ރ އަތޮޅު ދުވާފަރުގެ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ފަށައިފިއެވެ.

މި މަޝްރޫޢު ފެށުމުގެގޮތުން މިއަދު ވަނީ ރ. ދުވާފަރުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މިރަސްމިއްޔާތުގައި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، އެމްޓީސީސީގެ ސީއޯއޯ ޝާހިދު ޙުސައިން، ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އަދި ރ. ދުވާފަރު ދާއިރާގެ މަޖްލިސް މެމްބަރު އިސްމާއިލް އަޙުމަދެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢަކީ 8.37 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

މިމަޝްރޫޢުގެ ތެރެއިން ފައިމަގުގައި ހިނގޭ ހޮތަށް 4،960 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 17،790 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، ކޭބަލް ހޮޅި ވަޅުލުމާއި މަގުބައްތި އަދި ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފެށާފައިވާއިރު، މަޝްރޫޢު ނިންމޭނެކަމަށް ލަފާކުރަނީ 300 ދުވަސް ތެރޭގައެވެ.

ދުވާފަރުގެ މަގުހެދުމުގެ މަޝްރޫއު އެމްޓީސީސީއިން ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާފައިވަނީ 12 ޖޫން 2019 ގައެވެ.

ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ 77 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

އެމްޓީސީސީ، ޕްލޭނިންގ މިނިސްޓްރީގެ ބޭފުޅުންގެ އަދި ދުވާފަރު ދާއިރާގެ މެންބަރު ވަނީ މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާގޮތް ސައިޓަށް ވަޑައިގެން ބައްލަވާލައްވާފައެވެ.

ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ.

މިމަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6813 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައު ސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢަކީ 47.04 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރަށެވެ.