ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް ކޮންމެ ދުވަހަކު އަލަށް ފެންނަވަރު މިހާރު މިވަނީ 100 އަށް ވުރެ ދަށުގައި ހިފެހެއްޓިފައެވެ. މީގެކުރިން މިގޮތަށް ކަންތައްވީ ފަހަރުތަކުގައި އާއްމުންގެ ކިބައިން ފެނުނީ އެންމެ އެދޭފަދަ ބަދަލެއް ނޫނެވެ. އޭރު ހީވީ ކޮވިޑްގެ ނުރައްކާ މުޅިން ފިލައިގެން ގޮސްފައިވާ ކަމަށް ގަބޫލުކުރެވިގެން މީހުން ނުކުތް ހެންނެވެ. ބާޒާރުތަކާއި މަގުތައް ތޮއްޖެހުނެވެ. އޭގެ އިތުރުން، ހަފްލާތަކާއި އެއްވުންތަކާ ދިމާލަށްވެސް ބަޔަކު ދިޔައެވެ.

ކޮވިޑްގެ ވަރުގަދަ ދެވަނަ ރާޅެއް ބިންދާލީ އެހިސާބުންނެވެ.

އެގޮތަށް ކަންތައް ވުމުގެ ބައެއް އުޒުރުތައްވެސް މީހުން ދައްކައެވެ. ފުރަތަމަ ކަމަކީ އޭޕްރިލްމަހު މާލެއިން ފުރަތަމަ ފެނުނު ކޮމިއުނިޓީ ކޭސްތަކާއެކު މާލެ ސަރަހައްދު ލޮކްޑައުން ކުރުމެވެ. ޖެހިގެން އައި ތިންމަސްދުވަސް މީހުން ހޭދަކުރީ ވަރަށް ދަތި ހާލުގައި، ގޭގައެވެ.

ރައްޔިތުން ތަހައްމަލުކުރި އެ ދަތިކަމަށް ރިއާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޖުލައިމަހު ފިޔަވަޅުތަކަށް ލުއި ދިނީވެސް ތަންކޮޅެއް ބޮޑުކޮށެވެ. އެގޮތުން ދިން ލުއިތަކާއި ރައްކާތެރިކަމުގެ އުސޫލުތަކަށް އާއްމުން ދިން ސަމާލުކަމަށް އައި ހީނަރުކަމުގެ ނަތީޖާ އޮގަސްޓްމަހު ފެނުނެވެ. އެ މަހު އާއްމުކޮށް ދުވާލަކު 150 ވަރަކަށް ކޭސް ދިޔައީ ފެންނަމުންނެވެ. އެހެންވެ، ކޮވިޑަށް ފަރުވާދޭ ފެސިލިޓީތަކުގެ އޮކިއުޕަންސީ ވަރަށް މައްޗަށް ގޮސް، ކަންބޮޑުވާ ހާލަތެއް އުފެދުނެވެ.

އޮގަސްޓްމަހު އެގޮތަށް ކަންތައް ވެފައި އޮއްވައިމެ، މިދިޔަ ސެޕްޓެމްބަރުމަހު ކޭސްތައް ދަށްވާން ފެށުމާއެކު އަނެއްކާވެސް ބައެއް މީހުން ކުރަން ފެށީ ފިޔަވަޅުތައް ލުއި ނުކުރާ ކަމުގެ ޝަކުވާއެވެ.

ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ވިދާޅުވީ، ނަމްބަރުތައް ދަށްވަމުންދާތީ އެއީ ބަލި ކޮންޓްރޯލްވީ ކަމަށް ދެކިގެން ބައެއްމީހުން ސުވާލު އުފައްދާ ކަމަށެވެ. އެކަމަކު ކޮވިޑްގެ ހާލަތު ވަޒަންކުރަން ހުރި އިންޑިކޭޓާސްތަކަށް ބަލާއިރު، ރާއްޖޭގެ ހާލަތު އަދި ގްރީން ޒޯނަށް ނުދާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ކްލަސްޓާއަކާ ގުޅުމެއް ނެތް ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވުމުގެ މާނައަކީ، ބަލި ފެތުރޭ ނިސްބަތް މަދުވުމެވެ. އެކަމަކު އެ ސްޕީޑު ހުރީ ބޭނުންވާ ވަރުގައި ނޫން ކަމަށާއި އެއީ ގިނަ ބަޔަކަށް ރައްކާތެރިކަމުގެ ފިޔަވަޅު މަތީގައި ރަނގަޅަށް ހިފަހައްޓާނުލެވޭތީ ކަމަށްވެސް ޑރ. ޝީނާ މޫސާ ވިދާޅުވިއެވެ.

"ޓްރެޖެކްޓްރީ ހުރީ ތިރިވާ ގޮތަށް. އެކަމަކު އަޅުގަނޑުމެން އަދި ސޭފް ލެވެލްއަކަށް ނުދެއޭ. އަމާޒަކީ ކްލަސްޓާއަކާ ނުގުޅޭ ކޭސްތައް 20 އަށް ވުރެން ތިރީގައި ބެހެއްޓުން. އޭރަށް ބުނެލަން އެނގޭނީ ބަލި ފެތުރުން އެބަ މަޑުޖެހެއޭ،" ޑރ. ޝީނާ މޫސާ

ޑރ. ޝީނާ ވެސް ފާހަގަކުރައްވާ ގޮތުގައި، ޖުލައިމަހު ރާއްޖޭގައި ލުއިތައް ދިނީ ބަލި ފެތުރުން އެކަށީގެންވާ ވަރަށް ކޮންޓްރޯލް ނުކުރެވި، ނުވަތަ "ގްރީން ޒޯނަށް ނުދެވި" އޮއްވައެވެ. އެފަހަރުގެ ތަޖުރިބާއަކީ އެކަށީގެންވާ ވަރަށް ކޮންޓްރޯލް ނުކުރެވި އޮއްވައި ލުއި ދިނުމުން، މީހުންގެ ސަމާލުކަން ކުޑަވެ، ބާރު ސްޕީޑުގައި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިގެން ދިއުމެވެ. އެ ތަޖުރިބާ ތަކުރާރު ނުވުން މުހިއްމެވެ.

"ކުރީގެ ތަޖުރިބާއަށް ބަލަންޏާ ގްރީން ޒޯނަށް ހަމަ އަޅާއިރަށް މެޝާސްތައް އީޒްކޮށްލައި ކޮވިޑްގެ ކުރިން އުޅުނު ގޮތަށް ހިނގައްޖިއްޔާ ވަރަށް ރިސްކު އެބަ އޮތް އަނެއްކާވެސް ފެތުރެން ފެށުމުގެ. އަދިވެސް ވަރަށް މުހިއްމު، ދެތިން ހަފުތާއަށް ބަލައިގެން އުޅުން ގްރީން ޒޯންގައި ބަހައްޓަން،" ޑރ. ޝީނާ މޫސާ

ރާއްޖޭގެ ނަތީޖާ އުފާވެރިއެއް ނޫން؛

ރާއްޖެއަކީ މި ސަރަހައްދުން ވެސް އެންމެ އަވަހަށް ކޮވިޑް-19 އަށް ހޭލުންތެރިވެ، ފިޔަވަޅުތައް އަޅަންފެށި ގައުމެވެ. ރާއްޖެއިން ތައްޔާރީތައް ވާން ފެށީ ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމުގެވެސް މާ ކުރިންނެވެ. ބަލި ފެތުރިއްޖެ ހާލަތެއްގައި މަސައްކަތްކުރަން ސިއްހީ ހިދުމަތްރިންނަށް ތަމްރީނު ދިނުމާއި އާއްމުން ހޭލުންތެރިކުރަން ފެބްރުއަރީ މަހުވެސް އޮތީ ފަށާފައެވެ.

އެގޮތަށް މަސައްކަތް ފެށީ، ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖުތަމައާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ގައުމަކަށް ވާތީއެވެ. ރާއްޖޭގެ ޓޫރިޒަމަކީ، ގުދުރަތީ ރީތިކަން ދެކިލައި ބޯހަމަޖައްސާލަން މި ގައުމަށް އަންނަ މިލިއަނަކަށް ވުރެ ގިނަ ބޭރު މީހުންނަށް ކޮންމެ އަހަރަކު ހިދުމަތް ދެމުން އަންނަ އިންޑަސްޓްރީއެކެވެ. ހަމަ އެއާއެކު، ރާއްޖެއަކީ، އެންމެ އާދައިގެ ތަކެތިން ފެށިގެން އެންމެ ބޮޑެތި މެޝިނަރީއާ ހިސާބަށްވެސް މުޅިންހެން އިމްޕޯޓް މުދަލަށް ބަރޯސާވާ ގައުމެކެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން ރާއްޖެއިން ދުރާލައިވީ ތައްޔާރީތަކުގެ މާ އެދެވޭ ނަތީޖާއެއް ފެނުނު ކަމަކަށް ބުނެވޭކަށް ނެތެވެ. ރާއްޖެއަށް ވުރެ އެތައް ގުނައެއް އާބާދީ ބޮޑު މެލޭޝިއާ އާއި ރާއްޖެއާ އަޅާބެލުމުން މިކަން ވަރަށް ރަނގަޅަށް އޮޅުންފިލައެވެ. އެގައުމުގެ އަބާދީގައި 40 މިލިއަނަށް ވުރެ ގިނަ މީހުން ތިބިއިރު، ކޮވިޑްގެ ކޭސްތަކުގެ އަދަދަކީ 11،484 އެވެ. މަރުވި މީހުންގެ އަދަދަކީ 136 އެވެ.

ރާއްޖެއަކީ އެންމެ ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ، ކުޑަކުޑަ ޖަޒީރާ ގައުމެކެވެ. އެކަމަކު، ރާއްޖޭގެ ކޭސްތަކުގެ އަދަދު މިހާރު 10،000 ވުރެ މަތިވެއްޖެއެވެ. މަރުވި މީހުންގެ އަދަދު 34 އަށް އަރައިފިއެވެ.

މިއީ ވިސްނާލަންޖެހޭ މުހިއްމު ތަފާސްހިސާބެކެވެ. މުހިއްމު ދެ ކަމެއް މި ނަތީޖާގައި އެބަ ހިމެނެއެވެ. ފުރަތަމަ ކަމަކީ މެލޭޝިއާގެ އާބާދީއެވެ. ރާއްޖެއާ އަޅާބަލާއިރު މެލޭޝިއާގެ އާބާދީ ނުބައްދަލެވެ. އެ ގައުމުގައި 40 މިލިއަނަށް ވުރެ ގިނަ މީހުން ތިބިއިރު، އެއް ތަނެއްގައި ދިރިއުޅޭ މީހުންގެ އަދަދުވެސް ރާއްޖެއަށް ވުރެ ގިނައެވެ. ރާއްޖޭގެ އާބާދީ ކުޑަވެފައި މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި އޮތް އާބާދީ ބެހެނީ ދުރުދުރުގައި ފެތުރިފައިވާ ރަށްތަކެއްގެ މައްޗަށެވެ.

މީގެ މާނައަކީ، ގަބޫލުކުރަން އުނދަގޫވިޔަސް، ކޮވިޑާމެދު އަހަރުމެން ފަރުވާކުޑަކޮށްފި ކަމެވެ. މި ބައްޔާމެދު ފަރުވާތެރި ވެވުނީ ވާންޖެހޭ ވަރަށް ވުރެ ކުޑަކޮށް ކަމެވެ.

ދެވަނަ ރާޅަކަށް ތައްޔާރުވެ، ހޭލާ ތިބެންޖެހޭ؛

ކޮވިޑް-19ގެ ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރުމަށް ފަހު އެ ބަލި ކޮންޓްރޯލްވި ގައުމުތަކުގެ ތަޖުރިބާ ދުނިޔޭގެ ހަތަރު ބިތުގައިވެސް ދާދި އެއްގޮތެވެ. އަމާންއޮމާން ދުވަސްތަކަކަށް ފަހު ދެން ބިންދާލަނީ ބަލީގެ ދެވަނަ ރާޅެކެވެ. އެއާއެކު، ހިތާ ދެކޮޅަށް ނަމަވެސް، ކުރިން އެޅި ފަދަ ހަރުކަށި ފިޔަވަޅުތައް އަލުން އަޅަން މަޖުބޫރުވެއެވެ. މީހުން ދާންޖެހެނީ "ގޭބަންދަށެވެ". އިގްތިސާދީ އިންޖީނު އަނެއްކާވެސް ހުއްޓުމަކަށް އާދެއެވެ.

ޓޫރިޒަމް ފަދަ ޓާޝަރީ ނުވަތަ ސާވިސް އިންޑަސްޓްރީތަކުގެ ބަދަލުގައި ޕްރައިމަރީ އިންޑަސްޓްރީތަކުގެ މައްޗަށް އިގުތިސާދު ބިނާކޮށްފައިވާ ބޮޑެތި ގައުމުތަކާ ހިލާފަށް، އެއީ ރާއްޖެއަށް "އެފޯޑް" ކުރެވޭނެ ހާލަތެއް ނޫނެވެ.

އަނެއްކާވެސް މެލޭޝިއާގެ މިސާލު ނަގާނަމެވެ. މިފަހަރު، ކޮވިޑްގެ ދެވަނަ ރާޅަކާ ކުރިމަތިލާން ޖެހިފައިވާ ގައުމެއްގެ ގޮތުގައެވެ. ގިނަ އަދަދަކަށް ދިވެހިންވެސް ދިރިއުޅޭ މެލޭޝިއާގެ ކޮވިޑް ގްރާފްގެ ކާވަށް ބަލައިލާއިރު ފެންނަނީ، ޖޫންމަހުން ފެށިގެން އެ ގައުމުގައި ކޭސްތައް ފެންނަ އަދަދުތައް ދާދި އެއްވަރެއްގައި ހިފެހެއްޓިފައިވާ ތަނެވެ. އެގޮތުން، ޖޫން 15 ގައި 41 ކޭސް ފެނުނު ފަހުން ސެޕްޓެމްބަރު ހަތްވަނަ ދުވަހާ ހަމައަށް، އަލަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ހުރީ ދުވާލަކު 20 އަށް ވުރެ ދަށުގައެވެ. އެކަމަކު، އޭގެ ފަހުން ކޭސްތައް އިތުރުވެ، މިހާރު ކޮންމެ ދުވަހަކުވެސް 100 އަށް ވުރެ ގިނަ ކޭސް އެ ގައުމުން ދަނީ ފެންނަމުންނެވެ.

މެލޭޝިއާގެ މިސާލުން ފާހަގަވާ މުހިއްމު ނުކުތާއެއް އެބަ އޮތެވެ. އެއީ، ކޮވިޑް ކޭސްތައް ކިތަންމެ ދަށަށް ދިޔަ ނަމަވެސް، އަދި ކޮންޓްރޯލްވެފައި އޮންނަތާ ކިތަންމެ ދުވަހެއް ފާއިތުވެގެން ދިޔަ ނަމަވެސް، ވައިރަސް އަލުން ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމެވެ. މީގެކުރިން ފެތުރުނު މިފަދަ އެހެން ބައެއް ބަލިތަކާ ހިލާފަށް ކޮވިޑް-19 ގައި "ހާޑް އިމިއުނިޓީ" އުފެދި، އާބާދީގެ ބޮޑު ބައެއް ބައްޔަށް އިމިއުންވާ ހާލަތު ކޮވިޑްގައި އުފެދޭ މިންވަރު ދަށްކަން މިކަމުން އެބަ ހާމަވެއެވެ. ބައެއް ގައުމުތަކުގައި ކުރި ސާވޭތަކުން ވެސް ވަނީ އެކަން އެނގިފައެވެ.

ރާއްޖޭގައި މިހާރު އަޅާފައިވާ، ނިސްބަތުން ވަރަށް ލުއި ފިޔަވަޅުތަކާއި ފަރުދީ ފެންވަރުގައި ރައްކާތެރިކަމުގެ ގޮތުން ދަމަހައްޓަން ޖެހޭ އުސޫލުތައް ދޫކޮށްލެވެން ނެތް ސަބަބަކީ މިއެވެ. ކޮވިޑް-19 އަށް ވެކްސިނެއް އަދި ބޭހެއް ހޯދަން ދުނިޔޭގެ ކަންކޮޅުތަކުގައި ސައިންސްވެރިން ކެނޑިނޭޅި ކުރަމުން އެދާ ބުރަ މަސައްކަތުގެ ފޮނިމޭވާއެއް ލިބޭނީ އެމަސައްކަތް ކާމިޔާބުވަންދެން ބަލި ކޮންޓްރޯލް ކޮށްފައި ބޭއްވިގެންނެވެ.

އެ ޒިންމާ އަހަރުމެން ކޮންމެ މީހެއްގެ ބޮލުގައި މިވަނީ އެޅިފައެވެ!

އެޑިޓަރުގެ ނޯޓު:

މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.