ކޮވިޑް-19 ބަލީގައި އިންޑިއާއިން މަރުވި މީހުންގެ އެއްލައްކަ ފަހަނައަޅައި ހިނގައްޖެއެވެ.

އިންޑިއާގެ މައި ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، އިންޑިއާއިން މިއަދުގެ ނިޔަލަށް ކޮވިޑް ބަލީގައި ނިޔަލަށް މަރުވި މީހުންގެ އަދަދު 100،842 އަށް އަރާފައިވާ ކަމަށެވެ.

މިއަދުގެ ނިޔަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވެސް 6.47 މިލިއަންއަށް އަރާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިންޑިއާއިން 79،476 މީހުން އަލަށް ޕޮޒިޓިވް ވެފައިވެއެވެ. އިންޑިއާ އަދިވެސް އޮތީ، ކޮވިޑް ބައްޔަށް އެއްދުވަހެއްގައި އެންމެ ގިނ އަދަދަކަށް މީހުން ޕޮޒިޓިވްވާ ގައުމުގެ ގޮތުގައެވެ.

ކޮވިޑްބަލީގައި މަރުވި މީހުންގެ އަދަދު އެއްލައްކައިން މައްޗަށް އެރުމާއެކު، އިންޑިއާ މިހާރުވެފައިވަނީ، މިބަލީގައި އެއްލައްކައަށްވުރެ ގިނަމީހުން މަރުވި ތިންވަނަ ގައުމަށެވެ.

މީގެކުރިން ބަލީގައި އެ އަދަދަށް މީހުން މަރުވެފައިވަނީ އެމެރިކާއާއި ބްރެޒީލުންނެވެ. ކޮވިޑްބަލީގައި މުޅި ދުނިޔެއިން މިހާތަނަށް މަރުވި މީހުންގެ 45 އިންސައްތަ ހިއްސާކުރަނީ އެމެރިކާ، ބްރެޒީލް އަދި އިންޑިއާއިންނެވެ.

އިންޑިއާގައި ބަލީގެ ހާލަތު ރަނގަޅުވުމުގެ އެއްވެސް ކޮޅުމައްޗެއް އަދި ފެނިފައި ނުވާއިރު، ބަލިފެތުރުން ހުއްޓުވަން މާޗްމަހުގެ ތެރޭގައި ގެނައި ލޮކްޑައުންގެ ހަރުކަށި އުސޫލުތަކާހެދި އިގްތިސާދަށް އެރި ލޮޅުމުގެ ބޮޑުކަމުން، ބަލީގެ ހާލަތު ކިތަންމެ ގޯސްވިޔަސް އަލުން ލޮކްޑައުއަކަށް ދިއުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަކުން މިހާރު ބޭނުމެއް ނުވެއެވެ.

ސަރުކާރުން މިހާރުވެސް މަސައްކަތް ކުރަމުން ގެންދަނީ، ބަލި ފެތުރުން ހުއްޓުވަން މިވަގުތު އަޅާފައި ހުރި ފިޔަވަޅުތައްވެސް އުވާލައި، ގައުމު އެއްކޮށް ހުޅުވާލުމަށެވެ.

ދެބައިކުޅަ އެއްބައިގެ ޖާގައަށް މީހުން ވައްދައިގެން ސިނާތައް ހުޅުވަން މިހާރު ހުއްދަ ދީފައިވާއިރު، މިމަހުގެ މެދުތެރެއިން ފެށިގެން ސްކޫލްތައް ހުޅުވުމުގެ އިޚްތިޔާރުވެސް ކަމާބެހޭ ފަރާތްތަކަށްވަނީ ދީފައެވެ.

ފިނިމޫސުމާއި ބަންދު ދުވަސްވަރު ކުރިއަށް އޮތުމުން، އެ މުއްދަތުގެ ތެރޭގައި ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ހިނގައިދާނެކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

1.3 ބިލިއަން މީހުންގެ އާބަދީއެއް ހިމެނޭ އިންޑިއާއިން ކޮވިޑް-19 ގެ އަސަރު ކޮށްފައިވަނީ އާބާދީގެ އެންމެ 7 އިންސައްތަ މީހުންނަށްކަމުން، މިކަމުން އިންޑިއާ އަރައިގަތުން އަދިއޮތީ ވަރަށް ދުރުގައި ކަމަށްވެސް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެއެވެ.