންތަނަށް ދާ ގެސްޓުން އާއްމުކޮށް ތިބޭ ބޭރަށް ނުގޮސް އެ ތަނެއްގައި. އެހެންވެ، މާލެ ސަރަހައްދުގައި މައްސަލައެއް ނުކުމެދާނެ ކަމަކަށް ނުބެލެވޭ. އެކަމަކު، ބައެއް މީހުން ފަރުވާކުޑަކޮށްފާނެ ކަމަށް ބަލައި ހާއްސަ އުސޫލެއް ހެދުން ބުއްދިވެރި،"
ޓޫރިޒަމް ސިނާއަތުގެ ތަޖުރިބާކާރެއް

މާލެ ސަރަހައްދަށް ވުރެ ގެސްޓްހައުސްތައް ގިނައީވެސް އަދި ޓޫރިޒަމްގެ ހަގީގީ މާނައިގައި ގެސްޓްތައް ހިންގަނީ އަތޮޅުތެރޭގައެވެ. މާލެ ސަރަހައްދުގައި ގޮންޖެހުމެއް ނެތަސް، އަތޮޅުތެރޭގައި ގެސްޓްހައުސްތައް ހުޅުވަން ބަލާއިރު އުނދަގޫތައް ގިނައެވެ. އެކަމަކު، އިގްތިސާދަށްޓަކައި އަދި އެތައް ބައެއްގެ ދިރިއުޅުމަށްޓަކައި، އާއްމުންނާއި ވިޔަފާރިވެރިން ވެސް ކޮންމެވެސް ވަރެއްގެ ގުރުބާނީތަކެއް ވެގެން، ޓޫރިޒަމް މިނިސްޓްރީ އާއި އެޗްޕީއޭއަށް އެއްބާރުލުން ދީގެން ގެސްޓްހައުސްތައް އޮޕަރޭޓްކުރަން ފަށަން މިއޮތީ ޖެހިފައެވެ. ސިއްހީ ގޮތުންވެސް، އިގްތިސާދީ ގޮތުންވެސް، މި ވަޅުގަނޑުން އަވަހަށް އަރައިގަނެވޭނީ އޭރުންނެވެ.

އެޑިޓަރުގެ ނޯޓު:

މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.