ކުރީގެ ސަރުކާރުން ރައްޔިތުންގެ މުއްސަނދިކަން ނުހައްގުން ބޭނުންކުރަމުން ދިޔަކަން މިއަދު ސާބިތުވެއްޖެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން، ކުރީގެ ނައިބް ރައީސް އަހުމަދު އަދިބުގެ މައްޗަށް އިއްޔެ 20 އަހަރުގެ ޖަލު ހުކުމެއްކޮށް، 2 މިލިއަން ރުފިޔާއިން ޖުރިމަނާކުރަން ހުކުމްކުރުމާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2105 ވަނަ އަހަރުގެ މޭމަހުގެ 1 ވަނަ ދުވަހު ނުވަތަ މޭޑޭގައި އެތައް ބައިވަރު ރައްޔިތުންނާއެކު މަގުމައްޗަށް ނިކުމެ ދެއްކީ އޭރުގެ ސަރުކާރުގެ ވެރިން ނުހައްގުން ރައްޔިތުންގެ މުއްސަނދިކަން ބޭނުންކުރަމުންދިޔަ ވާހަކަ ކަމަށެވެ.

އެމްއެމްޕީޢާރުސީގެ 1.3 ބިލިއަން ރުފިޔާއަށް ޚިޔާނަތްތެރި ވެފައިވާކަމަށް އަދީބު އެއްބަސްވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ އިމްރާން ވިދާޅުވީ، މިއަދު އެކަަމުގައި ޝާމިލުވި ފަރާތްތަކުގެ އިއުތިރާފާއެކު ކުރީގެ ސަރުކާރުން ރައްޔިތުންގެ ހައްގުތަކަށް އަރއިގެންފައިވާކަން ޝަރީއަތަށް ސާބިތުވަމުން ދާކަމަށެވެ.

އަދި މިސަރުކާރުން އެއްވެސް މިހަކަށް އަނިޔާވެރި ނުވާނެ ކަމަށާއި، އަދުލުވެރިކަމާއެކު ރައްޔިތުންގެ ހައްގުތައް ހޯދައިދޭނެ ވާހަކަ އަބަދުވެސް ބުނަމުންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް 7 ދައުވާއެއް އުފުލިއިރު، އަދީބުވަނީ އެކަންކަމަށް އެއްބަސްވެވަޑައިގެންފައެވެ.

އެކަމާ ގުޅިގެން، އަދީބު 20 އަހަރަށް ޖަލަށް ލުމަށާއި، 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެވަނީ ހުކުމް ކޮށްފައެވެ. ޖޫރިމަނާ ފައިސާ 1 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަންވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވީނަމަވެސް މިމައްސަލައާއި ގުޅިގެން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އަދީބުހުރީ ޖަލުގައިކަމުން އަދީބު ދެެން ފުރިހަމަ ކުރަންޖެހޭނީ 19 އަހަރުގެ މުއްދަތެކެވެ.