މޮޅު ކުޅުމެއް ދެއްކި ކަމުގައި ވީނަމަވެސް އަބަދުވެސް ބޮޑާކަމާއި ކިބުރުވެރިކަންމަތީ ވާހަކަ ދައްކަމުންދާ ސްވިޑަންގެ ތަރި ޒްލަޓަން އިބްރާހިމޮވިޗް އޭނާގެ އުފަންދުވަހުގެ ތަހުނިޔާ އޭނާގެ އަމިއްލަ ނަފްސައް ކިޔައިފިއެވެ.

މިހާރު އިޓަލީގެ އޭސީ މިލާނަށް ކުޅެމުންދާ ޒްލަޓަން މިއަދު ކުރި ޓުވީޓްއެއްގައިވަނީ، ކާރެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް އެޓޭޗް ކުރުމަށްފަހު "ހެޕީ ބާތްޑޭ ޓު ޒްލަޓަން" ޖަހާފައެވެ.

ގިނަބަޔަކު މިޓުވީޓަށް ކޮމެންޓް ކުރިއިރު އެއްބަޔަކު ވަނީ ޒްލަޓަންގެ ބޮޑާކަމަށް ނުރުހުން ފާޅުކޮށްފައެވެ.

އެހެންނަމަވެސް ގިނަ ބަޔަކަށް މި ޓްވީޓްވީ މަޖާކަމަކަށެވެ. އެއްބަޔަކު އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ކީއިރު އަނެއްބަޔަކު ކޮމެންޓްކޮށްފައި ވަނީ ޒްލަޓަން މީގެކުރިން ބުނެފައިވާ މޮޅެތި ބަސްތައް ބޭނުންކޮށްފައެވެ.

ޖާނަލިސްޓުންގެ ސުވާލް ތަކަށްވެސް ތަފާތު މަޖާ ޖަވާބުދޭ ޒްލަޓަން އޭސީމިލާނަށް ބަދަލުވެފައިވަނީ މިއަހަރުއެވެ. މީގެކުރިން 2018 ވަނަ އަހަރުން ފެށިގެން އޭނާ ކުޅެފައިވަނީ އެމެރިކާގެ ލޮސް އެންޖެލަސް ގެލެކްސީއަށެވެ.

މިސީޒަނުގައި ޒްލަޓަން ވަނީ އޭސީ މިލާނަށް ކުޅެދިން 19 މެޗުގައި 12 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.