އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލަކީ ރާއްޖޭގެ މީޑިއާއަށް ބިރެއް އޮތް ބިލެއް ނޫން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް ހުށަހެޅުމަށް ނިންމާފައިވާ 28 ބިލުގެ ތެރޭގައި އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު ހިމެނިފައިވާތީ އެކަމާ ގުޅިގެން ބައެއް ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގައި ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ބަންޑާރަ ނައިބް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ހުސެއިން ހަސަން ވިދާޅުވީ، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލަކީ ރާއްޖޭގެ މީޑިއާއަށް ނުވަތަ ނޫސްވެރިންނަށް ބިރެއް އޮތް ބިލެއް ނޫން ކަމަށެވެ.

މިބިލަކީ އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދޭ ބިލެއް ކަމަށާއި މިހާރު އޮތް ގަވާއިދަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާ ގަވާއިދެއް ކަމަށާއި ބަންޑާރަ ނައިބުގެ އޮފީހުން އަލުން ހުށަހަޅާ ބިލުގައިވެސް އޮތީ ހަމަ އެގޮތަށް ކަމަށް ހަސަން ވިދާޅުވިއެވެ.

"މީޑިއާތަކަށް އަމާޒުކޮށްގެން ވަކި ޙާއްސަ މާއްދާތަކެއް އަޅުގަނޑުމެން އެބިލުގައި ހިމަނާފައެއް ނުވާނެ. އަދި ކުރިން އަބުރުގެ ބިލު އޮތް ގޮަތަކަށް އަޅުގަނޑުމެން އަލަށް ހުށަހަޅާ ބިލުގަ ނޯންނާނެ."
ބަންޑާރަ ނައިބް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ހުސެއިން ހަސަން

އަލަށް ހުށަހަޅާ ބިލުގެ މައިގަނޑު މަގުސަދަކީ މިހާރު އޮތް އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ ދަށުން ހުރި ގަވާއިދުތަކަށް ގާނޫނީ ބާރުވެރިކަން ދިނުން ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި އަބުރާ ބެހުމުގެ ސަބަބުން ބަދަލު ނަގައިދިނުން އޮތީ ދައުލަތަށް ލިބޭ އާމްދަނީއެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މީޑިއާތައް ޖޫރިމަނާކޮށް ދައުލަތަށް އާމްދަނީ ލިބޭގޮތަށް އަބުރުގެ ގަނޫނެއް ބައްޓަންކުރަން ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

އަދި މިބިލު ގާނޫނަކަށް ވެގެން އަންނައިރުވެސް، އަބުރާއި ބެހުމުގެ ކުށް ހިމަނާފައި އޮންނާނީ، މަދަނީ ކުށެއްގެ ގޮތުގައި ކަމުގައި ހަސަން ވިދާޅުވިއެވެ.