ކުރީގެ ނައިބުރައީސް އަހުމަދު އަދީބު 20 އަހަރަށް ޖަލަށް ލުމަށާއި، 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ވަނީ މުޅިއެކު 7 ދައުވާއެއް ކޮށްފައެވެ. އެއީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ މި ހަތް ދައުވާއާއި ގުޅިގެން ދައުލަތާއި އަދީބާ ދެމެދު ގާއިމްކުރި އިއުތިފާރުގެ އެއްބަސްވުމުގައި އަދީބު ވަނީ މި ހަތް ދައުވާއަށް އެއްބަސްވެވަޑައިގެންފައެވެ. އެއާއެކު އަދިބުގެ މައްޗަށް މުޅިއެކު 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި 2 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އިއްޔެއިން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން ވަނީ ހުކުމްކޮށްފައެވެ.

އެގޮތުން ހިޔާނާތުގައި ބައިވެރިވުމުގެ ފުރަތަމަ ދައުވާއަށް 4 އަހަރާއި، 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ހިޔާނާތުގައި ބައިވެރިވުމުގެ ދެވަނަ ދައުވާއާއި ގުޅިގެން 2 އަހަރާއި، 4 މަސް އަދި 24 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ.

މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާއާއި ގުޅިގެން 5 އަހަރާއި 11 މަހަށް ޖަލަށްލައި، 1 މިލިއަން ރުފިޔާއިން ޖޫރީމަނާކުރަން ހުކުމްކޮށްފައިވެއެވެ. އަދި މަނީ ލޯންޑަރިންގެ ދެވަނަ ދައުވާއާއި ގުޅިގެންވެސް 5 އަހަރާއި 11 މަހަށް ޖަލަށްލައި، 1 މިލިއަން ރުފިޔާއިން ޖޫރީމަނާކުރަން ވަނީ ހުކުމްކޮށްފަައެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއާއި ގުޅިގެން 6 މަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދއުވާއާއި ގުޅިގެން 1 މަހާ 15 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއާއި ގުޅިގެން 3 މަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ.

މި ދައުވާތަކުގެ ތެރެއިން ޚިޔަނާތުގައި ބައިވެރިވުމުގެ ދެ ދައުވާއެއް އަދީބުގެ މައްޗަށް އުފުލާފައިވަނީ ކުރީގެ ނައިބު ރައީސްކަމާއި، ޓުއަރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކޮށްފައިވާ ފަޅުރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވެފައިވާތީއެވެ.

މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ކޮށްފައިވަނީ ޤާނޫނައި ޤަވައިދާ ހިލާފަށް ބިޑު ކުރުމަކާއި ނުލައި، މި ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށް، ބަޔަކަށް ނުހައްގުން ފައިސާތަކެއް ހޯދައިދީފައިވާތިއެވެ.

އަދި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވަނީ ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަދީބުގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން އެފައިސާތައް ބެނުންކޮށްފައިވާތީއެވެ.

އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފަައިވީނަމަވެސް، މި މައްސަލަތަކާއި ގުޅިގެން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޖަލުގައި ހުންނެވީތީ، އަދީބު ދެން ތަންފީޒުކުރަންޖެހޭނި 19 އަހަރުގެ ޖަލު ހުކުމެކެވެ.