އާދިއްތަ ދުވަހުގެ ރޭ ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް އަދި ލެވަންޓޭ ބައްދަލުކުރި މެޗު 0-2 އިން ރެއާލް މޮޅުވެއްޖެއެވެ.

އެސްޓޭޑިއޯ ޑި ލަ ސެރަމިކާގައި ކުޅުނު މިމެޗު ފެނިގެން ދިޔައީ ވަރަށް ހަމަހަމަ ގޮތެއްގައެވެ.

މެޗު ނިމުނުއިރު ބޯލް ޕޮޒެޝަން 50-50 ގައި ހުރިއިރު ގޯލާއި އަމާޒުވާ ގޮތަށް ދެޓީމަށްވެސް ފޮނުވާލެވިފައިވަނީ 4 ހަމަލާ އެކެވެ.

ފައުލް ގިނަ މިމެޗުގައި ލެވަންޓޭގެ ފަރާތުން 14 ފައުލެއް ފެނުންއިރު އެޓީމުގެ 2 ކުޅުންތެރިއަކަށް ރެފްރީ 2 ރީނދޫ ކާޑެެއް ދެއްކިއިރު ރެއާލްއިން ޖުމްލަ 8 ފައުލެއް ކޮށްފައިވެއެވެ. އަދި ރެއާލްގެ ތަޖުރިބާކާރު ޑިފެންސިވް މިޑްފީލްޑަރ ކަސެމީރޯއަށްވެސް ރެފްރީ ވަނީ ރީނދޫ ކާޑެއް ދަށްކާފައެވެ.

ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ރެއާލްއިން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއްޖަހާ ލީޑު ނަގާފައެވެ. މިލަނޑު މެޗުގެ 16 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ޒުވާން ފޯވާޑް ވިނީޝިއަސް ޖޫނިއާއެވެ.

މިއީ، ލޫކާ މޮޑްރިޗް ނަގައިދިން ކޯނަރެއް ލެވަންޓޭގެ ރުބެން ވެޒޯ ކްލިއަރ ކުރުމަށް ބޮލުން ފޮނުވާލި ބޯޅަ ވިނީޝިއަސްއަށް ލިބުމުން އޭރިއާ ތެރޭހުރެ ފޮނުވާލި ރީތި ހަމަލާ ގޯލްގެ ތެރެއަށް ވަށްދާލައިގެން ކާމިޔާބު ކުރި ގޯލެކެވެ. މިއީ، ވިނިޝިއަސްގެ ކެރިއަރުގައި އޭނާ ޖެހިޖެހިގެން 2 މެޗުގައި ގޯލް ޖެހި ފުރަތަމަ ފަހަރެވެ.

ފުރަތަމަ ހާފުގައި ދެޓީމުންވެސް ގޯލް ޖަހާނެ ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ލެވަންޓޭގެ ނިކޮލާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ދެވަނަ ހާފު ފަށައިގެން ދެޓީމުންވެސް ގޯލެއް ޖެހުމަށް އިތުރު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން ދެވަނަ ހާފުގެ 2 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ރެއާލްގެ ކުޅުންތެރިއަކު ވެއްޓުމުން ރެފްރީ ކުޅުން ހުއްޓާލާ ޕެނަލްޓީއެއްތޯ ބެލުމަށް ވީއޭއާރް ބެލުމަށްފަހު އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމިއެވެ. އޭގެ 3 މިނެޓު ފަހުން ޑީއޭރީ ބޭރުން ބެންޒީމާ ފޮނުވާލި ރީތި ހަމަލާވެސް ފާހަގަ ކޮށްލެވެއެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ލެވަންޓޭގެ އެނިސް ބަރްޑީ ދުރުން ފޮނުވާލި ބާރުހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ ރެއާލްގެ ކީޕަރު ކޯޓުއާއެވެ.

ދެޓީމުންވެސް ރަނގަޅު ކުޅުމެއް ދެއްކި މިމެޗުގައި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ރެއާލްގެ ޒުވާން ފޯވާޑް ރޮޑްރިގޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި މެޗުގެ 2 ވަނަ ގޯލް ރެއާލްއަށް ކާމިޔާބު ކޮށްދިނީ ކަރީމް ބެންޒީމާއެވެ.

މި މޮޅާއެކު ރެއާލް އޮތީ ޕޮއިންޓް ޓޭބަލްގެ 1 ވަނައިގައި 4 މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ.