އިނގިރޭސި ޕްރިމިއަރ ލީގުގައި އަމިއްލަ ދަނޑު ސްޓެމްފޯޑް ބްރިޖުގައި ޗެލްސީއިން ޗްރިސްޓަލް ޕެލެސްގެ މައްޗަށް ކުރިހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މިމެޗުގައި ޗެލްސީ މޮޅުވީ 0-4 ގެ ނަތީޖާ އަކުންނެވެ.

މެޗުގައި މޮޅަށް ކުޅެ މެޗު ޑޮމިނޭޓް ކުރި ޗެލްސީއިން ވަނީ ކްރިސްޓަލް ޕެލެސްގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ނުރައްކާތެރި ހަމަލާތަކެއް ޗެލްސީއިން އުފެއްދުނު ނަމަވެސް ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފު ފަށައިގެން ޗެލްސީއިން ގޯލް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔައެވެ. ނަތީޖާއަކަށްވީ ދެވަނަ ހާފު ފެށިގެން 5 ވަނަ މިނެޓުގައި އެޓީމުން މެޗުގެ ފުރަތަމަ ގޯލު ޖެހުމެވެ.

ޗެލްސީއިން ކްރިސްޓަލް ޕެލެސްގެ ގޯލް އޭރިއާ ތެރޭ ފުލުފުލުގައި އުފައްދަމުންދިޔަ ހަމަލާތައް ކްލިއާނުކުރެވި އުޅެނިކޮށް އޭރިއާގެ ވާތްފަޅިން މުޅިން ހުސްކޮށްހުރެ ބެން ޗިލްވެލް ފޮނުވާލި ބާރު ހަމަލާ ވަނީ ގޯލްގެ ތެރެއަށެވެ.

މިލަނޑަށްފަހު ކްރިސްޓަލް ޕެލެސްއިން ކުޅުން ރަނގަޅުކޮށް ޗެލްސީގެ ގޯލަށް ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެޓީމަށް ލަނޑެއް ނުޖެހި އުޅެނިކޮށް ޗެލްސީއިން ވަނީ މެޗުގެ 66 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 0-2 އަށް ބަދަލުކޮށްލާފައެވެ. ބެން ޗިލްވެލް ނަގައިދިން ރީތި ހުރަސް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން މިލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ކާޓް ޒޫމާއެވެ.

ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔަ ޗެލްސީއިން 3 ވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 78 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ.

ޓައިރެލް މިޗެލް އޭރިއާ ތެރެއިން ކުރި ފަހުލަކާއި ގުޅިގެން ވީއޭއާރު ބެލުމަށްފަހު ލިބުނު މި ޕެނަލްޓީ ގޯލްގެ ތެރެއަށް ފޮނުވާލީ ޗެލްސީގެ ޖޯޖީނިއޯއެވެ.

ޗެލްސީގެ 4 ވަނަ ލަނޑަކީވެސް ލިބުނު ޕެނަލްޓީއެއްގައި ޖޯޖީނިއޯ ޖަހައިދިން ލަނޑެކެވެ.

މިމޮޅާއެކު 4 މެޗުން ލިބުނު 7 ޕޮއިންޓާއެކު ޗެލްސީއިން އޮތީ ޕޮއިންޓް ތާވަލްގެ 4 ވަނައިގައެވެ.