އިނގިރޭސި ކްލަބް މެންޗަސްޓާ ޔުނައިޓެޑުން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަންއަށް ކުޅެމުން އަންނަ އުރުގުއާއިގެ ތަރި އެޑިންސަން ކަވާނީ ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

ފާއިތުވި ސީޒަން ނިމުމާއެކު ޕީއެސްޖީ އާއިއެކު ކަވާނީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ޔުނައިޓެޑުން ކަވާނީ ގެންނާނީ ހިލޭ ޓްރާންސްފާ ފީއެއްގައެވެ.

ޕްރިމިއަރ ލީގުގެ ޓްރާންސްފާ ވިންޑޯ އޮކްޓޯބަރު 5 ވާ ހޯމަ ދުވަހަށް ބަންދުވާއިރު 33 އަހަރުގެ ކަވާނީ އާދިއްތަ ދުވަހުގެ ވަގުތެއްގައި ޔުނައިޓެޑަށް ސޮއެ ކުރަން އިނގިރޭސިވިލާތަށް ދާނެކަމަށް ބެލެވެއެވެ.

ޔުނައިޓެޑުން ކަވާނީ އާއިއެކު ހަދާނީ 2 އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށް ބޭރުގެ ކުޅިވަރު ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

އަދި ކަވާނީގެ ސޮއެ ހޯދުމާއެކު މިހާރު ޔުނައިޓެޑަށް ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވާޑް އޮޑިއޮން އިގާލޯ އާއިއެކު ހަދާފައިވާ 1 އަހަރު ދުވަހުގެ އެއްބަސްވުން ހަމަވުމުން އޭނާ އެނބުރި ކުރީގެ ކްލަބް ޗައިނާގެ ޝެންހާއި ޝެންހުއާއަށް ދާނެ ކަމަށްވެސް ރިޕޯޓް ތަކުގައި ބުނެފައިވެއެވެ.

ޔުނައިޓެޑްގެ ކޯޗުކަމާއި އޮލެގުނަ ސޯލްޝެއާ ހަވާލުވުމަށްފަހު ބޮޑަށް އިސްކަންދީފައިވަނީ ޒުވާން ކުޅުންތެރިން ޓީމަށް ގެނައުމަށެވެ.

ކަވާނީ ޔުނައިޓެޑަށް ގެންނަން މަސައްކަތް ކުރަން ފެށުމާއެކު ބައެއް ފަރާތްތަކުން ދަނީ ސޯލްޝެއާގެ މި "ޓްރެންޑް" އަށް ނިމުން އައީކަމަށް ބުނަމުންނެވެ.

އެހެންނަވެސް ކަވާނީ ގެންނަން ސޯލްޝެއާ ނިންމުމަކީ ޓީމުގެ ޒުވާން ކުޅުންތެރިންނަށް މިސާލު ދަށްކާނެ ތަޖުރިބާކާރު މޮޅު "ރޯލް މޮޑެލް" އެއް ގެނައުމަށް ނިންމި ނިންމުމެއް ކަމަށްވެސް ފުޓުބޯޅައިގެ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

އިޓަލީގެ ނަޕޯލީއިން 2013 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލްވުމަށްފަހު ކަވާނީ ވަނީ އެޓީމަށް ކުޅެދިން 301 މެޗުން 200 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ކަވާނީގެ އިތުރުން ޓީމު ވަރުގަދަކުރުމަށް ޔުނައިޓެޑުން އަންނަނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްއަށް ކުޅެމުން އަންނަ ޖޭޑަން ސަންޗޯ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ސަންޗޯގެ ސޮއެ ނުލިބިއްޖެ ހާލަތެއްގައި ބާސާއަށް ކުޅެމުން އަންނަ އުންމީދީ ފޯވާޑް އުސްމާން ޑެމްބެލޭ ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަކަމަށްވެސް ބޭރުގެ ކުޅިވަރު ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.