ފަރަންސޭސި ރައީސް އިމަނުއެލް މެކޯން، އިސްލާމްދީނާ ގުޅޭގޮތުން ދެއްކެވި ވާހަކަތައް މިސްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީން ވަރަށް ބޮޑަށް ކުށްވެރިކޮށް، ފަރަންސޭސި ރައީސަށް ވަރުގަދަ ރައްދެއް ދީފިއެވެ.

އަލް-އަޒްހަރު ޔުނިވަރސިޓީގެ އިލްމުވެރިން ވިދާޅުވެފައިވަނީ، އިސްލާމްދީނާ ގުޅުވައި ފަރަންސޭސި ރައީސް ދެއްކެވި ވާހަކަތަކީ ނަސްލީ ތަފާތުކުރުމުގެ އަދި އިސްލާމްދީނާމެދު މީހުންގެ ހިތުގައި ނަފްރަތު އުފެދޭ ވާހަކަތަކެއް ކަމަށެވެ.

ފަރަންސޭސި ރައީސް އިމެނުއެލް މެކޯން އިސްލާމްދީނާއި ހަރުކަށި ފިކުރާ ގުޅުވައި ވާހަކަތަކެއް ދައްކަވާފައިވަނީ، ފަރަންސޭސިވިލާތުގައި އޮތް ސެކިއުލަރ އުސޫލުތައް ހިޔާމަތްކޮށް ދިފާއުކުރެއްވުމަށް އަޅުއްވާ އައު ފިޔަވަޅުތައް މިދިޔަ ހުކުރުދުވަހު އާންމު ކުރައްވަމުންނެވެ.

ފަރަންސޭސި ރައީސް ވިދާޅުވެފައިވަނީ، އިސްލާމްދީނަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި "ކާރިޘާއެއްގެ ތެރޭގައި އޮތް ދީނެއް" ކަމަށެވެ.

މެކޯންއަށް ރައްދުދީ، އަލް-އަޒްހަރު ޔުނިވަރސިޓީގެ އިސްލާމިކް ރިސާޗް އެކަޑަމީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްލާމްދީނާ ގުޅުވައި ފަރަންސޭސި ރައީސް ދެއްކެވި ވާހަކަތަކަކީ ދޮގު އިލްޒާމުތަކާއި ތުހުމަތުތަކެއް ކަމަށެވެ.

"އިސްލާމްދީނާ ގުޅުވައި އޭނާ ކުރެއްވީ ދޮގު ތުހުމަތުތަކެއް. އޭނާ ދެއްކެވި ވާހަކަތަކާއި އިސްލާމްދީނުގެ ހަގީގީ އުސޫލުތަކާއި ހަމަތަކާ އެއްވެސް ގުޅުމެއްނެތް"
އިސްލާމިކް ރިސާޗް އެކަޑަމީ

މިސްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީއަކީ އިސްލާމީ އުންމަތުގެ އެންމެ ގަދަރުވެރި އެއް ޔުނިވަރސިޓީއެވެ. އަދި އެތަނަކީ، މިސްރުގައި ދީނީ ކަންކަމުގައި އެންމެ ފަހުބަސްކިޔާ ތަންވެސް މެއެވެ.

އަލް-އަޒްހަރު ޔުނިވަރސިޓީގެ އިސްލާމިކް ރިސާޗް އެކަޑަމީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފަރަންސޭސި ރައީސް ނަސްލީގޮތުން މުސްލިމުންނާ ދިމާކޮށް ދެއްކެވި ވާހަކަތަކަކީ ދުނިޔޭގައި އުޅޭ ދެބިލިއަން މުސްލިމުންގެ އިހްސާސްތަކާ ކުޅެލުން ކަމަށާއި، އެކަމުގެ ސަބަބުން މުސްލިމުންގެ ހިތުގައި ނަފްރަތު އުފެދުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

އެ ޒާތުގެ ވާހަކަތަކުގެ ސަބަބުން ބިނާކުރަނިވި މަޝްވަރާއަށް އޮންނަ މަގުތައްވެސް ބަންދުވެގެންދާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އިސްލާމްދީނާއި އަދި އެހެން ދީންތަކާ ގުޅޭގޮތުންވެސް ފަތުރާ ދޮގުވާހަކަތަކަކީ، އެފަދަ ދީންތައް ގޮވާލާ ކަންކަމާ ދިމާ އިދިކޮޅު، ކަނޑައެޅިގެން ދެކޮޅު ވާހަކަތަކެއް ކަމަށްވެސް އަލް-އަޒްހަރު ޔުނިވަރިސިޓީން ބުނެފައި ވެއެވެ.

އަމިއްލަ މަންފާއަށް މަސްލަހަތު ނަގާލަން ދީނާ ގުޅުވައިގެން ތަފާތު ވާހަކަ ދައްކާ ފަރާތްތައް އަލް-އަޒްހަރު ޔުނިވަރސިޓީގެ ބަޔާނުގައި ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައިވެސް ވެއެވެ.

އިސްލާމްދީނާ ގުޅުވައި ސާބިތުނުހިފޭ ދޮގު ވާހަކަތައް ދައްކާތީ، އަލް-އަޒްހަރު ޔުނިވަރސިޓީގެ އިސް އިމާމް ޝައިޚް އަހްމަދު އައް-ތާއިބުވެސް މިދިޔަ ބުރާސްފަތިދުވަހު ވަނީ ވަރަށް ބޮޑަށް ކޯފާއިސްކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

އޭނާ ވަނީ، ހުޅަނގުގެ އޮފިޝަލުން "އިސްލާމީ ޓެރަރިޒަމް" އޭ ކިޔައި ވާހަކަ ދައްކާތީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. އިމާން އަހްމަދު އައް-ތާއިބު ވިދާޅުވީ، އެއީ އިސްލާމްދީނުގެ ހަގީގަތް އޮޅުވާލަން އެމީހުން ކިޔާ އެއްޗެއް ކަމަށެވެ.

"އިސްލާމީ ޓެރަރިޒަމް" އޭ އެމީހުން ކިޔަނީ، އިސްލާމްދީނަށާއި މުސްލިމުންނަށް ފުރައްސާރަކުރުމަށް ކަމަށާއި، އެފަދައިން އެކަން ނުކުރުމަށް އަލް-އަޒްހަރު ޔުނިވަރސިޓީގެ އިސް އިމާމް ޝައިޚް އަހްމަދު އައް-ތާއިބު ހުޅަނގުގެ އޮފިޝަލުންނަށް އިންޒާރުވެސް ކުރައްވާފައި ވެއެވެ.