ލ. ފޮނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރުއުގެ ދަށުން މިހާރު ކުރިއަށްދަނީ މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ކަމަށެވެ. ފޮނަދޫގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިމަސްތެރޭ ފެށޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، ދިގުމިނުގައި 3.5 ކިލޯމީޓަރު ހުންނަ 12 މަގު ތަރައްޤީ ކުރެވޭނެ ކަމަށެވެ. އަދި 27،848 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 25.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 26 ޖޫން 2019 ގައެވެ.