މައްކާގައި ހުންނަ މުސްލިމުންގެ އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް ޙަރަމް، އެތައް މަހެއްވަންދެން އާންމުންނަށް ބަންދުކޮށްފައި ބެހެއްޓުމަށްފަހު އުމްރާގެ އަޅުކަމަށާއި، ނަމާދަށް އަންނަ ފަރާތްތަކަށް މިއަދު ހުޅުވާލައިފިއެވެ.

ކޮންމެ ދުވަހަކު ވަކި އަދަދަކަށް މީހުންނަށް ވަދެވޭގޮތަށް މަސްޖިދުލް ޙަރަމް، އުމްރާގެ އަޅުކަމަށާއި، ނަމާދަށް އަންނަ ފަރާތްތަކަށް ހުޅުވާލީ، ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން ސައުދީ ސަރުކާރުން މަސްޖިދުލް ޙަރަމް ހިމެނޭގޮތުން މައްކާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފެށުމާ އެކުގައެވެ.

އެގޮތުން، ސައުދީ ސަރުކާރުން ނިންމާފައިވަނީ، ފުރަތަމަ ފިޔަވަހީގައި މިއަދުން ފެށިގެން ކޮންމެ ދުވަހަކު 6،000 މީހުންނަށް މަސްޖިދުލް ޙަރަމްގައި ނަމާދުކުރުމާއި، އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމަށެވެ.

އުމްރާގެ އަޅުކަން ފުރިހަމަކުރަން ކޮންމެ މީހަކަށްވެސް ލިބޭނީ 3 ގަޑިއިރުގެ ވަގުތެއް ކަމަށް ސައުދީ ކަމާބެހޭ ފަރާތްތަކުންވަނީ ކަނޑައަޅާފައެވެ.

ފުރަތަމަ ފިޔަވަހީގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށާއި، އެގައުމުގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންނަށް އެކަންޏެވެ.

އެހެން ނަމަވެސް، އުމްރާގެ އަޅުކަމަށާއި، ހުކުރު ދުވަހުގެ ހުކުރު ނަމާދަށް އަންނަން ބޭނުންވާ ފަރާތްތަކުން، އަޅުކަން ފުރިހަމަކުރަން ބޭނުންވާ ވަގުތާއި، ތާރީޚް ރިޒާވްކުރުމަށްޓަކައި އޮންލައިން އެޕްލިކޭޝަނެއް މެދުވެރިކޮށް ކުރިން ރަޖިސްޓަރީ ކުރަންޖެހޭ ގޮތަށްވަނީ ހަމަޖައްސާފައެވެ.

ސައުދީ ސަރުކާރުގެ މިނިސްޓަރ އޮފް ހައްޖު ވިދާޅުވީ، އުމްރާގެ އަޅުކަމަށް އަންނަ ކޮންމެ 25 ނުވަތަ 20 މީހުންގެ ގްރޫޕަކަށް ހެލްތު ވޯރކަރެއް ހުންނާނެ ކަމަށެވެ. އަދި މެޑިކަލް ޓީމުތައް މަސްޖިދުލް ޙަރަކްގައި ހަރަކާތްތެރިވަމުން ގެންދާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މަސްޖިދުލް ޙަރަމްގެ މިއަދުގެ މަންޒަރެއް:

ފުރަތަމަ ފިޔަވަހީގައި މިއަދުން ފެށިގެން ކޮންމެ ދުވަހަކު 6،000 މީހުންނަށް އުމްރާގެ އަޅުކަމާއި، ނަމާދަށް މަސްޖިދުލް ޙަރަމް ހުޅުވާލިއިރު، ދެވަނަ ފިޔަވަހީގައި، އޮކްޓޫބަރުމަހުގެ 18 ވަނަ ދުވަހުން ފެށިގެން މަސްޖިދުލް ހަރަމްގައި އުމްރާގެ އަޅުކަން ފުރިހަމަ ކުރުމުގެ އިތުރުން، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކޮށް މާތްވެގެންވާ ދެ މިސްކިތުގައިވެސް ނަމާދުކުރުމުގެ ފުރުސަތު ހުޅުވާލުމަށްވަނީ ނިންމާފައެވެ.

ދެވަނަ ފިޔަވަހީގައިވެސް އުމްރާގެ އަޅުކަމަށާއި، ނަމާދަށް، މާތްވެގެންވާ ދެ މިސްކިތަށް އާދެވޭނީ ސައުދީ އަރަބިއްޔާގެ ރައްޔިތުންނާއި، އެގައުމުގައި ދިރިއުޅޭ ބޭރުގައުމުތަކުގެ މީހުންނަށް އެކަންޏެވެ.

ދެވަނަ ފިޔަވަހީގައި ދެމިސްކިތުގެ ޖާގައިގެ 75 އިންސައްތަ ބޭނުންކުރަން ކަނޑައަޅާފައި ވާއިރު، އުމްރާގެ އަޅުކަމަށް އާދެވޭނީ 15،000 މީހުންނަށެވެ. މިސްކިތްތަކުގައި ނަމާދުކުރަން އާދެވޭނީ 40،000 މީހުންނަށް ކަމަށް ކަނޑައަޅާފައި ވެއެވެ.

ސައުދީ އަރަބިއްޔާއިން ބޭރު ގައުމުތަކުގެ މީހުންނަށް އުމްރާގެ އަޅުކަމަށް ފުރުސަތު ހުޅުވާލަން ކަނޑައަޅާފައިވަނީ ތިންވަނަ ފިޔަވަހީގެ ދަށުންނެވެ. ތިންވަނަ ފިޔަވަހި ފެށުމަށް ކަނޑައަޅާފައިވަނީ ނޮވެމްބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

އެގޮތުން، އުމްރާގެ އަޅުކަމަށް ދުވާލެއްގެ މައްޗަށް 20،000 މީހުންނަށް މާތްވެގެންވާ ދެމިސްކިތުން ޖާގަ ދިނުމަށާއި، އަދި ނަމާދަށް އަންނަ 60،000 މީހުންނަށް ޖާގަ ދިނުމަށްވަނީ ކަނޑައަޅާފައެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑު ހާލަތުގެ ނުރައްކާ ނެތިއްޖެކަން ރަސްމީގޮތުން ކަނޑައަޅައި އިޢްލާން ކުރަންދެން އުމްރާގެ އަޅުކަމަށާއި، ނަމާދަށް މިސްކިތްތަކުން ޖާގަދެމުން ގެންދާނީ އެ އަދަދަށް ކަމަށްވެސް ކަނޑައަޅާފައި ވެއެވެ.

މަސްޖިދުލް ޙަރަމްގެ މިއަދުގެ މަންޒަރެއް:

އުމްރާގެ އަޅުކަމަށް ދިއުމަށް ގައުމުތަކަށް ޖާގަދޭނޭ ގޮތާ ބެހޭގޮތުން ސައުދީ ނޫސް އޭޖެންސީން ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބުނެފައިވަނީ، އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިއުމަށް ފުރުސަތުދޭނީ ކޮވިޑްބަލީގެ ރިސްކުނެތް ގައުމުތަކަށް ކަމަށެވެ.

ހަތަރުވަނަ ފިޔަވަހީގައި ސައުދީ އަރަބިއްޔާގެ ރައްޔިތުންނާއި، ސައުދީގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންނާއި އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުންނަށް އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަން ވަނީ ކަނޑައަޅާފައެވެ. އެގޮތުން، މަސްޖިދުލް ހަރަމާއި، މަސްޖިދުއް ނަބަވީގެ އާންމު ޖާގައިގެ 100 އިންސައްތަ ޖާގަ އަޅުވެރީންނަށް އާންމުކޮށް ހުޅުވާލެވޭނެ ކަމަށް ސައުދީ ސަރުކާރުން ބުނެފައި ވެއެވެ.

އެހެން ނަމަވެސް، ހަތަރުވަނަ ފިޔަވަހި ހުޅުވާލާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. ހަމައެކަނި ބުނެފައިވަނީ، ހަތަރުވަނަ ފިޔަވަހީގެދަށުން އުމްރާގެ އަޅުކަމަށް ސައުދީއަށް ދިއުމަށް އާންމުކޮށް ހުޅުވާލާނީ ކޮރޯނާވައިސް ބަލިމަޑު ހާލަތު އެއްކޮށް ނެތިއްޖެކަމަށް ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށެވެ.