ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާ ކޮންމެ ފިޔަވަޅެއްގައިވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އޮންނަނީ އެންމެ އިލްތިމާސެކެވެ: އެންމެންގެ ރައްކަލަކަށް އަޅާ ފިޔަވަޅުތަކަށް އާންމުން އެއްބާރުލުން ދިނުމެވެ. ނަމަވެސް، ބަލީގެ ނުރައްކާ އަދިވެސް އޮތްއިރު، އާއްމުންގެ ގިނަ ބަޔަކު މިކަން ހަނދާން ނެތިއްޖެއެވެ. މިހާރު ޕާޓީތަކާއި މަސްދަތުރުތައް ބޭއްވުން އާއްމެވެ. އެކަމަކު މިއީ އަދިވެސް ކޮށްގެންވާނެ ކަންކަމެއް ނޫނެވެ.

ކޮވިޑް-19 ފަދަ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއް ކޮންޓްރޯލް ކުރަން ކުރެވޭނެ އެންމެ ބޮޑު ކަމަކީ އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމެވެ. ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ވީހާވެސް މަދުން ދިއުމެވެ. ޒަރޫރީ ބޭނުމެއްނެތި ގިނަ ވަގުތު ބޭރުގައި ނޫޅުމެވެ.

އެކަމަކު ބަލިން އަރައިގަނެވޭ ކޮންމެ ދަނޑިވަޅެއްގައި އަހަރުމެންގެ ފަރާތުން ފެންނަ ފަރުވާކުޑަކޮށްލުމުގެ އަމަލުތަކެވެ. މަސްދަތުރާއި ޕާޓީތައް ބޭއްވުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫންކަމަށް ތަކުރާރުކޮށް ސިއްހީ މާހިރުން ލަފާދެއެވެ. ރާއްޖެއަށް ކޮވިޑް-19 ގެ ދެވަނަ ރާޅެއްވެސް ކުރިމަތިވީ ހަމަ މިގޮތަށް ފަރުވާކުޑަކޮށްލުމުންނެވެ.

"އެންމެ ކޭސްއެއްގެ ސަބަބުން 207 ކޮންޓެކްޓްސް އަޅުގަނޑުމެންނަށް ފެނިފައި މިވަނީ އަދި އެއީ މިހާތަނަށް ފެނުނު ވަރު. އަދި އޭގެ އިތުރުން އެއީ ގާތްގަނޑަކަށް ބަލައިފިއްޔާ ދުވާލަކު 34 މީހުނާ މީހަކު ބައްދަލުވެފައި އިނީމާ، އަޅުގަނޑުމެން މިކުރާ ގައިދުރުކުރުމޭ މިބުނާ ބުނުމަށް ކިހާ ވަރަކަށް އަމަލުކޮށްފައި ވޭތޯ ސުވާލު އުފެދޭ. ނުވާކަން މިއިނގެނީ ދެއްތޯ؟"
ޑރ. އިބްރާހިމް އަފްޒަލް

މިއީ ވައިރަސް ފެށުނުއިރުގެ ހާލަތެވެ. އެކަމުން އިބުރަތް ހާސިލްކޮށް ކަންތައްތައް ރަނގަޅުކޮށް ޕާޓީތަކާއި މަސްދަތުރު ފަދަ ގިނަ ބަޔަކު އެއްވެއުޅޭ ގޮތަށް ހިންގާ ހަރަކާތްތައް ނުބާއްވަން ތަކުރާރުކޮށް އެޗްޕީއޭއިން އެންގިއެވެ. އެކަމަކު ޕާޓީތައްވީ އިތުރެވެ. މަސްދަތުރުތައްވީ ގިނައެވެ. އަލުން ޕޮޒިޓިވް ކޭސްތައް ގިނަވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން މަޖުބޫރުވީ އެ ސަބަބާ ހުރެއެވެ.

ހައްލަކީ ފަރުދީ ޒިންމާ އަދާކޮށް ރައްކާތެރިވެ ތިބުން؛

މިދިޔަމަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަފްޒަލް ވިދާޅުވެފައިވާ ގޮތުގައި، ދުނިޔޭގެ ބައެއް ގައުމުތަކުގައި ޕާޓީތަކާއި އެކި ކަހަލަ އެއްވުންތަކަށްދާ މީހުންނާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅިނަމަވެސް، ރާއްޖޭގައި އެފަދަ ފިޔަވަޅުތަކެއް އެޅުމުގެ ވިސްނުމެއް ނުގެންގުޅެއެވެ.

"އެހެން ނަމަވެސް ރާއްޖޭގެ ހާލަތަށް އަންނަމުންދާ ބަދަލުތަކާއި، އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރާ އަސަރުތަކާއި، މުޖުތަމައުގެ ތެރެއިން ފެންނަ ކަންކަމާމެދު އެޗްއީއޯސީގެ ތެރޭގައި ދަނީ މަޝްވަރާކުރަމުން، ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުންވެސް ކޮންމެ ދުވަހަކު މަޝްވަރާކުރަން،"
ޑރ. އިބްރާހިމް އަފްޒަލް

ކޮވިޑް ހުއްޓުވުމުގެ ކޮންމެ ކަމެއްވެސް ގުޅިފައި އޮތީ، ހަރުކަށި އަދަބުތަކެއް ދިނުމަށްވުރެ ބޮޑަށް ފަރުދީ ޒިންމާ އަދާކުރުމާއެވެ. އިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެން ނިއު ނޯމަލް އުސޫލުން ކަންތައްތައް ކުރުމަކީވެސް ކޮންމެ މީހެއްގެ ބޮލުގައި އެޅިފައި އޮތް ވާޖިބެކެވެ. ޕާޓީތަކާއި އެއްވުންތައް ނުބާއްވަން ލަފާ ދީފައި ވަނިކޮށް އެކަން ކުރާ ފަރާތްތަކުގެ މައުލޫމާތު ލިބޭ މީހެއް އެކަން އެޗްޕީއޭއަށް އަންގަން އާއްމުންގެ އެހީތެރިކަމަށް އެޗްޕީއޭ އިން އެދުނީވެސް އެންމެންގެ ރައްކަލަކަށްޓަކައެވެ. އެއީ ހަގީގަތުގައި، ބޭއްވޭ އެއްވުމެއްގެ ސަބަބުން މުޅި މުޖުތަމައު ނުރައްކަލަކަށް ހުށަހެޅޭތީއެވެ.

"އާއްމުންގެ ސަޕޯޓް އަޅުގަނޑުމެން ބޭނުންވާނެ އެފަދަ ކަންކަން އަޅުގަނޑުމެންނަށް އެންގުމުގައި. އޭރުން އަޅުގަނޑުމެންނަށް އެނގޭނެ ކިހާ އަދަދެއްގެ މީހުން އެބަ އުޅޭކަން ޕާޓީ ބާއްވާ، ބޮޑެތި ގެދަރިންސްތައް ބާއްވާ. އެ ކަންކަމަށް ބަލާފައި އަޅުގަނޑުމެންނަށް ފަސޭހަވާނެ އިތުރަށް ފިޔަވަޅެއް އަޅަން. އަދި ހަރުކަށިވާއިރު ވެސް އަޅުގަނޑުމެންނަށް ބުނެވެން އޮންނާނެ މިހާތަނަށް މިގޮތަށް މިތައް ޕާޓީތަކާއި އެއްވުންތައް ބާއްވާފައިވެއޭ. އަޅުގަނޑުމެންނަށް ފެނޭ ޕާޓީތަކާއި މަސްދަތުރު ފަދަ އެއްވުންތައް ބާއްވާ މީހުންނަށް އެކަން ގޯސްކަން އެނގި ހުރެވެސް އެކަން ކުރާތަން. ހަގީގަތުގައި ޕާޓީތަކާއި މަސްދަތުރުތައް ބާއްވާތީ ގެއްލުން މިލިބެނީ ބާއްވާ މީހާއަކަށް ނޫން. އެތަނަށް ދާ ކޮންމެ މީހަކަށްވެސް ނުރައްކާ އެބަ އޮތް. މީގައި ބާއްވާ މީހާގެ ޒިންމާ އޭނާ އަދާނުކުރިޔަސް، އެތަނަށް ދާން ދައުވަތު ލިބޭ މީހާއަށް ފަރުދީ ޒިންމާ އަދާކޮށް ގޭގައި މަޑުކޮށްލެވިދާނެ."
ޑރ. އިބްރާހިމް އަފްޒަލް

ޒަމާނަށް އަންނަ ބަދަލުތަކާއެކު ދިވެހިންގެ އާދަކާދައިގެ ތެރެއަށް ޕާޓީ ބޭއްވުމާއި މަސްދަތުރު ދިއުންފަދަ ހަރަކާތްތައް އޮތީ ވަދެފައެވެ. މިހާރު އެކަން އޮތީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކަމަކަށް ވެފައެވެ. ގިނަބަޔަކު އެކަމުގައި ބައިވެރިވެ އުޅެނީވެސް އާދަވެފައި ހުރުމުންނެވެ.

އެކަމަކު މިވަގުތު އެންމެ މުހިއްމީ ތިމާގެ އަމިއްލަ ހަމަޖެހުން އެކަންޏެއް ނޫނެވެ. މިވަގުތު މުހިއްމީ އެންމެންގެ ރައްކާތެރިކަމެވެ. ތިމާއަށް ބަލީގެ ނުރައްކާ ކުރިމަތިވާއިރު، އެ ބަލި އެ ހުށަހެޅެނީ ގޭގައި އުޅޭ އާއިލާގެ އެހެން މެމްބަރުންނާ ވެސްއެކުއެވެ.

ޕާޓީތަކާއި މަސްދަތުރު ފަދަ މީހުން އެއްވެ އުޅޭގޮތަށް ހިންގާ ހަރަކާތްތައް މިދަނޑިވަޅަށް "އޯކޭއެއް ނޫނެ" ވެ. "ނިއު ނޯމަލް" ގެ ތެރެއިން އަމިއްލަ ރައްކާތެރިކަމަށް މަޑުޖައްސާލަން ޖެހޭ އެންމެ ބޮޑު އެއް ކަމަކީ މިފަދަ ތަންތަނަށް ދާން ލިބޭ ދައުވަތުތަކެވެ.

އެޑިޓަރުގެ ނޯޓު:

މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.