މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އޭގެ ކުރީ ދެމަހާ އަޅާ ބަލާއިރު ބޮޑުތަނުން އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ކޮންމެ މަހަކުވެސް އާއްމުކުރާ ތަފާސްހިސާބުން ދައްކާގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު 9،538 ވަނީ އަރާފައެވެ. މިއީ، އޭގެ ކުރީ ދެމަހާއި އަޅާ ބަލާއިރު 25 އިންސައްތަައިގެ އިތުރުވުމެއްކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ސެޕްޓެމްބަރު މަހު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާއިންނެވެ. ރަޝިއާއިން 2،065 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު،މިއީ އޭގެ ކުރީ މަހާ އަޅަ ބަލާއިރު، 388 އިންސައްތައިގެ ކުރިއެރުމެއްކަމަށް އިމިގްރޭޝަނުން ބުނެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ގޮތުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް ކަނޑައަޅާފައިވާއިރު، ޔޫއޭއީއިން 1،029 ފަތުރުވެރިން ސެޕްޓެމްބަރުމަހުގެ ރާއްޖެ އައިސްފައިވެއެވެ. އެހެންނަމަވެސް މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު، 37 އިންސައްތައިގެ ދަށްވުމެއްކަމަށް އިމިގްރޭޝަނުން ބުނެއެވެ. ތިންވަނައަށް އެންމެ ގިނ ފަތުރުވެރިން އައިސްފައިވަނީ ޔޫއެސްއިންނެވެ. އެއީ 935 ފަތުރުވެރިންނެވެ. އަދި މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު، 39 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެ އިތުރުން ބޯޑަރު ހުޅުވާހިފަހުން ދުވަލެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީވެސް ސެޕްޓެމްބަރުމަހު ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ސެޕްޓެމްބަރު މަހު ދުވާލެއްގެ މައްޗަށް 318 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށާއި، މިއީ އޮގަސްޓުމަހާ އަޅާ ބަލާއިރު، 45.90 އިންސައްތައިގެ ކުރިއެރުމެއްކަމަށް އިމްގްރޭޝަނުން ބުނެއެވެ. އޮގަސްޓުމަހު ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވަނީ 218 ފަތުރުވެރިންނެވެ. އަދި ބޯޑަރު ހުޅުވާލި ފުރަތަމަ މަހު ރާއްޖެ އައިސްފައިވަނި ދުވާލަކު 100 ފަތުރުވެރިންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި 15 ގައި ބޯޑަރު ހުޅުވާލިތާ މިހާރު ދެމަސްވެފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަން މިހާރު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓްކުރުމުގެ ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާއިރު، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގައި މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ފަތުރުވެރިންނަށް އިނާޔަތްތައް ލިބިގެންދާ ބޯޑަރ މައިލްސް ޕްރޮގްރާމް އިފްތިތާހުކޮށްފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ފަތުރުވެރިންނަށް ލިބިގެންދާ ފައިދާތަކާ ޚިދުމަތްތައް ވެސް އިތުރުވެގެންދާއިރު، މީގެ ސަބަބުން އެކި ފަހަރު މަތިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް އިތުރުވެގެންދާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.