އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުމާ ގުޅިގެން، ޓްރަމްޕްގެ ސިއްހީ ހާޅުކޮޅާ ގުޅޭގޮތުން ތަފާތު ވާހަކަތަކެއް މީޑިއާގައި ފެތުރެމުންދަނިކޮށް، ހޮސްޕިޓަލުގައި އޮންނަވައި ޓްރަމްޕް ވީޑިއޯ މެސެޖެއް އާންމު ކުރައްވައިފިއެވެ.

ޓްރަމްޕްގެ ޓްވިޓަރ އެކައުންޓުން އާންމު ކުރެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވެފައިވަނީ، އޭނާގެ ސިއްހީ ހާލު މިހާރު "ވަރަށް ރަނގަޅު" ކަމަށެވެ.

އޭގެފަހުން ޓްރަމްޕް ވިދާޅުވެފައިވަނީ، މިހާރު ތައްޔާރުވެވަޑައި ގަންނަވަނީ އިތުރު ޓެސްޓެއް ހެއްދެވުމަށް ކަމަށެވެ.

ޓްރަމްޕް ވީޑިއޯ މެސެޖް ރެކޯޑު ކުރައްވާފައިވަނީ، ވޯލްޓަރ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުގައި އޭނާއަށް ފަރުވާދެމުންގެންދާ ކޮޓަރިކޮޅުގައި އޮންނަވައިގެންނެވެ.

ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ޓްރަމްޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

"އަޅުގަނޑު މިތަނަށް އައީ ސިއްހީހާލު އެހާ ރަނގަޅު ނޫންވީމާ. އެކަމަކު، މިހާރު ވަރަށް ބޮޑަށް ރަނގަޅު. އަޅުގަނޑު އެނބުރި ދިއުމަށް ވަރަށް ބުރަކޮށް މިގެންދަނީ މަސައްކަތް ކުރަމުން. އަޅުގަނޑު އެނބުރި ދާން އެބަޖެހޭ، ސަބަބަކީ އެމެރިކާ އަލުން ވަރުގަދަ ކުރަން އެބަޖެހޭ"
ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ، ވަރަށް އަވަހަށް އެނބުރި ވަޑައިގަންނަވާނޭ ކަމަށާއި، ކެމްޕެއިން ކަންތައްތަވެސް އަލުން ފަށްޓަވާނޭ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ، ކޮރޯނާވައިރަސް ބަލިކުރައްވާނޭ ކަމަށާއި، އޭނާ މަސައްކަތް ކުރައްވަނީ އެމެރިކާގެ ރައްޔިތުންގެ ހައްގުގައި އެކަނި ނޫން ކަމަށާއި، މަސައްކަތް ކުރައްވަނީ މުޅި ދުނިޔޭގެ ހައްގުގައި ކަމަށެވެ.

ޓްރަމްޕް ހޮސްޕިޓަލުގައި އޮންނަވައި ވީޑިއޯ މެސެޖެއް މި އާންމުކުރެއްވީ، ޓްރަމްޕްގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ވައިޓްހައުސްއިންވެސް އޮޅުން އަރާކަހަލަ ބަޔާންތައް ނެރެފައި ވަނިކޮށެވެ.

ވައިޓްހައުސްގެ ޗީފް އޮފް ސްޓާފް މާރކް މެޑޯސް ވިދާޅުވެފައިވަނީ، ޓްރަމްޕްގެ ފަރާތްޕުޅުން ފެންނަނީ "ވަރަށް ކަންބޮޑުވާންޖެހޭފަދަ" އަލާމާތްތަކެއް ކަމަށެވެ. ޓްރަމްޕް ވީޑިއޯ މެސެޖް ނެރުއްވީ އޭގެ މަދު ގަޑިއިރުތަކެއް ފަހުންނެވެ.

ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ޓްރަމްޕް ވަގުތީގޮތުން ނަމަވެސް މިހާރުވަނީ ކެމްޕެއިން ހުރިހާ ކަމަކުން އެއްފަރާތްވެވަޑައި ގެންފައެވެ. ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް މިކަމުން ކޮށްފާނެ އަސަރަކާމެދު ގިނަ ސުވާލުތަކެއްވެސް އުފެދިފައި ވެއެވެ.